ރާއްޖޭގައި ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުންނާއި، ފަސް މިލިއަން ގަސް އިންދުމުގެ ގައުމީ ލަނޑުދަނޑި ހާސިލުކުރުމަށް 10 ރަށެއްގައި އެގްރޯފޮރެސްޓްރީ ދަނޑުތައް ގާއިމުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު ނާއިފެވެ. އަދި މި މަޝްރޫއަށް ބިން ހަމަޖައްސައިދިން ރަށްތަކުގެ ފަރާތުން ސޮއިކުރެއްވީ އެ ރަށްރަށުގެ ކައުންސިލުތައް ތަމްސީލުކުރެއްވި މެންބަރުންނެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން އެގްރޯފޮރެސްޓްރީ ދަނޑުތައް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ހއ. ބާރަށާއި، ރ. އިނގުރައިދޫގެ އިތުރުން ކ. އަތޮޅުގެ ތިން ރަށެއް ކަމަށްވާ ކާށިދޫ، މާފުށި އަދި ތުލުސްދޫގައެވެ. މީގެއިތުރުން މ. ވޭވަށާއި، ލ. އިސްދޫ، ގއ. ގެމަނަފުށި، ގދ. ހޯޑެއްދޫ އަދި ގދ. ފިޔޯރީގައި ވެސް މި ދަނޑުތައް ތަރައްގީކުރުމަށް ވަނީ ނިންމައިފައެވެ.

އެގްރޯފޮރެސްޓްރީއަކީ އެއް ދަނޑެއްގައި ގަސްގަހާގެއްސާއި އެކި ބާވަތުގެ ދަނޑުގޮވާން އެކީގައި އިންދައިގެން ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކުރާ ދަނޑުވެރިކަމުގެ ނިޒާމެކެވެ. ދަނޑުވެރިކަމާ ބެހޭ ވުޒާރާއާއި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ގާއިމުކުރަނީ ދެ ހެކްޓަރާއި ހަތަރު ހެކްޓަރާ ދެމެދުގެ ބޮޑުމިން އެކުލެވޭ، ޒަމާނީ ފެންވަރަށް ތަރައްގީކުރާ ނަމޫނާ ދަނޑުތަކެކެވެ.

10 ރަށެއްގައި އެގްރޯފޮރެސްޓްރީ ދަނޑުތައް ގާއިމުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރުން، ފޮޓޯ: ދަނޑުވެރިކަމާ ބެހޭ ވުޒާރާ

މި ދަނޑުތަކުގައި މައިގަނޑު ގޮތެއްގައި ހައްދަން ހަމަޖެހިފައިވަނީ ރާއްޖޭގެ ތިމާވެއްޓާ ގުޅޭ ދިގުމުއްދަތުގެ ބާވަތްތަކާއި ކުރު މުއްދަތެއްގައި ހެއްދޭ ކާނާގެ ބާވަތްތަކެވެ. ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ، މީގެ ސަބަބުން ދިގުމުއްދަތަކަށް ކާނާ އަދި މުޑުވައްގަސް އުފެއްދުމަށް މަގުފަހިވެ، ބޭރުން ތަކެތި އެތެރެކުރުމަށް ކުރަންޖެހޭ ހަރަދު ކުޑަކުރެވިގެންދާނެ ކަމަށެވެ.

މި ދަނޑުތައް ބަލަހައްޓައި ހައްދަމުން ގެންދާނީ ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ ފަންނީ ލަފާގެ ދަށުން ކައުންސިލްތަކުންނެވެ. އަދި މި ދަނޑުތަކުގެ ޒަރީއާއިން ރަށްރަށުގެ ދަނޑުވެރިންނަށް ރައްކާތެރިކަމާއެކު ދަނޑުވެރިކަން ކުރުމުގެ ފަންނީ މައުލޫމާތާއި ތަމްރީނު ލިބިގެންދާނެ ކަމަށް ވެސް އެ ވުޒާރާއިން ބުނެއެވެ.

މި މަޝްރޫއުގެ އަމާޒަކީ ކާނާގެ ޔަގީންކަން އިތުރުކުރުމުގެ އިތުރުން ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބޭނުންވާ 400،000 އަށްވުރެ ގިނަ ގަސް މި ދަނޑުތަކުން އުފެއްދުމެވެ. މީގެއިތުރުން ރާއްޖޭގެ ދަނޑުވެރިކަން ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ޒަމާނީ ސިނާއަތަކަށް ބަދަލުކުރުމާއި، ރައްކާތެރި ގޮތެއްގައި މޭވާއާއި ތަރުކާރީ އުފައްދައިގެން ގައުމުގެ އުފެއްދުންތެރިކަން އިތުރުކުރުމަކީ ވެސް ސަރުކާރުން ބޮޑު އަހަންމިއްޔަތުކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެކެވެ.