ދިވެހިރާއްޖޭގައި ކުރެވޭ ސިއްޙީ ދިރާސާތަކުގެ މަޢުލޫމާތު އެކުލަވާލައިގެން ނެރޭ "މޯލްޑިވްސް ހެލްތު ރިސާރޗް ބުލެޓިން"ގެ 11 ވަނަ ވޮލިއުމް، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން މިއަދު އާންމުކޮށްފިއެވެ.
މި ބުލެޓިން އާންމުކޮށްފައި ވަނީ އެ ވުޒާރާގައެވެ.
މިއީ ރާއްޖޭގައި ކުރެވޭ ސިއްޙީ ދިރާސާތަކުގެ މައުލޫމާތު އެއްތަނަކުން ލިބޭނެ ގޮތް ހެދުމަށްޓަކައި އެ ވުޒާރާއިން ކޮންމެ އަހަރަކު ވެސް ޝާއިއުކުރަމުން އަންނަ ބުލެޓިންއެކެވެ.
ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ބުނީ، "މޯލްޑިވްސް ހެލްތު ރިސާރޗް ބުލެޓިން" ޝާއިއުކުރުމުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގައި ހެދޭ ޞިއްޙީ ދާއިރާއާ ގުޅުންހުރި ދިރާސާތަކުގެ މަޢުލޫމާތުތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުން ކަމަށެވެ. އަދި ރާއްޖޭގައި ސިއްޙީ ދިރާސާ ކުރުމުގެ ރޫހު އާލާކޮށް، ދިރާސާ ކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަކީ ވެސް މި ބުލެޓިން ނެރުމުގެ ބޭނުމެއް ކަމަށް އެ ވުޒާރާއިން ބުނެއެވެ.
މި ފަހަރު ނެރުނު ބުލެޓިންގައި ސިއްޙީ އެކި ދާއިރާތަކާ ގުޅޭ 12 ދިރާސާއެއްގެ އެބްސްޓްރެކްޓް ވަނީ ހިމަނައިފައެވެ. އޭގެ ތެރޭގައި މައިންނާއި ކުޑަކުދިންގެ ސިއްހަތާއި، ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލްކުރުމާ ގުޅޭ ދިރާސާތައް ހިމެނެއެވެ. ހަމައެއާއެކު، ނަފްސާނީ ދުޅަހެޔޮކަމާއި ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ އާންމު ސިއްޙަތާ ގުޅުންހުރި ދިރާސާތައް ވެސް މި އަދަދުގައި އެކުލެވިގެންވެއެވެ.
މީގެ އިތުރުން، ބަލިމީހުންނަށް ފަރުވާ ދިނުމުގެ ގޮތުން ހަދާ ސާރޖިކަލް ޕްރޮސީޖަރތަކާއި ބޭނުންކުރާ ބޭހާ ގުޅުންހުރި ދިރާސާތައް ވެސް ބުލެޓިންގައި ހިމަނާފައިވާ ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ. އަދި ނެޝަނަލް ހެލްތު ރިސާރޗް ކައުންސިލާއި، ސިއްޙީ ދިރާސާތަކަށް ހުއްދަ ދެވޭ ގޮތުގެ ތަފުސީލުތައް ވެސް މި ފޮތުން ލިބެން ހުންނާނެއެވެ.
މި ބުލެޓިންގައި ވަނީ ރާއްޖޭގައި ސިއްޙީ ދިރާސާކުރުމަށް އެންމެ އިސްކަންދެވޭ ދާއިރާތަކާއި، ކައުންސިލުން ހުއްދަ ދީފައިވާ ދިރާސާތަކުގެ ލިސްޓެއް ވެސް ހިމަނައިފައެވެ. އެ ވުޒާރާއިން ފާހަގަކުރި ގޮތުގައި، މި ބުލެޓިން އާންމުކުރުމަކީ ރާއްޖޭގައި ސިއްޙީ ދިރާސާކުރުން އިތުރަށް ހަރުދަނާކޮށް، ދިރާސާތަކަށް މަގުފަހިވާ ފަދަ މާހައުލެއް ޤާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!