ކޮންމެ މުދައްރިސެއްގެ ފަހަތުގައި އެ މީހަކަށް ހެޔޮ ތަރުބިއްޔަތު ދިން މައިވަންތަކަމުގެ ލޯތްބާއި ހިތްވަރު ވާނެކަން ޔަޤީނެވެ. މިއަދު ފާހަގަކުރާ މުދައްރިސުންގެ ދުވަހު މި ގެނެސްދެނީ، މުޖުތަމައު ބިނާކުރާ އެންމެ މުހިންމު އެއް ޚިދުމަތަށް، އެއް ފުރާޅެއްގެ ދަށުން، ތިން ދަރިން ހަދިޔާކުރި ނަމޫނާ މަންމައެއްގެ ފަޚުރުވެރި ވާހަކައެވެ. މުޅި ޤައުމުގެ މުސްތަޤުބަލު އުޖާލާކުރަން މަސައްކަތްކުރާ ތިން މުދައްރިސުންގެ ހިޔާވަހިކަމަކީ އެ މަންމަގެ އުނގެވެ.

ހދ. ނޭކުރެންދޫ މަހުމާގޭ ފާޠިމަތު ޚާލިދާއަކީ ތިން މުދައްރިސުންގެ މަންމައެކެވެ. ދަރިން ބޮޑެތިވަމުން ދިޔައިރު، އެ ކުދިންގެ ހިތުގައި ކިޔަވައިދިނުމުގެ ދާއިރާއަށް ޝައުޤުވެރިކަން އުފެދުމުގެ ޙަޤީޤީ މޭސްތިރިޔަކީ ވެސް އެ މަންމައެވެ. އަދި އެއީ ތަޢުލީމީ ދާއިރާގައި ސާބިތުކަމާއެކު ދެމިތިބުމަށް އެ ކުދިންނަށް ތާއަބަދު ހިތްވަރުދޭ މަދަދުޤާރެވެ.

Ad
rt

ޚާލިދާގެ ކުދިން ސްކޫލުގައި ކިޔަވަން އުޅުނު އިރު ގޭގައި އޭނާ އަދާކުރީ ހަމައެކަނި ލޯބިވާ މަންމައެއްގެ ރޯލެއް ނޫނެވެ. ކުދިން އެނބުރި ސްކޫލުން ގެއަށް އައުމަށްފަހު، ފިލާވަޅު ހަދާ ގަޑީގައި އެ ކުދިންގެ އެދުރަކަށް ވަނީ އޭނާއެވެ. ޚާއްޞަކޮށް ޓެސްޓް ދުވަސްވަރު، ކުދިން ޓެސްޓަށް ދިޔުމުގެ ކުރިން، ގޭގައި އެ ކުދިންނަށް އިމްތިހާނު ކަރުދާހެއް ޚާލިދާ ތައްޔާރުކުރެއެވެ. މިއީ ދަރިންގެ ތަޢުލީމީ ބިންގާ ވަރުގަދަ ކުރުމަށް އެ މަންމަ ދިން ޚާއްޞަ އަޙަންމިއްޔަތުކަމެވެ.

ޚާލިދާގެ ޝަހިއްޔާ އާއި ޝާލީ، އެއީ މިއަދު ވެސް ގައުމު ބިނާކުރުމުގެ މާތް މަސްއޫލިއްޔަތު އަދާކުރަމުންދާ ނަމޫާނާ ދެ މުދައްރިސުން

ޚާލިދާގެ ދޮށީ ދަރިފުޅު އާމިނަތު ޝަޒިއްޔާ މި ވަގުތު ތަޢުލީމީ ދާއިރާއާއި ދުރުގައި ހުރި ނަމަވެސް އޭނާއަކީ ޕްރީސްކޫލް ކުދިންނަށް އަހަރުތަކެއް ވަންދެން ކިޔަވައިދިން އެންމެންގެ ލޯބި ހޯދާފައިވާ، ހިތްހެޔޮ ޓީޗަރެކެވެ. ދެ ވަނަ ދަރިފުޅު މަރިޔަމް ޝާލީނާއަކީ ނޭކުރަންދޫ ސްކޫލްގެ ޕްރައިމަރީ ޓީޗަރެކެވެ. މީގެއިތުރުން އޭނާގެ ހަގު އަންހެންދަރިފުޅަކީ އެ ސްކޫލްގެ ޤުރުއާން ޓީޗަރެވެ. މިއީ ދަރިންގެ ހިތްތަކުގައި ތަޢުލީމީ ޚިދުމަތުގެ ރޫޙު އާލާކޮށް، ޤައުމަށް ފައިދާހުރި ދަރިންތަކެއް ބިނާކުރުމުގައި މި މަންމަ ކުރި މަސައްކަތުގެ އަގުހުރި ނަތީޖާއެވެ.

މުޖުތަމަޢުއަށް ޚިދުމަތްކުރުމަށް އެތައް ދޮރެއް ތަނަވަސްވެފައި އޮތް ނަމަވެސް، އޭނާގެ ދަރިން ޚިޔާރު ކުރީ މުސްތަޤްބަލުގެ ޖީލުތައް ބިނާ ކުރާ އެންމެ މަތިވެރި ތަޢުލީމީ ދާއިރާއެވެ.

ކޮންމެ ކުއްޖަކު ވެސް ކޯސް ނިންމައި، ޢަމަލީ މައިދާނަށް ނިކުތުމުގެ ކުރިން މަންމައެއްގެ ޙައިޞިއްޔަތުން އޭނާ ހުރިހާ ކުދިންނަށް ވެސް ނަޞޭޙަތްދީ، ހިތްވަރުދިނެވެ.

"ސްކޫލްގެ ގޭޓުން އެ ކުދިން އެ ވަންނަނީ އެއްފަހަރާ އެތައް ސަތޭކަ ކުދިންނަށް ޚިދުމަތްދޭންކަން އަޅުގަނޑަށް އެނގޭ. އެހެންވެ، އެންމެ ފުރަތަމަ ވެސް ބުނެދީފައިވާނީ ދަރިފުޅުމެންނަށް ކުށް ކުރެވޭނެކަމަށާއި، އަބަދުވެސް ކުށް ޤަބޫލު ކުރަންވާނެކަން. ކުށްޤަބޫލުކޮށް، އެކަންކަން ތަކުރާރުވިޔަ ނުދީ، ހިތްވަރާއެކު ކުރިއަށްދިޔުމަށް ބުނަން." ޚާލިދާ ބުންޏެވެ.

ދަރިންނަށް އޭނާ ދިން އަގުހުރި ނަޞޭޙަތުގެ ނަތީޖާއަކަށްވީ، އެ މުދައްރިސުންނަކީ، ދަރިވަރުން ލޯބިވާ، ތަނުގެ މުވައްޒަފުންނާ ގުޅޭ، މުދައްރިސުންތަަކަކަށް ވުމެވެ.

ޚާލިދާގެ މާމަ ދަރިއަކު ޤުރްއާން މުބާރާތުން ފަޚުރުވެރި 1 ވަނަ ހޯދުމުން މަރުޙަބާ ކިޔަނީ

" ވަރަށް އުފާވޭ ދައްތަގެ ދަރިންދެކެ ބެލެނިވެރިންނާ ދަރިވަރުން ވެސް ވަރަށް ލޯބިވެޔޭ ބުނާއަޑު އިވުނީމަ." އުފާވެރި އަޑަކުން ޚާލިދާ ބުންޏެވެ.

އެ ތިން ކުދިން ތަޢުލީމީ ޙަޔާތް ނިންމި އިރު ނޭކުރެންދޫ ސްކޫލުން، އަޙްލާޤީ ގޮތުން އެންމެ ރަނގަޅު ދަރިވަރަކަށް އޭނާގެ ދަރިން ހޮވުމަކީ މިއަދު ވެސް އޭނާ ފަޚުރުވެރިވާ ކަމެކެވެ.

ތިން މުދައްރިސުންގެ ތެރެއިން ކްލާހުގައި ހިނގާ މަޖާ ވާހަކަތަކައް މަންމައަށް ކިޔައިދެނީ ޝަހިއްޔާ( ޝަހިއްކޮ)އެވެ.

"އަބަދުވެސް ޝަހިއްކޮ އައިސް ބުނާނެ މަންމާ ވަރަށް މަޖާ ކަމެއް ވިޔޭ. އެއީ ވަރަށް މަޖާ، ސަކަރާތްޖަހާ ދަރިއެއް. އެހެންވެ ދަރިވަރުން ވެސް އޭނަދެކެ އެހާ ގަޔާވަނީ." ޚާލިދާ ބުންޏެވެ.

ސްކޫލުގައި ދިމާވާ މައްސަލަތަކުގެ ވާހަކަ މަންމައާ ހިއްސާ ނުކުރިޔަސް، މަޖާ ކަންކަން އަބަދުވެސް މަންމައަށް ކިޔައިދީ ސަކަރާތްޖަހާތީ، ޚާލިދާ ނުހަނު އުފާވެއެވެ.

ޚާލިދާ އޭނާގެ ދަރިފުޅު ޝަހިއްޔާ ގްރެޖުއޭޓްވުމުގެ އުފަލުގައި ބައިވެރިވަނީ

މުދައްރިސުންގެ އަގުވަޒަންކުރާ މި ޚާއްސަ ދުވަހަކީ، ޚާލިދާއަށް އިންތިހާއަށް އުފާވެރި ދުވަހެކެވެ. މުޅި އަހަރު ދުވަހު، ދަރިން ކުރާ ބުރަ މަސައްކަތުގެ އަގު މުޅި މުޖުތަމަޢުން ވަޒަންކޮށް، އެންމެންގެ ދުލުން މަރުޙަބާ އާއި ތަހުނިޔާ އަދި ތަޢުރީފުގެ ބަސްތައް އޮހެމުންދާއިރު އޭނާގެ ދަރިންގެ މޫނުމަތިން ފެންނަ އުފާވެރިކަމަކީ މިއަދު ޚުދު އޭނާގެ ހިތަށް ލިބޭ ވަރަށް ބޮޑު ހަމަޖެހުމެކެވެ.

މުދައްރިސުންގެ ދުވަހު، އެކި މީހުން ދޭ ތަފާތު ހަދިޔާތައް ގެނެސް މަންމައަށް ދައްކައި، އެ ހަދިޔާތައް ކެނޑުމުގައި ވެސް އެ ކުދިން އޭނާ ބައިވެރިކުރެއެވެ.

މުދައްރިސުންނަކީ ބުރަ، ބައެއްކަން ވަރަށް ރަނގަޅަށް ޚާލިދާއަށް އިޙްސާސް ކުރެވެއެވެ. ވަރުބަލިވެގެން ގެއަށް އައުމުން، އެ ކުދިންނަށް ގޭތެރޭގެ މަަސައްކަތްތައް ލުއި ކޮށްދިނުމަށް ޚާލިދާ ހުންނަނީ ތައްޔާރަށެވެ. ގޭގައި އުޅޭ މާމަ ދަރިންގެ ކަންކަމުގައި އެހީތެރިވެދެނީ، އޭނާގެ އަމިއްލަ ދަރިންގެ ހައްޓަށް ވާ ބުރައަށް ފަސޭހަކަމެއް ހޯދައިދީ އެ ކުދިންގެ ސިކުނޑިއަށް ތާޒާކަން ގެނެސްދިނުމަށެވެ.

ފެށުނީއްސުރެ ޚާލިދާއަކީ ދަރިން، އަތޮޅު ޤުރުއާން މުބާރާތްތަކުގައި ބައިވެރިކުރާ މަންމައެކެވެ. ނަމަވެސް އޭނާގެ ދަރިން ތަޢުލީމީ ޙަޔާތް ނިންމާލި އިރު ވެސް އަތޮޅު މުބާރާތަކުން ވަނައެއް ނުލިބޭތީ އޭނާ އޭރު ވަރަށް ހިތާމަކުރެއެވެ.

"މާމަ ދަރިން ލިބުނީމަ ދެން އަޅުގަނޑު މަސައްކަތް ކުރީ މާމަ ދަރިއެއް ޤުރުއާނުގެ ރޮނގުން ކުރިއަށް ގެންދަން. އަތޮޅު ނުވަތަ ޤައުމީ މުބާރާތަކުން އަޅުގަނޑުމެން ފަޚުރުވެރިވާފަދަ ވަނައެއް ހޯދުމަށް ދަރިންނަށް ވަރަށް ހިތްވަރުދީ މަސައްކަތް ކޮށްދިނިން." ޚާލިދާ ބުންޏެވެ.

ޚާލިދާގެ ދަރިފުޅު ޝާލީ،

އެ ގޮތުން އޭނާގެ މާމަ ދަރިފުޅު ޢަމްރު ޙަސަން ފާއިޒް ވަނީ ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުން، 8 އަހަރުން ދަށުގެ ނުބަލައި ކިޔެވުމުގެ ގޮފިން 1 ވަނަ ހޯދައި މާމަ ދެކެމުންދިޔަ ހުވަފެންތައް ޙަޤީޤަތަކަށް ހަދައިދީ، އުއްމީދުތައް ފުރިހަމަކޮށްދީފައެވެ.

ތިން މުދައްރިސުން މުޖުތަމަޢަށް ނެރެދިނުމުގައި ޚާލިދާއަށް ލިބުނު އެންމެ ވަރުގަދަ އެހީތެރިކަމަކީ، ދިރިއުޅުމުގެ ހުރިހާ ކަމެއްގައި އެ ކުދިންގެ ބައްޕަ ސަލީމް ދިން ފުރިހަމަ އެއްބާރުލުމާއި ހިތްވަރެވެ. މިއީ އެ ދެމަފިރިން ގުޅިގެން އެ ރަށުގެ އިތުރުން މި ޤައުމަށް ކޮށްދިން އަގުހުރި މަސައްކަތެކެވެ.

މިއަދު ޤައުމު ފަޚުރުވެރިވާ މުދައްރިސުން ބިނާކުރުމުގައި، ރެޔާއި ދުވާލު ދާ އޮހޮރުވި އެތައް މައިންބަފައިންނެއް މި ފަސްގަނޑުގައި ވެއެވެ. މުދައްރިސުންގެ ދުވަހުގެ އުފާ ފާހަގަކުރާއިރު، އެ އެދުރުންގެ އެންމެ ފުރަތަމަ މަދަރުސާ ކަމުގައިވި ލޮބުވެތި މައިންބަފައިންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރާއި ތަހުނިޔާ އަދާކުރަން ޖެހެނީ އެ ސަބަބަށްޓަކައެވެ.

މުދައްރިސުންގެ ދުވަހުގެ ތަޙުނިޔާ ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި މުދައްރިސުންނަށް "ތިލަދުން" ޓީމްގެ ފަރާތުން އަރިސްކުރަމެވެ.