މަގުމަތީގައި އުޅޭ ބުޅަލުގެ އާބާދީ އިތުރުވަމުންދާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށާއި، އާންމު ސަރަހައްދުތަކުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް އަމާޒުކޮށްގެން ހިންގާ ގައުމީ ފެންވަރުގެ މަޝްރޫއު "ޕްރޮޖެކްޓް ބައޯކަލޯ" މިއަދު ހުޅުމާލޭގައި ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

"ރައްކާތެރި، ސާފުތާހިރު އަދި އޯގާތެރި މުޖުތަމައެއް" މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއަކީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އާއި، ޖަނަވާރުންގެ ހިމާޔަތުގައި މަސައްކަތްކުރާ ފަރާތްތަކާއި މަދަނީ ޖަމިއްޔާތައް ގުޅިގެން ފެށި ހާއްސަ ހަރަކާތެކެވެ.

Ad
rt

"ބައޯކަލޯ" މި ނަމަކީ ދިވެހި ފޯކްލޯރ ނުވަތަ ކާބަފައިންގެ ވާހަކަތަކުގައި ބިރުވެރިކަމާ ގުޅުވައިގެން ޒަމާނުއްސުރެ ބޭނުންކުރަމުން އައި ނަމެއް ނަމަވެސް، މި މަޝްރޫއުގެ ތެރެއިން އެ ނަމަށް ވަނީ މުޅިން އައު މާނައެއް ދީފައެވެ. އެގޮތުން އެ ނަން މިހާރު ރަމްޒުކޮށްދެނީ އޯގާތެރިކަމާއި، ޒިންމާދާރުކަމާއި، ރައްކާތެރިކަން އަދި މުޖުތަމައަށް ފައިދާހުރި ހަރަކާތްތަކެވެ.

ހުޅުމާލޭގައި ފެށި މި ޕައިލެޓް މަޝްރޫއުގެ މައިގަނޑު ބޭނުމަކީ މުޅި ރާއްޖެއަށް ފުޅާކުރެވޭނެ ފަދަ ނަމޫނާ ނިޒާމެއް ބިނާކުރުމެވެ. މި މަޝްރޫއުގެ ދަށުން، މަގުމަތީގެ ބުޅާތައް ދަރިމައިވުން ހުއްޓުވުމަށްޓަކައި "ޓްރެޕް-ނިއުޓާ-ރިޓާން" (ޓީ.އެން.އާރް) ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ބުޅާތަކަށް ވެޓެރިނަރީ ފަރުވާ ދިނުމާއި، ޒިންމާދާރުކަމާއެކު ކާނާ ދިނުމާއި، ބުޅާ އެޑޮޕްޓްކުރުމަށް ބާރުއެޅުމުގެ އިތުރުން މަގުމަތީގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށްވެސް ގިނަ ފިޔަވަޅުތަކެއް އެޅިގެންދާނެއެވެ.

އިންސާނީ އުސޫލުތަކުގެ ތެރެއިން ބުޅަލުގެ އާބާދީ ކޮންޓްރޯލްކޮށް، އިންސާނުންނާއި ބުޅަލާ ދެމެދު އެކުވެރި މާހައުލެއް ގާއިމުކުރުމަށް ކުރިއަށްގެންދާ މި މަޝްރޫއު ބިނާވެފައިވަނީ މައިގަނޑު ހަ އަސާސެއްގެ މައްޗަށެވެ. އެ އަސާސްތަކަކީ ކޮންޓްރޯލް، އަޅާލުން، ސާފުތާހިރުކަން، ކޯ-އެގްޒިސްޓް، ކޮމްޕެޝަން އަދި ކެޕޭސިޓީ އެވެ. މީގެ މަގުސަދަކީ ޖަނަވާރުންގެ ހިމާޔަތާއި މުޖުތަމައުގެ ލާބަޔަކީ އެކުއެކީގައި ހާސިލުކުރެވޭނެ ކަންކަންކަން އަމަލީ ގޮތުން ސާބިތުކޮށްދިނުމެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނިގޮތުގައި މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޖަނަވާރުންގެ ހިމާޔަތަށް ހާއްސަ އަހަންމިއްޔަތުކަމެއް ދީގެން ފަށާފައިވާ މަސައްކަތެކެވެ. ޖަނަވާރުންގެ ރައްކާތެރިކަމަކީ ސަރުކާރުން އިސްކަންދޭ ކަމެއްގެ ގޮތުގައި 2024 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ފާހަގަކުރައްވާފައިވާއިރު، މަގުމަތީގައި އުޅޭ ޖަނަވާރުންގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް މަޖިލީހުން ފާސްކުރި "ޖަނަވާރުންގެ ހިމާޔަތާއި ރައްކާތެރިކަމުގެ ބިލު" ވަނީ 3 ޑިސެމްބަރު 2025 ގައި އެމަނިކުފާނު ތަސްދީގުކުރައްވާފައެވެ. އެ ގާނޫނުގެ ދަށުން ޖަނަވާރުންގެ ވެލްފެއާ އާއި ގުޅޭ ޒިންމާތަކުގެ ގައުމީ އޮނިގަނޑެއް މިހާރު ވަނީ އެކުލަވާލެވިފައެވެ.

މި މަޝްރޫއުގައި ފިޝަރީޒް މިނިސްޓްރީގެ އިތުރުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)، އަމިއްލަ ޖަމިއްޔާތައް، ވެޓެރިނަރީ ކްލިނިކްތައް، އެނިމަލް ޝެލްޓާތައް، ސްކައުޓް އަދި ގާލް ގައިޑްގެ އިތުރުން ޕީއެސްއެމް ބައިވެރިވެއެވެ. ކުރިއަށް އޮތް އަހަރުގެ ތެރޭގައި "ކެޓް ސޭފް ޕާކް" ތައް ގާއިމުކުރުމާއި، ކުޑަކުދިންނާއި ޒުވާނުންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ހަރަކާތްތައް ހިންގުމަށް ވަނީ ރާވާފައެވެ. އަދި މި މަޝްރޫއުގެ ކާމިޔާބީތައް ދައްކާލުމަށް 4 އޮކްޓޯބަރު 2027 ގައި ފާހަގަކުރާ ދުނިޔޭގެ ޖަނަވާރުންގެ ދުވަހާ ގުޅުވައިގެން ބޮޑު ހަރަކާތެއް ބޭއްވުމަށް އަމާޒު ހިފާފައިވާއިރު، މި ތަސައްވުރުގައި ބައިވެރިވާން ބޭނުންވާ އިތުރު ފަރާތްތަކަށްވެސް ފުރުސަތު ވަނީ ހުޅުވާލާފައެވެ.