މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މާލީ ގޮތުން ހޭލުންތެރި މުޖުތަމައެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، "އެމްއެމްއޭ ފިންލިޓް ފެސްޓް 2026" ގެ މަޒުމޫނު ލިޔުމުގެ މުބާރާތައް މަޒުމޫނު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއީ ސާނަވީ އަދި މަތީ ސާނަވީ ގްރޭޑްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން އެ އޮތޯރިޓީން ކުރިއަށްގެންދާ މުބާރާތެކެވެ.

Ad
rt

އެ އޮތޯރިޓީން މައުލޫމާތު ދޭ ގޮތުގައި މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ގްރޭޑް 8 އިން 10 ގެ ދަރިވަރުންނަށް ޚާއްސަ ކެޓަގަރީއާއި، ގްރޭޑް 11 އިން 12 ގެ ދަރިވަރުންގެ ކެޓަގަރީއެވެ. މި މުބާރާތަށް ހުށަހަޅަން ޖެހެނީ އިނގިރޭސި ބަހުން ލިޔެފައިވާ މަޒުމޫނެވެ.

މި މުބާރާތުން ވަނަތަކަށް ހޮވޭ ދަރިވަރުންނަށް ފައިސާގެ އަގުހުރި އިނާމުތަކެއް ދިނުމަށް ވަނީ ކަނޑައަޅައިފައެވެ. އެގޮތުން މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 3،000 ރުފިޔާ ލިބޭއިރު، ދެވަނައަށް 2،000 ރުފިޔާ އަދި ތިންވަނައަށް ހޮވޭ ފަރާތަކަށް 1،000 ރުފިޔާ ލިބޭނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

މުބާރާތަށް ހުށަހަޅާ އެސްއޭތައް ލިޔުމަށް ކަނޑައަޅާފައިވާ މައިގަނޑު ތީމުތަކުގެ ތެރޭގައި، މާލީ ހޭލުންތެރިކަމާއި ފައިސާ ގެންގުޅުމުގައި ޒިންމާދާރުވުމާއި، މާލީ ބައިވެރިވުން އިތުރުވުމާ ގުޅިގެން ލިބޭ ތަނަވަސްކަން ހިމެނެއެވެ. މީގެ އިތުރުން ޒުވާނުންނާއި މާލީ ކުރިމަގު، ޓެކްނޮލޮޖީއާއި މާލީ ދާއިރާގެ ޑިޖިޓަލް މުސްތަގްބަލް، އަދި އިންސާނިއްޔަތާއި މުޖުތަމައުގެ ލާބަޔާއި މަންފާއަށް އިސްކަންދޭ މާލީ ނިޒާމު ފަދަ މުހިންމު ދާއިރާތައް މި ތީމުތަކުގެ ތެރޭގައި ހިމެނެއެވެ.

މި މުބާރާތުގެ މިންގަނޑުތައް ހަމަޖެހިފައިވާ ގޮތުން ހުށަހަޅާ މަޒުމޫނުގެ ދިގުމިނުގައި ހުންނަންވާނީ 700 އާއި 1،200 އާ ދެމެދުގެ އަދަދަކަށް ބަހެވެ. އަދި މުބާރާތުގައި ބައިވެރިވާ ކޮންމެ ދަރިވަރަކަށް ވެސް ހުށަހެޅޭނީ އެންމެ މަޒުމޫނެކެވެ.

މަޒުމޫނު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 1 ނޮވެންބަރު 2026 ގެ 11:59 އެވެ. މި މުބާރާތަށް މަޒުމޫނު ހުށަހަޅަން ޖެހެނީ finlit@mma.gov.mv އަށް އީމެއިލް މެދުވެރިކޮށް ކަމަށް އެމްއެމްއޭއިން ބުނެއެވެ.