ނޮޅިވަރަންފަރު ކައުންސިލާއި، އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (އތމކ) އަދި ނޮޅިވަރަންފަރު ސްކޫލް ގުޅިގެން ކުރިއަށްގެންދިޔަ "މަދަހީ ބަހާރު"ގެ ވަކިވަކި މަދަހައިގެ ބައިން ފަޚުރުވެރި 1 ވަނަ އެ ރަށު ޓިޔުލިޕް މުޙައްމަދު ރިޔާޟަށް ލިބުނު އިރު މުޅި މުބާރާތުގެ ގުރޫޕް މަދަހައިގެ ބައިން 1 ވަނަ ހޯދާފައިވަނީ މުސްތަރީއެވެ.

މި މުބާރާތުގެ ވަކިވަކި މަދަހައިގެ ބައިން މުޅި މުބާރާތުން 2 ވަނަ އާޞިމް މުޙައްމަދަށް ލިބިފައިވާއިރު 3 ވަނަ ހޯދާފައިވަނީ ސިމާނާ ޙުސައިނެވެ.

Ad
rt

މީގެއިތުރުން ގުރޫޕް މަދަހައިގެ ބައިން މުޅި މުބާރާތުން 2 ވަނަ ލިބުނީ މަރުކަޒު އަންހެން ޓީމަށެވެ. އަދި 3 ވަނަ ޙާޞިލްކޮށްފައިވަނީ އަލްއަޙްވާތު ގުރޫޕެވެ.

ސްކޫލް ދަރިވަރުންނާއި އާންމުންގެ މެދުގައި މަދަހަ ކިޔުމުގެ ފަންނު އިތުރުކުރުމާއި، މަދަހައަށް ލޯބިޖެއްސުމެވެ. އަދި ދީނާއި ދިވެހި އަދަބިއްޔާތަށް ލޯބި ޖެއްސުމުގެ އިތުރުން މުސްތަޤްބަލުގައި ފެންވަރު ރަނގަޅު މަދަހަ ކިޔުންތެރިންތަކެއް އުފައްދައި، ފަންނުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި އާންމުންގެ ފަރާތުން ހިތްގައިމު 25 މަދަހަ އާއި 4 ގުރޫޕް މަދަހަ ހުށަހަޅައިދީފައިވާއިރު، މުޢައްސަސާތަކުގެ 6 ގުރޫޕަކުންވަނީ ރީތި މަދަހަ ތަކެއް ހުށަހަޅާފައެވެ. މީގެއިތުރުން ސްކޫލް ދަރިވަރުންގެ 24 މަދަހަ އާއި 10 ގުރޫޕް މަދަހަ އިވިގެން ދިޔައެވެ.

މި މުބާރާތަކީ ވަނަ ހާޞިލުކުރި ގިނަ އަދަދެއްގެ މަދަހަ ކިޔުންތެރިންނަށް ފައިސާގެ އިނާމު ދެވުނު މުބާރާތެއްކަން ފާހަގަ ކުރެވެއެވެ.