ވ. އާރަށުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ތަހުގީގުގައި ހަނު ހުރެފައިވާތީ, ޝަރީއަތުގައި ދިފާއީ ހެކި ހުށަނޭޅޭނެ ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.
އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ ޔާމީންގެ މައްޗަށް ދައުވާ ކުރާއިރު, އެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ދައުވާކުރެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލާގެ ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުން ބުނީ އެ މައްސަލައިގެ ތަހުގީގު މަރުހަލާގައި ޔާމީން ހަނު ހުންނެވުމަށްފަހު އެ މަރުހަލާގައި ހާމަނުކުރާ ހެކިތަކަށް ޝަރީއަތުގައި ފުރުސަތު ދެވިގެންނުވާނެ ކަމަށެވެ.
ޔާމީންގެ ފަރާތުން ދިފާއުގައި ހުށަހެޅީ މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އާއި ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއީލް އަދި ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ޝާހިދެވެ. އަދި ޑޮލަރު މާރުކުރިކަން ބަޔާންކޮށްދޭ ލިޔުމެއް ވެސް ހެކީގެ ގޮތުގައި ހުށަހެޅި އެވެ.
އެ މައްސަލާގައި ރިޝްވަތު ގަބޫލުކޮށް މަނީ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނިކޮށް، އެ ހުކުމް ބާތިލް ކުރުމަށްފަހު ހައި ކޯޓުން ވަނީ އެ މައްސަލަ ކްރިމިނަލް ކޯޓުގައި އަލުން ބަލަން އަމުރުކޮށްފަ އެވެ.
އެ މައްސަލާގެ އިތުުން ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލުކޮށް އަދި އެ ފައިސާ ލޯންޑާކުރި ކަމަށް ބުނާ މައްސަލާގައި ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދެ އެވެ. އެ މައްސަލައިގެ އަޑުއެހުމެއް މިދިޔަ ހަފުތާއަށް ތަވާލުކުރި ނަމަވެސް ކެންސަލްކުރި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!