ޏ. ފުވައްމުލަކުގައި ހިންގި މާރާމާރީއެއްގައި ޒުވާނަކު މަރާލި މައްސަލާގައި ތުހުމަތުވާ ގާތިލަށް ފުލުހުން އަނިޔާކުރި ކަމަށް އެ މީހާ ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.
ޖެނުއަރީ، 2010 ގައި ފުވައްމުލަކުގައި ހިންގި މާރާމާރީއެއްގައި އެރަށު މެކޯ އަބްދުﷲ ޝުހާދު މަރާލި މައްސަލާގައި އެރަށު ކަރަންކާއާގޭ ހަސަން ފަރީދު މެރުމަށް ކްރިމިނަލް ކޯޓާއި ހައި ކޯޓުން އޮތީ ހުކުމްކޮށްފަ އެވެ.
އެ މައްސަލަ ފަރީދުގެ ފަރާތުން އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ފަރީދު ބުނީ ފުލުހުން އޭނާ ކަނު ބަނުމަށްފަހު ފުވައްމުލަކު ބަނދަރުގައި އޮތް ލޯންޗެއްގެ ތެރެއަށް އެއްލާލީ ކަމަށެވެ. އަދި ފަހުން ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް އޭނާ ގެންދިއުމުން، އޭނާއަށް ލިބިފައި ހުރި އަނިޔާތަކުގެ ބޮޑުކަމުން އެކަމަށް ފަރުވާ ދެވެން ނެތް ކަމަށް އެ ހޮސްޕިޓަލުން ބުނި ކަމަށް އޭނާ ބުންޏެވެ.
ފަރީދު ފުވައްމުލަކުގައި ހައްޔަރުކޮށްފައި ހުއްޓާ އެރަށަށް ދިޔަ ހިއުމަން ރައިޓްސް ކޮމިޝަންގެ ޓީމް އެރަށަށް އެރުމަށް އެރަށުގެ ބަޔަކު ހުރަސް އަޅާފައިވާތީ, އެއީ ވެސް ފުލުހުން ދިން މައުލޫމާތަކާ ގުޅިގެން ކަމަށް އޭނާ ތުހުމަތުކުރި އެވެ.
ފަރީދަށް ފުލުހުން އަނިޔާކުރި ކަމަށް ބުނާ ތުހުމަތާ ގުޅިގެން އެއްވެސް ތަހުގީގެއް ކުރިތޯ ބެންޗުން ސުވާލު ކުރުމުން ދައުލަތުން ބުނީ އެފަދަ ތަހުގީގެއް ހިންގިކަން މިވަގުތު ބެލިފައި ނެތް ކަމަށެވެ. ނަމަވެސް އޭނާ މެރުމަށް ކޮށްފައިވާ ހުކުމް ރަނގަޅު ކަމަށް ވެސް ދައުލަތުން ބުންޏެވެ.
އެ މައްސަލާގައި އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ބެންޗުން އިއުލާން ކުރެއްވި އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ރިޔާސަތު ބަލަހައްޓަވާ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު މުހައްމަދު ސަލީމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!