މަޖަލަކަށް ފެށި ޖުވާކުޅުމުގެ ނުބައި ވަބާގައި ޖެހި، މުޅި ދިރިއުޅުން ބަނގުރޫޓުވެ، ކައިވެންޏާއި ރަހުމަތްތެރިން ގެއްލި އެކަނިވެރިވި ޒުވާނަކު، އޭނާގެ ކުށަށް ތައުބާވެ މުޅި މުޖުތަމަޢުގެ ކިބައިން މަޢާފަށް އެދި ހިތްދަތި އާދޭހެއް ކޮށްފިއެވެ.

''އަޅުގަނޑު މި ލިޔުން ލިޔަން މި އިށީނީ ހިތާމައާއި ލަދުވެތިކަމުން ފުރިގެންވާ ހާލުގައެވެ. ދުލުން ބުނަން ނުކުޅެދޭ ފަދަ ބޮޑު ހިތާމައެއްގެ ތެރޭގައި ހުރެ، އަޅުގަނޑުގެ އަމިއްލަ ނަފްސުގެ އިތުރުން މުޅި މުޖުތަމަޢުގެ ކިބައިން މަޢާފަށް އެދުމަށެވެ. އަޅުގަނޑު ދަންނަ ބައެއް މީހުނައް މީ ހައިރާން ކުރަވަނިވި ވާހަކަ އަކައް ވާނެކަންވެސް ޔަގީނެވެ.'' މީސް މީޑިއާއަށް ދޫކޮށްލި މެސެޖު ފަށަމުން އޭނާ ލިޔެފަވެއެވެ.

Ad
rt

ހިތާމައާއި ލަދުވެތިކަމުން ފުރިގެންވާ ހާލުގައި އޭނާ ހާމަކުރި މި ވާހަކައަކީ، އޭނާ ދަންނަ ބަޔަކަށް ހައިރާންކަން ގެނުވާނެ ކަމެއް ނަމަވެސް، މިއީ އެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް އޮތް ބޮޑު ޢިބުރަތެކެވެ.

އެހެން މީހުން ފަދައިން އޭނާ ވެސް އުފާވެރި، ހަމަޖެހޭ އަދި އުންމީދުން ފުރިގެންވި ދިރިއުޅުމެއް އުޅުނެވެ. ނަމަވެސް ޝައިޠާނާގެ މަގުފުރެއްދުމުގެ ސަބަބުން ޖުވާގެ ނުބައި ވަބާގެ ތެރެއަށް އޭނާ ގެނބިގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. އެންމެ ފުރަތަމަ މަޖަލަކަށް ފެށުނު އެ ކަމުގެ ސަބަބުން، ފާއިތުވަމުންދިޔަ ވަގުތާއެކު، އޭނާގެ މުޅި ދިރިއުޅުން އަނދިރި އަނދަވަޅަކަށް ވެއްޓިގެން ދިޔައީ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. އެކަމުގެ ސަބަބުން އޭނާގެ ވިސްނުމާއި ސިކުނޑި ހަލާކުވެ، އިންތިހާ ދަރަޖައިގެ ޑިޕްރެޝަނަކަށް ވެއްޓި، ނަފްސާނީ ބަލިމަޑުކަމާއެކު، އަމިއްލަ ނަފްސުގެ މައްޗަށް އޮތް ބާރު ވެސް ކެނޑިގެންދިޔައެވެ.

ނަތީޖާ ކިތަންމެހާ ވެސް ހިތިވެފައި ހިތްދައްޗެވެ. އޭރު، އޭނާއަށް ފައިސާ ފެނުނީ ރަނެއްމަލެއްފަދައިންނެވެ. އެކަމަށް ވުރެ އިސްކަން ދެވުނު އަދި މުޙިއްމު އެއްވެސް ކަމެއް އޭރަކު ނެތެވެ. އެ ލަދުވެތި ޢަމަލުގެ ސަބަބުން ޖަވާޒީ ޙަޔާތުގައި ފަޅަމުން ދިޔަ ފެހިކަންގަދަ ކުރިތައް މޯޅިވެ، ލޯބިވާ އަނބިމީހާއާއެކު ބިނާކުރަމުން އައި ކައިވެނި ރޫޅި، ނިމިއްޖެއެވެ. ޅައުމުރުގައި ފެށި، ޙަޔާތުގެ އެންމެ އުފާވެރި ބާބު އެ ނިމިދިޔައީއެވެ.

އެއަށްފަހު، އިތުބާރުކުރި އެންމެހައި އެކުވެރިންނާއި ހެޔޮއެދޭ މީހުން ގެއްލި، އޭނާ މުޅިން އެކަނިވެރިވިއެވެ.

ޖުވާކުޅުމުގެ ތެރެއިން އޭނާއަށް އެތައް މިލިއަން ރުފިޔާއެއް ލިބުނެވެ. އެ ވަގުތީ އުފާވެރިކަން އިޙްސާސް ކުރެވުނީ މަދު ވަގުތުކޮޅަކަށެވެ. ލިބުނު ފައިސާއަށްވުރެ، އޭނާގެ އަތުން ގެއްލިދިޔަ ފައިސާ މާ ގިނައެވެ. ދަރަނިވެރިވެ، މީހާ އިނދަޖެހި، ބަނގުރޫޓުވީ އެހިސާބުންނެވެ.

ފޫނުބެއްދޭ ވަރަށް ދަރަނިވެރިވުމުން، އެކަކު އަތުން ލޯނު ނަގައިގެން، އަނެކަކަށް ދައްކަމުން ދިޔައީ ދޮގާއި މަކަރުގެ ނުރައްކާތެރި ދަލެއްގައި އޭނާ ބަނދެވި، ތާށިވެގެންނެވެ.

ފައިސާއަކީ އެއްވެސް މީހަކު ދޫދޭނެ މައްސަލައަކަށް ނުވާއިރު، މިހާރު އޭނާވަނީ، މީހުންގެ އިންޒާރުތަކާއި ބިރުވެރިކަމުގެ ސަބަބުން ކޮޓަރިން ބޭރަށް ނިކުންނަން ނުކެރި، ބިރުވެރިކަމެއްގެ ތެރޭގައި ދުވަސްތައް ގުނަން ޖެހިފައެވެ. އަދި ވަޒީފާއަކަށް ދިޔަނަމަވެސް، އެތަނަށް މީހުން ގުޅައި ބިރުދައްކަމުން ދާތީ ނުތަނަވަސްކަމުގައި އޭނާއަށް މަސައްކަތްކުރެވޭ ގޮތް ނުވެ، ނަފްސާނީގޮތުން އޭނާވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ.

ނަމަވެސް، މި ހުރިހާ ކަމެއްގެ ފުރިހަމަ ޒިންމާ އަމިއްލައަށް ނަގައި، އޭނާގެ ސަބަބުން މާލީ އަދި ނަފްސާނީ ގޮތުން އަނިޔާ ލިބުނު އެންމެންގެ ކިބައިން އިޚްލާޞްތެރިކަމާއެކު އޭނާވަނީ މަޢާފަށް އެދިއެވެ. އަދި ބިރުން ފޯނު ނުނަގައި، ޖަވާބުދާރީ ނުވެވި ފިލައިގެން އުޅެވުނު ކަމަށްޓަކައި އޭނާ މިހާރު ދެރަވެ، ލަދުގަނެއެވެ.
"އަޅުގަނޑު ﷲ ގަންދީ ވަޢުދުވަމެވެ. އަޅުގަނޑު ދައްކަންޖެހޭ އެންމެހައި ފައިސާއެއް، ކިތަންމެ ދަތި ޙާލުގައި ނަމަވެސް، މަސައްކަތް ކޮށްގެން އަނބުރާ ދައްކައި ޚަލާޞްކުރާނަން." އެ ޒުވާނާ ބުނެފައިވެއެވެ.

އޭނާ އެދެނީ، މީހުންގެ އަތުން ނަގާފައިވާ، ފައިސާ އަނބުރާ ދެއްކުމަށް އޭނާއަށް ވަގުތު ދިނުމަށެވެ.
އޭނާގެ މި ހިތްދަތި ތަޖުރިބާއިން ޢިބުރަތް ޙާޞިލުކުރުމަށް މުޅި މުޖުތަމަޢަށާއި، ޚާއްޞަކޮށް ޒުވާނުންނަށް އޭނާ ވަނީ ޚާއްސަ މެސެޖެއް ދޫކޮށްލައިފައެވެ.

"ގޭމްބްލިންގް ނުވަތަ ޖުވާކުޅުމަކީ މީހާގެ ދުނިޔެއާއި އާޚިރަތް ހަލާކުކޮށްލާ ބޮޑު ވަބާއެއް! އެއީ އުފަލެއް ނޫން! އެއީ މުޅި ދިރިއުޅުން އަނދާ އަޅިއަށް ހަދާލާ ވިހައެއް! އެއްވެސް އަޚަކު ނުވަތަ އުޚުތަކު މި ނުބައި މަގަށް ނުދާތި! " ސޯޝަލް މީޑިއާއަށް އޭނާ މި މެސެޖް ދޫކޮށްލީ އޭނާގެ ހިތުގެ އެންމެ ފުންމިނުންނެވެ.

ކުށްތަކަށް ތައުބާވެ، ރަނގަޅު މީހެއްގެ ގޮތުގައި މުޖުތަމަޢަށް އެނބުރި އައުމަށް ކުރާ މަސައްކަތުގައި އެންމެހައި ފަރާތްތަކުގެ މަޢާފާއި ހެޔޮދުޢާއަށް އެ ޒުވާނާ އެދިފައިވެއެވެ.