ހއ. ބާރަށުގައި ކުރިއަށް ގެންދާ، އާސާރީ ތަރިކަ ޙިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތަފްޞީލް އެ ކައުންސިލުން ޢާންމުކޮށްފިއެވެ.

އެ ކައުންސިލުން މައުލޫމާތު ދެއްވާ ގޮތުގައި، އެރަށު ކަޅުއޮއްފުންމި މަގުގެ، "ބޯޓުޔާޑު" ބޯޑަރު އެޅުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށް ދާއިރު، އެ މަޝްރޫޢުގެ ޖުމްލަ މަސައްކަތުގެ 90 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. ޕޯޗުގީޒުންނާ ދެކޮޅަށް ހަނގުރާމަކުރެއްވުމަށް ބޮޑުތަކުރުފާނު ބެންނެވި މަޝްހޫރު ނަވު "ކަޅުއޮއްފުންމި" ބެންނެވީ ބާރަށުގައެވެ. ޕޯޗުގީޒުންނަށް ސިއްރުން، ރަށުގެ ވަލުތެރޭގައި އެ މަސައްކަތް ކުރެއްވި ސަރަޙައްދަކީ މިއަދުވެސް ބާރަށުގައި ޙިމާޔަތްކޮށް، ފާހަގަކުރަމުން އަންނަ ތާރީޚީ ބޯޓުޔާޑެވެ.

Ad
rt

އެރަށުގައި ހުރި "އެއްގަމުވަޅު"ގެ ފާރު ރޭނުމުގެ މަސައްކަތް ވެސް ކުރެވެމުންދާކަމަށް އެ ކައުންސިލުން މައުލޫމާތު ދެއްވައެވެ.

އެއްގަމުވަޅަކީ، ކަޅުއޮއްފުންމި ބަނުމުގެ މަސައްކަތުގައި އުޅުއްވި ބޭފުޅުން ބޯފެނަށާއި، އެހެނިހެން ބޭނުންތަކަށް ފެން ނެންގެވުމަށް ބާރަށު އެއްގަމުގައި ކޮނެފައިވާ ޚާއްޞަ ވަޅެކެވެ. ގިނަ ދުވަސްތަކެއް ވަންދެން ބޭނުންކުރި މި ވަޅަކީ އެ ޖިހާދުގެ ޢަމަލީ ހެތްކެއްގެ ގޮތުގައި މިއަދާ ހަމައަށްވެސް ރައްކާތެރިކޮށް ބަލަހައްޓަމުން އަންނަ ތަނެކެވެ.
މީގެއިތުރުން، ބާރަށު ކައުންސިލުން ހާމަކުރައްވާ ގޮތުގައި، ބޮޑުތަކުރުފާނު ގެ ދުވަސްވަރު ވިޔަޒޯރު ހުންނެވި އަތޮޅުވެރިކަން ކުރިގެ ކަމަށްވާ "ވާރުގެ" ޢިމާރާތް ކުރުމުގެ މަސައްކަތުގެ 50 އިންސައްތަ މިހާރު ފުރިހަމަކޮށްފައިވާއިރު، ފުރާޅުގެ ފަތިއެޅުމާއި އެތެރެއާއި ބޭރު ފާރުތަކުގައި އުވަޖެހުމުގެ އިތުރުން، ދޮރުތަކާއި ދޮރުކަނިތައް ހަރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. ވާރުގެއަކީ، ރަށުގެ އިދާރީ އަދި އިޤްތިޞާދީ ތާރީޚު ދައްކުވައިދޭ، ރަށުގެ ޤަދީމީ ތަރިކައިގެ މުހިންމު ބިނާއެކެވެ.

އެ މަޝްރޫޢަށް ބޭނުންވާ އީޓު އިއްޔެ ބޯޓަށް އަރުވާފައިވާއިރު، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި މި ތަކެތި ރަށަށް ގެނައުމުގެ އެންމެހައި އިންތިޒާމު ހަމަޖެހިގެންދާނެކަމަށް ވެސް އެ ކައުންސިލުން ޔަޤީންކަން ދެއްވައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހއ.އަތޮޅުގައި ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކުރުމުގެ ޤައުމީ މަޝްރޫ ޢިއުލާންކުރެއްވީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. މިގޮތުން ދިވެހި ޤައުމިއްޔަތުގެ ދާއިރާއިން ޚާއްޞަ މަޝްރޫޢެއްގެ ގޮތުގައި ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކުރުމުގެ ޤައުމީ މަޝްރޫގެ ދަށުން ފުރަތަމަ ފިޔަވަހީގައި ހއ. އުތީމު، ތަކަންދޫ، ބާރަށުގެ އާސާރީ ތަންތަން ހިމާޔަތްކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.