ތައިލެންޑުގެ ދެކުނުގެ ޕަޓާނީ ޕްރޮވިންސްގައި ބޭއްވި 19 ވަނަ ގައުމީ ކީރިތި ގުރުއާން ކިޔެވުމުގެ މުބާރާތުގެ ވަނަތަކަށް އެ ގައުމުގެ ރަސްގެފާނު މަހާ ވަޖިރަލޮންގްކޯން އަދި ރާނީ ސުތިދާ އިނާމު ދެއްވައިފިއެވެ.

ތާރީޚީ އަދި ކުލަގަދަ މާހައުލެއްގައި ކުރިއަށްދިޔަ މި ރަސްމިއްޔާތަށް ރަސްގެފާނާއި ރާނީ ވަޑައިގެންނެވުމަކީ، ތައިލެންޑުގެ ދެކުނުގައި ދިރިއުޅޭ މުސްލިމް މުޖުތަމައުއަށް ޝާހީ އާއިލާއިން ކުރާ އިހުތިރާމާއި، އެކުވެރިކަމާއި އެއްބައިވަންތަކަން ގާއިމުކުރުމަށް ދެއްވާ އަހައްމިއްޔަތުކަން ހާމަވެގެންދިޔަ ކަމެކެވެ.

Ad
rt

މި ދަތުރުފުޅުގައި އެންމެ ފާހަގަކޮށްލެވުނު އެއް ކަމަކީ، ވެރިރަށް ބެންކޮކްގެ ޑޮން މުއާންގް އެއާފޯސް ބޭހުން ފުރައިގެން ސޮންގްކްލާ ޕްރޮވިންސްގެ ހާތު ޔާއީ އިންޓަނޭޝަނަލް އެއާޕޯޓަށް ޝާހީ ޚާއްސަ މަތިންދާބޯޓު ދުއްވެވީ ސީދާ ރަސްގެފާނު ކަމަށް ވެފައި، ކޯ-ޕައިލެޓެއްގެ ގޮތުގައި އިންނެވީ ރާނީ ސުތިދާ ކަމަށް ވުމެވެ. އެއާޕޯޓަށް ވަޑައިގަތުމުން ސިފައިންގެ އިސް ވެރިންނާއި ސަރުކާރުގެ އޮފިޝަލުން އެ ދެކަނބަލުންނަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ. އެއަށްފަހު ރަސްގެފާނާއި ރާނީ ޕަޓާނީއަށް ދަތުރުފުޅު ކުރެއްވީ ހެލިކޮޕްޓަރުގައެވެ.

ޝާހީ ދެކަނބަލުން ޕަޓާނީގެ ސެންޓްރަލް މިސްކިތަށް ވަޑައިގެންނެވީ އެ ދުވަހުގެ ހަވީރު 5:54 ގައެވެ. މިސްކިތުން އެ ދެކަނބަލުންނަށް މަރުހަބާ ދެންނެވީ ދީނީ އިލްމުވެރިންނާއި އެ ސަރަހައްދުގެ އާންމު ރައްޔިތުންނެވެ. ކޮންމެ އަހަރަކު ވެސް ބާއްވާ މި މުބާރާތުގެ މައިގަނޑު މަގުސަދަކީ ޒުވާނުންގެ މެދުގައި ކީރިތި ގުރުއާނާ މެދު އޮންނަ ވިސްނުން ފުންކުރުމާއި، ގުރުއާން ތިލާވަތުކުރުމުގެ ހުނަރު ކުރިއެރުވުމުގެ އިތުރުން ހިތުދަސްކުރުމުގެ ގާބިލުކަން އިތުރުކުރުމެވެ. މި ރަސްމިއްޔާތުގައި ރަސްގެފާނާއި ރާނީ ވަނީ މުބާރާތުން ވަނަތައް ހޯދި ފަރާތްތަކަށް ޝާހީ ތައްޓާއި ހަނދާނީ އިނާމުތައް ހަވާލުކުރައްވާފައެވެ.

މި މުބާރާތުގެ ފިރިހެން ގޮފިން އެއްވަނަ ހޯދީ ޕަޓާނީ ޕްރޮވިންސް ތަމްސީލުކުރި ތުއާން މޮހަމިނަޔާމާ އެވެ. އަދި އަންހެން ގޮފިން އެއްވަނަ ހޯދީ ނަކޮން ނަޔޮކް ޕްރޮވިންސް ތަމްސީލުކުރި ރަތަނާ ސަހާން އެވެ. މީގެއިތުރުން މުބާރާތުން ދެވަނަ ހޯދި ފަރާތްތަކަށާއި، އެހެނިހެން ވަނަތައް ހާސިލުކުރި ބައިވެރިންގެ އިތުރުން، އިންސާފުކުރެއްވި ތަޖުރިބާކާރު ފަނޑިޔާރުންނާއި މުބާރާތް އިންތިޒާމުކުރި ފަރާތްތަކަށްވެސް ޝާހީ ދެކަނބަލުން ވަނީ ހަނދާނީ އިނާމު ދެއްވާފައެވެ.

ތައިލެންޑްގެ ރަސްގެފާނާއި ރާނީ ޤައުމީ ޤުރްއާން މުބާރާތް ޝަރަފްވެރިކޮށްދެއްވަން ވަޑައިގެން ޕަޓާނީގެ ސެންޓްރަލް މިސްކިތުގައި މުސްލިމް ދީނީ ޢިލްމްވެރިންނާއެކު، ފޮޓޯ: ޝާހީ ޢާއިލާގެ އެކްސް ޕޯސްޓް

އިނާމު ދިނުމުގެ ރަސްމިއްޔާތަށްފަހު، އެ މިސްކިތުގައި އިންތިޒާމުކޮށްފައިވާ މައުރަޒަކަށް ރަސްގެފާނާއި ރާނީ ޒިޔާރަތްކުރެއްވިއެވެ. މި މައުރަޒުގައި އެ ސަރަހައްދުގެ ފަންނުވެރިކަމާއި، ތައިލެންޑުގެ ސަގާފީ ފަށުވި އަދި ދެމެހެއްޓެނިވި އިޖުތިމާއީ ތަރައްގީގެ މަސައްކަތްތައް ދައްކާލާފައިވެއެވެ. މީގެ އިތުރުން، ޕަޓާނީގެ ހުނަރުވެރި ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދޭ "ރޯޔަލް ސްކޮލަޝިޕް ފައުންޑޭޝަން" ގެ ކާމިޔާބީތައްވެސް ހިމަނާފައިވެއެވެ. އެ ސަރަހައްދުގެ ނިކަމެތި އާއިލާތަކުގެ ގެދޮރު މަރާމާތުކުރުމާއި، ލޮލުގެ ކެޓަރެކްޓް ސާޖަރީ ހިލޭ ކޮށްދިނުމާއި، ގޮހޮރުގެ ކެންސަރު ދެނެގަތުމުގެ ޕްރޮގްރާމްތައް ފަދަ އާންމުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ހިންގާ ޝާހީ މަޝްރޫއުތަކާމެދު ރަސްގެފާނު ވަނީ ހިތްޕުޅުހަމަޖެހުން ފާޅުކުރައްވާފައެވެ.

އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ޝާހީ އެހީތެރިކަމުގެ ދަށުން ފަރުވާ ހޯދަމުން އަންނަ ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުންނާ ބައްދަލުކުރައްވައި، އެ ފަރާތްތަކަށާއި އާއިލާތަކަށް ރަސްގެފާނާއި ރާނީ ހަދިޔާ ދެއްވިއެވެ. އަދި އެ ދަތުރުފުޅާ ގުޅުވައިގެން ކުރިއަށްގެންދިޔަ ޝާހީ މޯބައިލް މެޑިކަލް ކޭމްޕުގެ ތެރެއިން، ޚާއްސަ ޑޮކްޓަރުންގެ ލަފައާއި ދަތުގެ ފަރުވާ ހިމެނޭހެން ޖުމްލަ 787 މީހުންނަށް ހިލޭ ސިއްހީ ޚިދުމަތް ފޯރުކޮށްދީފައިވެއެވެ. މި ހަރަކާތް ނިންމާލުމުގެ ގޮތުން ޝާހީ ބަދިގެއިން ތައްޔާރުކުރި ހަލާލު ކާނާ އާންމުންނަށް ބަހާފައިވާއިރު، އިސްލާމީ އިލްމުވެރިން ވަނީ ގައުމަށާއި ޝާހީ އާއިލާއަށް ހެޔޮ ދުއާ ކޮށްދެއްވާފައެވެ.

ތައިލެންޑްގެ ރަސްގެފާނާއި ރާނީ ޤައުމީ ޤުރްއާން މުބާރާތް ޝަރަފްވެރިކޮށްދެއްވަން ވަޑައިގެން ޕަޓާނީގެ ސެންޓްރަލް މިސްކިތުގައި މުސްލިމް ދީނީ ޢިލްމްވެރިންނާއެކު، ފޮޓޯ: ޝާހީ ޢާއިލާގެ އެކްސް ޕޯސްޓް

ތައިލެންޑްގެ މުސްލިމް އާބާދީ އާއި ބެހޭ ޚުލާޞާއެއް

ތައިލެންޑު ތައިލެންޑުގެ ސަރުކާރުގެ ރަސްމީ ހިސާބުތަކާއި ބޯހިމެނުމުގެ މައުލޫމާތުތައް ދައްކާގޮތުން، ތައިލެންޑްގައި ދެވަނަ އަށް އެންމެ ގިނަ އާބާދީ އަކީ މުސްލިމުންނެވެ. އެގައުމުގެ ސަރުކާރުގެ ހިސާބުތަކުން މުސްލިމުންނަކީ ތައިލެންޑުގެ ޖުމްލަ އާބާދީގެ ގާތްގަނޑަކަށް %5 އާއި %5.4 އާ ދެމެދުގެ ނިސްބަތެކެވެ. މިއީ ގާތްގަނޑަކަށް 3.5 މިލިއަން އާއި 3.8 މިލިއަން އާ ދެމެދުގެ މީހުންނެވެ.

ސަރުކާރު ނޫން ޖަމިއްޔާތަކާއި، އެ ގައުމުގެ އިސްލާމީ އިސްވެރިންނާއި، މިނިވަން ދިރާސާވެރިން އަންދާޒާކުރާ ގޮތުގައި މި ނިސްބަތް މިއަށްވުރެ މައްޗެވެ. އެއީ %7 އާއި %12 އާ ދެމެދުގެ އަދަދެކެވެ. މި އަންދާޒާއިން ދައްކާގޮތުގައި މުޅި ގައުމުގައި 5 މިލިއަން އާއި 7.5 މިލިއަނާ ދެމެދުގެ އަދަދަކަށް މުސްލިމުން ދިރިއުޅެއެވެ.

ތައިލެންޑުގެ މުސްލިމުންގެ ބޮޑު އަގުލަބިއްޔަތެއް ދިރިއުޅެނީ ދެކުނު ބޯޑަރު ސަރަހައްދުގެ ޕްރޮވިންސްތަކުގައެވެ. ދެކުނުގެ މި ސަރަހައްދުތަކުގައި، އާބާދީގެ އަގުލަބިއްޔަތު ހިއްސާކުރަނީ މުސްލިމުން (ގާތްގަނޑަކަށް %70 އިން %80)ނެވެ. އެއީ ޕަޓާނީ، ޔަލާ، ނަރާތިވަތު، ސަތޫން އަދި ސޮންގްޚްލާގެ ބައެއް ސަރަހައްދުތަކެވެ.

ދެކުނު ބޯޑަރު ސަރަހައްދުގެ ގިނަ މުސްލިމުން ނިސްބަތްވަނީ (ތައި މެލޭ) މެލޭ ނަސްލަށެވެ. މި މީހުން ވާހަކަދައްކަނީ ކެލަންޓަން-ޕަޓާނީ މެލޭ ބަހުރުވައިން ކަމަށްވާއިރު، އެމީހުންގެ ޚާއްސަ ސަގާފީ އާދަކާދަތަކެއް ގެންގުޅެއެވެ.

ޤުރްއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވުމަށްފަހު ރަސްގެފާނާއި ރާނީ އެތަނަށް އެއްވި މުސްލިމުންނާ ބައްދަލުކުރަށްވަނީ، ފޮޓޯ: ޝާހީ އާއިލާގެ އެކްސް ޕޯސްޓް

ދެކުނުގެ ޕްރޮވިންސްތައް ފިޔަވައި އެންމެ ގިނަ އަދަދަކަށް މުސްލިމުން ދިރިއުޅެނީ ބެންކޮކް ގައެވެ. ބޮޑެތި މުސްލިމް އާބާދީތައް އެންމެ ބޮޑަށް އެއްވެފައިވަނީ އިރުމަތީ ޑިސްޓްރިކްޓްތައް ކަމަށްވާ ނޮންގް ޗޮކް، މިން ބުރީ، ސުއާން ލުއާންގް އަދި ބަންގް ރަކް ގައެވެ. އަދި މީގެ އިތުރުން އަޔުތަޔާ، ޕަތުމް ތާނީ، އަދި ޗަޗޮއެންގްސާއޯ ފަދަ މެދުތެރޭގެ ޕްރޮވިންސްތަކުގައި ވެސް މުސްލިމް އާބާދީތައް ފެތުރިފައިވެއެވެ.

އުތުރާއި އިރުއުތުރު ތައިލެންޑަށް ބަލާއިރު ޗިއަންގް މައި އަދި ޗިއަންގް ރައި ފަދަ އުތުރުގެ ސިޓީތަކުގައި ޗިން ހޯ (ޔުނާން އިން ހިޖުރަކޮށްފައިވާ ޗައިނާ ދަރިކޮޅުގެ މުސްލިމުން) ގެ ފާހަގަކޮށްލެވޭ އާބާދީއެއް ދެކުނު އޭޝިއާ ދަރިކޮޅުގެ މުސްލިމުންނާ އެކު ދިރިއުޅެއެވެ.

ތައިލެންޑްގެ މިނިސްޓްރީ އޮފް އިންޓީރިއާ އަދި ސެންޓްރަލް އިސްލާމިކް ކައުންސިލް އޮފް ތައިލެންޑުގައި ރަޖިސްޓްރީކޮށްފައިވާ ރަސްމީ ހިސާބުތަކަށް ބަލާއިރު، އެ ގައުމުގައި ރަޖިސްޓްރީކޮށްފައިވާ 4،000 އަށް ވުރެ ގިނަ މިސްކިތް ހުރެއެވެ. (ރަސްމީ ރެކޯޑުތަކުން ދައްކާ ގޮތުގައި ގާތްގަނޑަކަށް 4،037 އާއި 4،040 އާ ދެމެދުގެ މިސްކިތް). ތައިލެންޑުގައި ހުރި ހުރިހާ މިސްކިތްތަކުގެ ގާތްގަނޑަކަށް %85 (3،400 އަށް ވުރެ ގިނަ މިސްކިތް) ހުންނަނީ ދެކުނުގެ ސަރަހައްދުގައެވެ. އެއް ޕްރޮވިންސެއްގައި އެންމެ ގިނަ މިސްކިތް ހުރީ ޤުރްއާން މުބާރާތް ބޭއްވި ޕަޓާނީ ޕްރޮވިންސްގައެވެ. އެއީ 630 އަށް ވުރެ ގިނަ މިސްކިތެވެ. ވެރިރަށް ބެންކޮކްގައި އެކަނިވެސް ގާތްގަނޑަކަށް 180 އާއި 200 އާ ދެމެދުގެ އަދަދަކަށް މިސްކިތް ހުރެއެވެ.