ށ. މިލަންދޫގައި ކުރިއަށްދިޔަ "މަންފާ ދަތުރު"ގެ ހުރިހާ ހަރަކާތެއްގައި ބައިވެރިވެ، ޢުމްރާ ދަތުރުގެ ނަސީބުވެރިޔަކަށް އެ ރަށު ލައިކް، އުމުރުން 9 އަހަރުގެ އަޔާސް ހޮވިއްޖެއެވެ.

މި ޢުމްރާ ދަތުރަކީ އަލް ސަފާ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހަމަޖައްސައިދީފައިވާ ފުރުޞަތެއް ކަމަށް އެ ރަށު ކައުންސިލުން މަޢުލޫމާތު ދެއެވެ.

Ad
rt

މި ފޯރަމަކީ މިލަންދޫ ކައުންސިލާއި އެ ރަށު ޝީލްޑް ޖަމްޢިއްޔާ އަދި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ) ގުޅިގެން މަންފާ ޖަމްޢިއްޔާގެ ފަރާތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ފޯރަމްގެ ހަރަކާތްތައް ކުރިއަށް ގެންދަވާފައިވަނީ މަންފާ އެކަޑަމީގެ ޗެއާމަން އަލް އަޚް ޢަލީ ރަމީޒާއި، އައްޝައިޚް އަޙްމަދު މިޞްބާޙް އަދި އައްޝައިޚް ޙަސަން ޒިޔާނެވެ.

މި ފޯރަމުގެ ތެރެއިން އެ ރަށުގެ ތިން ގެއަކަށް ޒިޔާރަތްކޮށް ދީނީ ދަރުސް ދީފައިވެއެވެ. މީގެއިތުރުން މަގުމަތިން ބައްދަލުވި ގިނަ ޢަދަދެއްގެ ޢާންމު ރައްޔިތުންވެސް ވަނީ އެކި ކަންކަމާ ގުޅޭގޮތުން ސުވާލުކޮށް، ދީނީ މަޢުލޫމާތު އޮޅުންފިލުވާފައެވެ.

އެ ރަށުގައި ކުދިބޮޑު އެންމެންނަށް ޚާއްޞަކޮށްގެން ތަފާތު އެކިއެކި ދީނީ ހަރަކާތްތައް ކާމިޔާބުކަމާއެކު ވަނީ ކުރިއަށް ގެންގޮސްފައެވެ. ކައުންސިލުން ފާހަގަކުރި ގޮތުގައި މިއީ މުޖުތަމަޢުގައި ދީނީ މަޢުލޫމާތު ފޯރުކޮށްދިނުމަށް ވަރަށް ބޮޑު އެހީތެރިކަމަކަށް ވެގެންދިޔަ ޕްރޮގްރާމެކެވެ.

މިލަންދޫ ކައުންސިލްގެ ރައީސް އިބްރާހީމް ނިހާދު "ތިލަދުން" އަށް ވިދާޅުވީ، މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި މަންފާ ޖަމްޢިއްޔާއިން އަދާކުރި އިސް ދައުރަށާއި، ޝީލްޑް ޖަމްޢިއްޔާ އާއި އތމ ކޮމިޓީގެ އިތުރުން ޢާންމު ރައްޔިތުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމަށް ކައުންސިލްގެ ފަރާތުން ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި އަންނަ އަހަރުވެސް މިފަދަ އިތުރު ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށް ނިހާދު ވިދާޅުވިއެވެ.