ބްރެޒިލްއާ ދެކޮޅަށް ކުޅުނު މެޗުން އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމު 4-0 ގެ ނަތީޖާއަކުން ބަލިވި ނަމަވެސް، މެޗު ނިމުމާ އެކު އިންޑިއާގެ ގާތްގަނޑަކަށް ހުރިހާ ކުޅުންތެރިންހެން ވަނީ ބްރެޒިލްގެ ތަރި ވިނީޝިއަސް ޖޫނިއާއާ އެކު ފޮޓޯ ނެގުމަށް އޭނާގެ ފަހަތުން ގޮސްފައެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ ގަދަބާރެއް ކަމަށްވާ ބްރެޒިލްގެ ކުޅުންތެރިން ފެނުނީ މުޅި މެޗުގައި ވެސް ވަރަށް ޕްރޮފެޝަނަލް ކޮށެވެ.

Ad
rt

މެޗު ނިމުމަށް ފަހު ދެ ޓީމުގެ ކުޅުންތެރިން އެކަކު އަނެކަކާ ސަލާމްކޮށް ގިނަ އަދަދެއްގެ ޖާޒީ ބަދަލުކުރިއިރު، ވިނީޝިއަސް އާއި އިންޑިއާގެ މަންވީރު ސިންގް ވަނީ އެކުވެރިކަމާ އެކު ވާހަކަދައްކައިފައެވެ. އަދި އިންޑިއާގެ ކޮންމެ ކުޅުންތެރިއަކު ކަހަލަ ގޮތަކަށް އެދުނު އެދުމަށް އިޖާބަދީ، ވިނީޝިއަސް ވަނީ އެ ކުޅުންތެރިންނާ އެކު ފޮޓޯ ނަގައިދީފައެވެ. އެހެން ނަމަވެސް، ރެފްރީ ކަށިގަނޑު ފުމެފައި ވަނިކޮށް ވިނީޝިއަސް ފޮނުވާލަން އުޅުނު ވޮލީ ބޯޅަ މުޅިން ބޭކާރުވި މަންޒަރާއި، ބޯޅަ ހޯދަން ދުވެފައި ގޮސް ބްރޫނޯ ގިމަރާއެސް ހެދި ގޯސް ސޯޝަލް މީޑިއާގައި ދައުރުވާނެ ކަމަށް ބެލެވެއެވެ.

މި މެޗުން 4-0 އިން ބަލިވި ނަމަވެސް، މިއީ އިންޑިއާއަށް ވަރަށް ބޮޑު ހިތްވަރެއް ލިބުނު ނަތީޖާއެކެވެ. ޚާއްސަކޮށް މެޗުގެ ފުރަތަމަ 20 މިނެޓުގައި އިންޑިއާގެ ކުޅުންތެރިން ދެއްކި ކުޅުން ފާހަގަކޮށްލެވެއެވެ. ދުނިޔޭގެ ރޭންކިންގައި މާ ކުރީގައި އޮތް ޓީމުތައް ވެސް އަމިއްލަ ގައުމުގައި ބްރެޒިލް އަތުން މިއަށް ވުރެ މާ ބޮޑު ތަފާތަކުން ބަލިވެފައިވެއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-0 އިން ބްރެޒިލް ކުރީގައި އޮވެގެންނެވެ. އިންޑިއާ ކޮޅަށް ވަން ދެ ގޯލުގައި އެ ޓީމުގެ ކީޕަރު އަދި ކެޕްޓަން ގުރްޕްރީތު ސިންގް ސަންދޫގެ ބޮޑެތި ގޯސްތަކެއް ހިމެނުނު ނަމަވެސް، ބްރެޒިލް ފަދަ ޓީމެއް އަތުން ފުރަތަމަ ހާފުގައި މި ނަތީޖާއެއްގައި ހިފަހައްޓާލެވުމަކީ ވެސް އުންމީދު ކުރި ވަރަށް ވުރެ ރަނގަޅު ނަތީޖާއެކެވެ. ފުރަތަމަ ހާފުގައި ވިނީޝިއަސްގެ ނުރައްކާތެރި ހަމަލާތަކެއް ފެނުނުއިރު، 19 އަހަރުގެ އެސްޓެވާވް ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. އަދި ފުރަތަމަ ހާފު ނިމެން ދަނިކޮށް ވިނީޝިއަސް ޖެހި ބޯޅައެއް ސަންދޫގެ ފައި ދަށުން ގޮސް ގޯލުގެ ތެރެއަށް ވަންނަން ދަނިކޮށް ދިފާއުކުރީ އަބީޝެކްއެވެ.

ދެވަނަ ހާފު ފަށަމުން ބްރެޒިލްއިން ވަނީ ވިނީޝިއަސް، އާތޫރު ޑިއާސް، މަޓެއުޒީނިއޯ، ގެބްރިއަލް ބޮންޓެމްޕޯ އަދި ޑަގްލަސް ސަންޓޯސް ބޭލުމަށް ފަހު ގެބްރިއަލް، ވަންޑަސަން، ޑަގްލަސް ލުއިޒް، ސެމިއުލް ލީނޯ އަދި ބްރޫނޯ ގިމަރާއެސް ކުޅެން އަރުވައިފައެވެ. އިންޑިއާއިން ވެސް ސަންދޫގެ ބަދަލުގައި ކީޕަރު ޕްރަބްސުކާން ގިލް ނެރުނެވެ. މި ހާފުގައި އިންޑިއާގެ ބިޖޯއީ ބޯޅަ ސާފުކޮށްލަން އުޅުމުގެ ތެރޭގައި ހެދުނު ގޯހެއްގެ ފައިދާ ނަގައި، ސެމިއުލް ލީނޯ ވަނީ ގޯލުގެ ކަނަށް ބޯޅަ ވައްދާލައިގެން ބްރެޒިލްއަށް ލަނޑެއް ޖަހައިދީފައެވެ.

މެޗުގެ ފަހުބައިގައި ބްރެޒިލްގެ ހުރިހާ ކުޅުންތެރިންހެން އިންޑިއާގެ ހާފު ތެރޭގައި ކުޅެމުން ދިޔުމުގެ ސަބަބުން، ކައުންޓާ އެޓޭކްތަކުގައި އިންޑިއާގެ މަންވީރު އަދި ރަޔަން ވިލިއަމްސް އަށް ބައެއް ފުރުސަތުތައް ތަނަވަސްވިއެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ. ގިނަ ބަދަލުތަކަކާ އެކު މެޗުގެ ފަހު ވަގުތުކޮޅު ކުޅުން މަޑުޖެހިފައި އޮތުމަށް ފަހު، މެޗުގެ އެންމެ ފަހު ހަރަކާތަކަށް ވީ ލީނޯ ނެގި ހަމަލާއެކެވެ.