މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.6 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކުގެ އެއްވަނައިގައި އަދިވެސް އޮތީ ޗައިނާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ ވުޒާރާއިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މި އަހަރުގެ މިހާތަނަށް މުޅި ޖުމްލަ 1,603,021 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

Ad
rt

މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް 1,659,031 ފަތުރުވެރިން އައިސްފައިވުމުން، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 3.4 އިންސައްތައިގެ ދަށްވުމެކެވެ. ނަމަވެސް، މިހާރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނައިރު، ކުރިއަށް އޮތް ހައި ސީޒަންގައި މި އަދަދުތައް އިތުރަށް މައްޗަށް ދާނެ ކަމަށް ސަރުކާރާއި ދާއިރާގެ ހިއްސާދާރުން ފާހަގަކުރެއެވެ.

ފާއިތުވި ސެޕްޓެންބަރު މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ މަހު އެކަނިވެސް 150,764 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ޒިޔާރަތްކުރި 151,114 ފަތުރުވެރިންނާ އަޅާބަލާއިރު 0.2 އިންސައްތައިގެ ކުޑަ ދަށްވުމެކެވެ. މިދިޔަ މަހު އެވްރެޖްކޮށް ކޮންމެ ދުވަހަކު 5,872 ފަތުރުވެރިން ރާއްޖެ އެތެރެވިއިރު، އެންމެ ގިނަ އަދަދަކަށް މީހުން ޒިޔާރަތްކުރީ ސެޕްޓެންބަރު 26 ގައެވެ. އެ ދުވަހު އެކަނިވެސް 6,284 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

ރާއްޖޭގެ މާކެޓް ހިއްސާގައި އެއްވަނައިގައި އޮތް ޗައިނާއިން މި އަހަރުގެ މިހާތަނަށް 300,977 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ދެވަނައިގައި އޮތް ރަޝިއާއިން 229,236 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން އައިސްފައިވަނީ 119,968 ފަތުރުވެރިންނެވެ. މީގެ އިތުރުން ލިސްޓުގެ ހަތަރުވަނައިގައި އޮތް ޖަރުމަނުވިލާތުން 99,062 ފަތުރުވެރިން އަދި ފަސްވަނައިގައި އޮތް އިޓަލީވިލާތުން 98,039 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ރެކޯޑުތަކުން ދައްކައެވެ.

ފަތުރުވެރިން ޗުއްޓީ ހޭދަކުރި ތަންތަނުގެ ތަފްސީލަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އެގޮތުން 1,158,404 ފަތުރުވެރިން ރިސޯޓުތައް އިޚްތިޔާރުކުރިއިރު، ގެސްޓްހައުސްތަކުގައި 345,220 ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ. އަދި ހޮޓާތަކުގައި 36,106 ފަތުރުވެރިން އަދި ސަފާރީ އުޅަނދުފަހަރުގައި 29,679 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މި އަހަރުގެ މިހާތަނަށް ފަތުރުވެރިންގެ ތެރެއިން ވައިގެ މަގުން ރާއްޖެ އެތެރެވީ 1,587,438 މީހުންނެވެ. އޭގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް ކަމަށްވާ 1,569,214 ފަތުރުވެރިން އައީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް މެދުވެރިކޮށެވެ. މީގެ އިތުރުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން 5,606 ފަތުރުވެރިން، މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުން 5,032 ފަތުރުވެރިން، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުން 3,331 ފަތުރުވެރިން، މާމިގިލީ އެއަރޕޯޓުން 2,971 ފަތުރުވެރިން އަދި ދާލު އެއަރޕޯޓުން 1,284 ފަތުރުވެރިން ވަނީ ރާއްޖެ އެތެރެވެފައެވެ.