އޮސްޓްރޭލިއާގެ މެލްބަންގައި ހުންނަ ބުދު ފައްޅިއެއްގެ އިސް ފާދިރީއެއްގެ ގޮތުގައި ހުރެ، ހަތަރު އަހަރުގެ ކުޑަކުދިން ހިމެނޭހެން އަންހެން ކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ކުށްވެރިވި އުމުރުން 71 އަހަރުގެ ނައޯތުންނޭ ވިޖިތާ 13 އަހަރާއި ދެ މަހަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.

ކުށަށް އިއުތިރާފުނުވެ، ކުރި ކަންތަކާ މެދު އެއްވެސް ހިތާމައެއް ނުކުރާ މި ފާދިރީ ޖަލަށް ގެންދިޔަ ވަގުތު އޭނާއަށް ތާއީދުކުރާ މީހުން އޭނާއަށް ތައުރީފުކޮށް އިހުތިރާމް އަދާކުރުމުން، އަނިޔާ ލިބުނު ފަރާތްތަކުން ވަނީ އެކަމާމެދު ހައިރާންކަމާއި ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

Ad
rt

ވިކްޓޯރިއަން ކައުންޓީ ކޯޓުގެ ގާޒީ ޕަރްދީޕް ތިވާނާ ބުރާސްފަތި ދުވަހު އިއްވެވި ހުކުމުގައި، ވިޖިތާގެ މައްޗަށް ކަނޑައެޅި 13 އަހަރާއި ދެ މަހުގެ ޖަލު ހުކުމުގައި، ޕެރޯލް ލިބުމެއް ނެތި ތަންފީޒު ކުރަންޖެހޭ އެންމެ ކުރު މުއްދަތަކީ ނުވަ އަހަރާއި ހަތަރު މަސް ދުވަހެވެ. ގާޒީ ވިދާޅުވީ ވެރިކަމާއި ބާރުގެ މަގާމުތަކުގައި ތިބޭ ފަރާތްތަކަކީ ގިނަ ބަޔަކަށް މަގުދައްކައިދީ ހިތްހަމަޖެހުން ހޯދައިދޭ ބައެއް ކަމަށާއި، އެފަދަ އިތުބާރަކަށް ހިޔާނާތްތެރިވެއްޖެ ނަމަ ބޮޑު ޖަލު އަދަބެއް ދޭންޖެހޭނެ ކަމަށެވެ.

ހުކުމް އިއްވުމުން ކުޑަ ވަގުތުކޮޅަކަށް ވިޖިތާ ލޯ މަރާލި ނަމަވެސް، ކޯޓު ރޫމުން ނެރެގެން ގެންދިޔަ ވަގުތު އޭނާ ވަނީ ސަޕޯޓަރުންނާ ވާހަކަދައްކައި، ހިނިތުންވެ، އަތް ހޫރާލާފައެވެ. އަދި ފުރިބާރުވެފައިވާ ކޯޓު ރޫމުގައި ތިބި އޭނާގެ ސަޕޯޓަރުން ވަނީ އޭނާއަށް ބޯތިރިކޮށް އިހުތިރާމް އަދާކޮށްފައެވެ. އެ މަންޒަރު ބަލަން ތިބި އަނިޔާ ލިބުނު މީހުންގެ ތެރެއިން އެކަކު ވަނީ އެއީ ވަރަށް މޮޔަ އަމަލެއް ކަމަށް ބުނެފައެވެ. އަދި އެ މީހުންނަކީ ބުއްދި ގޯސްވެފައިވާ ބައެއްތޯ އާއި އެ މީހުންނަށް ކަންފަތުން އަޑުނީވެނީތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ.

ސްވިޑަންގެ ރައްޔިތެއް ކަމަށްވާ ވިޖިތާ ކުޑަކުދިންނަށް ގޯނާކުރަން ފެށީ 1994 ވަނަ އަހަރު މެލްބަންގެ ދެކުނު އިރުމަތީގައި އޮންނަ ސްޕްރިންގްވޭލްގެ ދައްމާ ސަރަނާ ބުދު ފައްޅީގެ އިސް ފާދިރީގެ ގޮތުގައި ހަވާލުވި ހިސާބުންނެވެ. މި އަމަލުތައް 2002 ވަނަ އަހަރާ ހަމައަށް ދެމިގެންދިޔައީ ކައިރީގައިވާ ކީޒްބަރާ ސަރަހައްދަށް ފައްޅި ބަދަލުކުރުމަށް ފަހުގައެވެ. ކުދިންގެ މައިންބަފައިން ފައްޅީގެ މަސައްކަތްތަކުގައި އެހީތެރިވެދޭން އުޅޭ ވަގުތުތަކުގައި، އޭނާ ކުދިން ހައްލާލަނީ ފޮނިކާތަކެއްޗާއި، ކުޅޭއެއްޗެއްސާއި ފޮތްތައް ދީގެންނެވެ. އޭނާ އެ ކުދިންނަށް ޖިންސީ ގޯނާކުރީ އޭނާ ދިރިއުޅޭ ކޮޓަރިއާއި، އަޅުކަންކުރާ ކޮޓަރީގެ އިތުރުން ސަންޑޭ ސްކޫލް ތެރޭގައެވެ.

އުމުރުން 4 އަހަރާއި 12 އަހަރާ ދެމެދުގެ ހަ އަންހެން ކުއްޖަކަށް ގޯނާކުރި މި މައްސަލައިގައި ވިޖިތާގެ މައްޗަށް އުފުލި ޖިންސީ ގޯނާކުރުމާއި 16 އަހަރުން ދަށުގެ ކުދިންނާ އެކު ބޭއަދަބީ އަމަލު ހިންގުމުގެ 19 ދައުވާގެ ތެރެއިން 17 ދައުވާއެއް ސާބިތުވާ ކަމަށް ޖޫރީން ވަނީ ނިންމާފައެވެ. އަދި ބޭއަދަބީ އަމަލު ހިންގުމުގެ ދެ ދައުވާއަކުން އޭނާ ވަނީ ސަލާމަތްވެފައެވެ.

އަނިޔާ ލިބުނު ފަރާތްތަކުން ކޯޓަށް ހުށަހެޅި ބަޔާންތަކުގައި ބުނެފައިވަނީ، މި އަނިޔާތަކުގެ ސަބަބުން މުޅި އުމުރަށް ނަފްސާނީ އަސަރުކޮށް، އެ މީހުންގެ ގުޅުންތަކަށާއި، ކެރިއަރަށާއި، އިޖުތިމާއީ ދިރިއުޅުމުގެ އިތުރުން ފިރިހެނުންނަށް އިތުބާރު ކުރުމަށް ހުރަސްއެޅިފައިވާ ކަމަށެވެ. މިހާރު އުމުރުން 30 ގެ އަހަރުތަކުގައި ހުރި އެކަކު ބުނީ އޭނާގެ އުމުރުން ނުވަ އަހަރުގެ ބައިތައް ދުވަހަކު ވެސް އަނބުރާ ނުލިބޭނެ ކަމަށާއި، ވިޖިތާ އޭނާގެ ހަށިގަނޑަށް އަނިޔާކުރުމުގެ އިތުރުން އޭނާ އުފަންވި ދީނަށް އޮތް އިތުބާރު ވެސް ވިހަކޮށްލި ކަމަށެވެ. އަނެއް ކުއްޖަކު ބުނީ ނުބައިކަމުގެ ކުރިމަތީގައި އޭނާއަށް ހާސިލުކުރެވުނު އެންމެ ބޮޑު ކާމިޔާބީއަކީ ހެޔޮލަފާ އަދި އެހެން މީހުންގެ އިހުސާސްތައް ދަންނަ މީހެއްގެ ގޮތުގައި ދިރިއުޅުން ކަމަށެވެ.

ގާޒީ ތިވާނާ ފާހަގަކުރެއްވި ގޮތުގައި ވިޖިތާގެ ހާޒިރުގައި ދަރިން ތިބުމުން ރައްކާތެރިކަމާ މެދު މައިންބަފައިން އެއްވެސް ޝައްކެއް ނުކުރެއެވެ. ނަމަވެސް އޭނާ ވަނީ އޭނާގެ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ހުރިހާ އިމެއް ފަހަނައަޅައި ގޮސް، މައިންބަފައިން ކުރި ބޮޑު އިތުބާރަށް އެންމެ ހީނުކުރާ ފަދަ ގޮތަކަށް ހިޔާނާތްތެރިވެފައެވެ. ކުށަށް އިއުތިރާފުނުވެ އެއްވެސް ދެރަވުމެއް ނެތް ވިޖިތާ ހުކުމް ތަންފީޒުކޮށް ނިމުމުން އެ ގައުމުން ޑީޕޯޓްކޮށްލާނެ ކަމަށް ބެލެވޭއިރު، ހުކުމް ކުރުމުގެ ކުރިން ވެސް އޭނާ ވަނީ ބަންދުގައި 343 ދުވަސް ހޭދަކޮށްފައެވެ.