ދިވެހި ޒުވާނުންނަށް ފަތުރުވެރިކަމުގެ ދާއިރާއިން އަމަލީ ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ފުޅާކުރުމަށްޓަކައި، މާލީ އިނާޔަތާއި ރަސްމީ ސަނަދު ލިބޭ ގޮތަށް ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގުމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއާއި ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ފަސް އަހަރު ދުވަހުގެ މުއްދަތަށް ވެވުނު މި އެއްބަސްވުމުގެ ދަށުން، މި ދާއިރާގައި ދިވެހި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ޚާއްސަ އިސްކަމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި، މި ފަހުމުނާމާގައި ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު މުޙައްމަދު އަމީންއެވެ. އަދި ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އެންމެ ބޮޑު ސިނާޢަތުން ޒުވާނުންނަށް އަމަލީ ތަމްރީނުދީ، ކާމިޔާބު މުސްތަގުބަލަކަށް މަގުފަހިކޮށްދިނުމެވެ.
މި ޕްރޮގްރާމަކީ ފަތުރުވެރިކަމުގެ ސިނާޢަތަށް ވަންނަން ބޭނުންވާ ޒުވާނުންނަށް ހުޅުވައިދޭ އަގުހުރި ފުރުސަތެކެވެ. އެގޮތުން ޕްރޮގްރާމުގެ ބައިވެރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ރިސޯޓުތަކާއި، ހޮޓާތައް އަދި ގެސްޓްހައުސްތަކުގައި ތަމްރީނު ހާސިލުކުރާނެއެވެ. މި މުއްދަތުގައި ދާއިރާގެ ތަޖުރިބާކާރުންގެ އިރުޝާދުގެ ދަށުން އަމަލީ މަސައްކަތްތައް ދަސްކޮށް، މަސައްކަތުގެ މާހައުލަށް ބޭނުންވާ ހުނަރުތައް ތަރައްގީކުރުމުގެ ފުރުސަތު ޒުވާނުންނަށް ލިބިގެންދާނެއެވެ.
ދިވެހި ޒުވާނުންނަށް ފަތުރުވެރިކަމުގެ ދާއިރާއިން އަމަލީ ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ފުޅާކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން، ފޮޓޯ: ފަތުރުވެރިކަމާ ބެހޭ ވުޒާރާ
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ، ތަމްރީނު ފުރިހަމަކުރާ މުއްދަތުގައި ބައިވެރިންނަށް މާލީ އިނާޔަތެއް ލިބިގެންދާނެ ކަމަށެވެ. އަދި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް، އެ ފަރާތްތަކުން ހާސިލުކުރި ހުނަރާއި ތަޖުރިބާ ރަމްޒުކޮށްދޭ، ރަސްމީކޮށް ބަލައިގަންނަ ސަނަދެއް ދޭނެކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ. މިއީ ފަތުރުވެރިކަމުގެ ދާއިރާގައި ދެމެހެއްޓެނިވި ވަޒީފާގެ މުސްތަގުބަލެއް ބިނާކުރުމަށް އެޅޭ ވަރުގަދަ ބިންގަލަކަށް ވެގެންދާނެ ކަމެއް ކަމަށްވެސް ފާހަގަކުރިއެވެ.
މި އިސްނެގުމުގެ މައިގަނޑު އެއް އަމާޒަކީ ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ދިވެހި އަންހެނުންގެ ހިއްސާ އިތުރުކުރުމެވެ. މިގޮތުން ދެ ވުޒާރާ ގުޅިގެން ސިނާޢަތުގެ ފަރާތްތަކާ މަޝްވަރާކޮށް، ޒުވާން އަންހެނުން މި ދާއިރާއަށް ޝައުގުވެރިކުރުވުމަށާއި އެޕްރެންޓިސްޝިޕްގެ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ބާރުއެޅުމުގެ ޚާއްސަ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.
މި އެއްބަސްވުމުގެ ދަށުން، ތަމްރީނުގެ ފުރުސަތުތައް ހޯދައިދިނުމަށާއި ސިނާޢަތުގެ ބައިވެރިވުން އިތުރުކުރުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މަސައްކަތް ކުރާއިރު، ޒުވާނުންގެ މެދުގައި މި ޕްރޮގްރާމް އިޝްތިހާރު ކުރުމާއި، އެޕްލިކޭޝަންތައް ވިލަރެސް ކުރުމުގެ އިތުރުން ތަމްރީނާއި ސަނަދު ދިނުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދާނީ ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާއިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!