ގްރޭޓަރ މާލެ ސަރަޙައްދުގެ ކަރަންޓުގެ ވިއުގަ އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކާއި ފަރާތްތައް ބައިވެރިވި ޚާއްޞަ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މިއަދު މާލޭގައި ކުރިއަށްދިޔަ މި މަސައްކަތު ބައްދަލުވުމަކީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން އިސްނަގައިގެން ބޭއްވި ބައްދަލުވުމެކެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނީ މި ސްޓޭކްހޯލްޑަރ ކޮންސަލްޓޭޝަން ވަރކްޝޮޕް މައިގަނޑު ގޮތެއްގައި ޚާއްޞަކޮށްފައިވަނީ ގްރޭޓަރ މާލެ ސަރަޙައްދުގެ "ޕަވަރ ސިސްޓަމް މާސްޓަރ ޕްލޭން" އެކުލަވާލުމަށް ކަމަށެވެ. މީގެއިތުރުން ކަރަންޓުގެ އަގު ކަނޑައެޅުމުގެ ސިޔާސަތު ނުވަތަ "ޓެރިފް ސްޓްރެޓެޖީސް" އަދި ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމު ނުވަތަ "ގްރީން މޮބިލިޓީ" އާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.
މާލޭގައި ކުރިއަށްދިޔަ މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނަށް އިތުބާރުހުރި، އަގުހެޔޮ އަދި ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރުމެވެ. މި ބައްދަލުވުމުގައި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި، ހަކަތައިގެ ޚިދުމަތް ދޭ ކުންފުނިތަކުގެ އިތުރުން މި ދާއިރާގެ ފަންނީ މާހިރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ރާއްޖޭގެ ކަރަންޓު އުފައްދާ އަދި ފޯރުކޮށްދޭ އިންފްރާސްޓްރަކްޗަރ މިހާރަށްވުރެ ޒަމާނީކޮށް ވަރުގަދަކުރުމުގެ މައްޗަށެވެ. އަދި ތިމާވެއްޓާ ރައްޓެހި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް، ޚާއްޞަކޮށް އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމުތައް، މިހާރު ހުރި ކަރަންޓު ވިއުގައާ ފުރިހަމައަށް ގުޅާލުމަށް ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައި ވެއެވެ.
މީގެއިތުރުން، ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އާންމު ރައްޔިތުންގެ ޖީބަށް ލުއިވާނޭ ފަދަ ހެޔޮ އަގެއްގައި މެދުކެނޑުމެއްނެތި ކަރަންޓު ފޯރުކޮށްދެވޭނެ ދުރުރާސްތާ ޕްލޭންތަކެއް އެކުލަވާލުމުގެ މުހިންމުކަން ބައިވެރިން ފާހަގަކުރެއްވިއެވެ.
ކަމާބެހޭ ފަރާތްތަކުން ވިދާޅުވާ ގޮތުގައި، ކަމާގުޅުންހުރި އިދާރާތައް އެއް މޭޒަކަށް އެއްވެ ކުރިއަށްގެންދިޔަ މި މަޝްވަރާތަކަކީ ރާއްޖޭގެ ހަކަތައިގެ ދާއިރާ އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއްކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!