ދައުލަތުގެ އެންމެ މަތީ ވެރިޔާއާއި ސަރުކާރުގެ ވެރިޔަކީ ވަކި ދެ މަގާމެއްގެ ގޮތުގައި ކަނޑައެޅުން ހިމެނޭ ގޮތަށް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފައިވާ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އެކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާއީލާއި އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުށަހެޅުއްވި 'ބޮޑު ބަދަލު' ގަރާރު އެމްޑީޕީގެ ކޮންގްރެސްއިން މިއަދު ފާސްކޮށްފިއެވެ.

މިހާރު ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްގައި މި ގަރާރު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 563 މަންދޫބުންގެ ތެރެއިން 520 މަންދޫބުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. މި ގަރާރު ކޮންގްރެސްއަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި މިދިޔަ ރިޔާސީ އިންތިޚާބުގައި ދަ ޑިމޮކްރަޓިސް ޓިކެޓްގައި ވާދަކުރެއްވި އިލްޔާސް ލަބީބުގެ ތާއީދާ އެކު ފައްޔާޟެވެ.

Ad
rt

ކޮންގްރެސްއަށް ހުށަހެޅި މި ކަރުދާހަކީ 'ބޮޑު ބަދަލު' އެޖެންޑާގައި ހިމެނޭ ކަންކަމަކީ އެމްޑީޕީގެ ސިޔާސަތުތަކުގެ ގޮތުގައި ކަނޑައަޅައި، އެ ބަދަލުތައް ގާނޫނުއަސާސީއަށް ގެނައުމަށް އެ ޕާޓީން މަސައްކަތްކުރުމަށް އިގުރާރުވުމަށް ހުށަހެޅި ކަރުދާހެކެވެ. މި ސިޔާސަތުގެ ދަށުން ހުށަހެޅި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާއާއި ސަރުކާރުގެ ވެރިޔަކީ ތަފާތު ދެ މަގާމެއްގެ ގޮތުގައި ހަމަޖެއްސުމެވެ. އަދި ދައުލަތުގެ ވެރިޔާއަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ކަނޑައަޅައި، ސަރުކާރުގެ ވެރިޔާ މަޖިލީހަށް ޖަވާބުދާރީކުރުވޭނެ ގޮތަކަށް ނިޒާމު ބައްޓަންކުރުން ވެސް މީގެ ތެރޭގައި ހިމެނެއެވެ.

މި ބަދަލުތަކުގެ ދަށުން، ސަރުކާރުގެ ވެރިޔާ އިންތިހާބުކުރަން ހުށަހަޅާފައިވަނީ ރައްޔިތުންގެ އާންމު ވޯޓަކުންނެވެ. އަދި ދައުލަތުގެ ވެރިޔާ އިންތިހާބުކުރާނީ ކައުންސިލާއި މަޖިލީސް އެކުވެގެން އޮންނަ ހާއްސަ މަޖިލީހެއްގެ ވޯޓުންނެވެ. ފައްޔާޒާއި ނަޝީދު ގުޅިގެން އިއުލާންކުރެއްވި މި އޮނިގަނޑުގެ ދަށުން، ސަރުކާރު ހިންގުމުގެ އެންމެ އިސްވެރިޔަކަށް ފައްޔާޒު ހުންނެވުމަށާއި ދައުލަތުގެ ވެރިޔެއްގެ ގޮތުގައި ނަޝީދު ހުންނެވުމަށް އެ ދެ ބޭފުޅުން ގެންދަވަނީ ވަކާލާތު ކުރައްވަމުންނެވެ.

މި ބަދަލުތަކުގެ ތަފުސީލު ހާމަކުރައްވަމުން މިދިޔަ އޭޕްރިލް މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައްޔާޟު ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމުގައި އަބަދުވެސް މައްސަލަ އުޅޭ ވާހަކަ ދެކެވޭ ކަމަށާއި ރައީސުލްޖުމްހޫރިއްޔާއަކީ އަބަދުވެސް މަޖިލީހަށް ޖަވާބުދާރީކުރުވަނިވި ބޭފުޅަކަށް ވާންޖެހޭ ކަމަށް އަޑުއުފުލޭ ކަމަށެވެ. އަދި ދައުލަތުގެ ވެރިޔާގެ މަގާމު ބައްޓަންކުރެވެން ވާނީ ސިޔާސީ ކަންކަމުން އެއްކިބާވެފައި ހުރެ، ގައުމުގެ މުހިންމު ކަންކަމުގައި ބަސްބުނެ ކަންކަން ކުރެވޭ ފަދަ ގޮތަކަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ހުށަހަޅަނީ ހަމަޖެހުމާއި ސިޔާސީ ކަންކަމުގެ މައްޗަށް މީހަކު ހުންނަންޖެހެޔޭ، އެގޮތުން ދައުލަތުގެ ވެރިޔަކާއި ސަރުކާރުގެ ވެރިޔަކު ހުންނަންޖެހޭ ކަހަލަ ގޮތަކަށް އަޅުގަނޑުމެން މި ހުށަހަޅަނީ،" ފައްޔާޞު އެ ދުވަހު ވިދާޅުވެފައިވެއެވެ.

ދެ ވެރިންގެ ނިޒާމުގެ އިތުރުން ވެސް ގާނޫނުއަސާސީއަށް ގެނައުމަށް މުހިންމު ބަދަލުތަކެއް މި ކަރުދާހުގައި ވަނީ ހިމަނައިފައެވެ. އެގޮތުން ގާނޫނުއަސާސީއަށް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ އިތުރުން ރައްޔިތުން އިންތިހާބުކުރާ ކައުންސިލަރުން ވެސް ހިމެނޭ ހާއްސަ މަޖިލީހަކުން ނުވަތަ ބައެއް ބަދަލުތައް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ކަނޑައެޅުން ހިމެނެއެވެ. މީގެ އިތުރުން، އިންތިހާބުކުރެވޭ ކޮންމެ މަގާމެއްގެ މީހަކު ވެސް ދައުރުގެ މެދުތެރެއިން ވަކިކުރުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިދިނުމާއި، ރަޖިސްޓްރީވެފައިވާ ދާއިރާގެ ބަދަލުގައި ދިރިއުޅޭ ދާއިރާއަށް ވޯޓު ދެވޭނެ ގޮތް ހެދުމަށް ދިރާސާކުރުން ވެސް މި ކަރުދާހުގައިވެއެވެ.

ހަމައެއާއެކު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުނުވާނެހެން ކޮންމެ އަތޮޅަކުންނާއި ސިޓީއަކުން ވަކި އަދަދެއްގައި ހިފެހެއްޓުމަށާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން ކަމަށް ކަނޑައެޅުމަށް ވެސް ހުށަހަޅާފައިވެއެވެ. އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ސިޔާސީ މީހުންނާއި ސަރުކާރުގެ ނުފޫޒު އެއްކިބާކުރުމުގެ އިތުރުން، މިނިވަން މުއައްސަސާތައް ޖަވާބުދާރީކުރުވުމަށްޓަކައި އާންމުން ހިމެނޭ ހާއްސަ ކޮމިޝަނެއް އުފެއްދުން ވެސް މި އިސްލާހުތަކުގެ ތެރޭގައި ހިމެނެއެވެ. މި 'ބޮޑު ބަދަލު' ކޮންސެޕްޓަކީ ފައްޔާޒުގެ އިސްނެންގެވުމަކަށް އުފަންވި، ފަހުން ނަޝީދު ވެސް ތާއީދުކުރެއްވި ކޮންސެޕްޓެކެވެ.