ށ. މާއުނގޫދޫ ސްކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން އެ ރަށުގައި ކުރިއަށްގެންދިޔަ "ފަތަމާ ހިނގާ" ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ސްކޫލުގެ ޕީޓީއޭގެ އިސްނެގުމާއެކު، ސްކޫލާއި މާއުނގޫދޫ ކައުންސިލް ގުޅިގެން ކުރިއަށްގެންދިޔަ މި ހަރަކާތަކީ ގްރޭޑް 1 އިން 9 އާ ދެމެދުގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ހިންގި ޕްރޮގްރާމެކެވެ.

Ad
rt

މާއުނގޫދޫ ކައުންސިލްގެ ރައީސް މުޙައްމަދު އިރުފާމް "ތިލަދުން"އަށް ވިދާޅުވީ، މި ޕްރޮގްރާމުގައި ޖުމްލަ 165 ދަރިވަރުން ބައިވެރިވިކަމަށާއި، އޭގެ ތެރެއިން 90 އިންސައްތަ ކުދިންނަކީ ކުރިން ފަތަން ނޭނގޭ ކުދިންކަމަށެވެ. ނަމަވެސް، މި ޕްރޮގްރާމް ފުރިހަމަކުރި ކުދިންގެ ތެރެއިން 97 އިންސައްތަ ކުދިން މިހާރު ވަނީ ފަތަން ދަސްކޮށްފައިކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މި ޕްރޮގްރާމްގެ އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތްކުރެއްވީ، ރަށްރަށުގައި ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގަމުން އަންނަ ސްވިމިންގ އެސޯސިއޭޝަންގެ ނައުފަލް މޫސާއެވެ. މި ޕްރޮގްރާމްގެ ތެރެއިން 50 މީޓަރަށް ފެތި ދަރިވަރުންނަށް ސްވިމިންގ އެސޯސިއޭޝަންގެ ސެޓްފިކެޓް ވަނީ ދީފައެވެ.

މާއުނގޫދޫ ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި މި ޕްރޮގްރާމަކީ ރަށުގެ ހުރިހާ މުއައްސަސާތަކެއްގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުމާއެކު ކާމިޔާބުކަމާއެކު ކުރިއަށްގެންދިޔަ މަސައްކަތެކެވެ. މިކަމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށާއި މުއައްސަސާތަކަށް ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.