ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގެ ސީނިއާ މެނޭޖްމަންޓް ޓީމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޓާޝަރީ ހެލްތު ސާވިސަސް މުޙައްމަދު ޠަލާލް ހިމެނިވަޑައިގަންނަވާ ގޮތަށް ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކަށް މަރުހަބާ ދަންނަވައި، މަޝްވަރާތަކެއް ބާއްވައިފިއެވެ.

މި ވަފުދުގައި ޕްރިންސިޕަލް ސެކްރެޓަރީ މުޙައްމަދު ޠަލާލްގެ އިތުރުން ޑެޕިއުޓީ މިނިސްޓަރު އަޙްމަދު ޙަމްދާން، ޑެޕިއުޓީ މިނިސްޓަރު ސަމާހާ އިބްރާހީމް، ސިވިލް އިންޖިނިއަރު އިސްމާޢީލް ޝިހާބް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ޑިރެކްޓަރު ޢާއިޝަތު ޝަބާބު ބައިވެރިވެވަޑައިގެންނެވިއެވެ.

Ad
rt

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ޒިޔާރަތުގެ ތެރޭގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ އެ ހޮސްޕިޓަލުގައި އަލަށް އެޅުމަށް ހަމަޖެހިފައިވާ އައު ޓާޝަރީ އިމާރާތާ ގުޅޭގޮތުންނެވެ. މި އައު އިމާރާތަކީ ސަރަޙައްދުގައި ޚާއްޞަ ޞިއްޙީ ފަރުވާގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ފުޅާކުރުމަށްޓަކައި ބިނާކުރެވޭ މުހިންމު ވަސީލަތެކެވެ.

މި ބައްދަލުވުމުގެ އިތުރުން، އެ ވަފުދުގެ ބޭފުޅުން ވަނީ އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދަށް ޒިޔާރަތްކުރައްވައި، އެ ބިން ބައްލަވާލައްވާފައެވެ.

ކޭއާރުއެޗް ޓާޝަރީ ފެންވަރަށް އަޕްގްރޭޑްކުރުމަށްޓަކައި އަލަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. 11 މާރިޗް 2026 ގައި ސޮއިކުރި މި އެއްބަސްވުމުގެ ދަށުން މަސައްކަތް ކުރިއަށް ގެންދާނީ ދެ ފޭސް އަކަށް ބަހާލައިގެންނެވެ. ފޭސް 1 ގައި ޓާޝަރީ ފެންވަރަށް ޚިދުމަތް ގެނައުމަށް އަލަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ތަނުގައި ހުރި ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރ، ސީއެސްއެސްޑީ އަދި މިނޫންވެސް ޚިދުމަތްތައް ހޮސްޕިޓަލްގެ އެހެން ތަނަކަށް ބަދަލުކުރުން ކުރިއަށް ގެންދަން ނިންމާފައިވާއިރު، ފޭސް 2 ގައި ޓާޝަރީ ފެންވަރަށް ޚިދުމަތް ގެނައުމަށް އަލަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ޢިމާރާތުގެ މަސައްކަތްކުރުން ކުރިއަށް ގެންދާނެއެވެ.

ކޭއާރުއެޗް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމުގެ ފޭސް ދެއެއްގައި ހިމެނޭ އިމާރާތް ނިމުމުން ޖާގައިގެ ދަތިކަން އެއްކޮށް ހައްލުވެ، މިހާރު ނުލިބޭ ޚިދުމަތްތައް ގާއިމުކުރެވިގެންދާނެކަމަށް އެ ހޮސްޕިޓަލްގެ ޗީފް އެގްޒެޓިވް އޮފިސަރ ނާޒިމާ އަލީ ވަނީ މިދިޔަ ޑިސެމްބަރުގައި ވިދާޅުވެފައެވެ.