ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު، ޙަސަން ރަޝީދު، އެމް.އެން.ޑީ.އެފް ނޮދަން އޭރިއާ ކޮމާންޑަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރެއްގެ ތެރެއިން ހއ. ދިއްދޫ، ބާރަށް އަދި އުތީމަށް ވަޑައިގެންފިއެވެ.
ވަޒީރު އެ ރަށްތަކަށް ވަޑައިގަންނެވުމުން، އެ ރަށްތަކުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މި ދަތުރުފުޅުގެ ތެރެއިން ބާރަށަށް ވަޑައިގެން، އެ ރަށުގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތައް ބައްލަވާލެއްވުމުގެ އިތުރުން، އެ ރަށުގައި ހުރި އާސާރީ ތަންތަނަށް ޒިޔާރަތްކުރައްވައި އެ ތަންތަން ވެސް ވަޒީރު ވަނީ ބައްލަވާލައްވާފައެވެ.
އުތީމު ކައުންސިލުން ބުނި ގޮތުގައި، ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު އެމް.އެން.ޑީ.އެފް ނޮދަން އޭރިއާ ކޮމާންޑަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ހއ. އުތީމަށް ވަޑައިގަތުމުން އެ ރަށުން ވަނީ އެމަނިކުފާނަށް މަރުޙަބާ ދަންނަވާފައެވެ. އަދި މި ޒިޔާރަތުގައި އުތީމުގެ ތަރައްޤީއަށްޓަކައި ކުރަމުންދާ މަސައްކަތްތައް ވެސް ވަޒީރު ވަނީ ބައްލަވާލައްވާފައެވެ.
މި ދަތުރުގެ ތެރެއިން ދިއްދޫ ކައުންސިލާއެކު އިސްވެރިންގެ ޚާއްޞަ ބައްދަލުކުރެއްވުމެއް ވެސް ވަނީ ބާއްވަވާފައެވެ. މި ބައްދަލުކުރެއްވުން ކުރިއަށް ގޮސްފައިވަނީ އެމް.އެން.ޑީ.އެފް ނޮދަން އޭރިއާ ކޮމާންޑްގެ ހެޑްކުއަރޓާސްގައެވެ.
ދިއްދޫ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި، ރަށުގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާއާއި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ ގުޅުންހުރި ކަންކަމާ ގުޅޭގޮތުން ދެފަރާތުގެ ދެމެދުގައި ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.
މި ދަތުރާއި ބޭއްވުނު ބައްދަލުވުންތަކުގައި ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރުގެ އަރިހުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، އެމް.އެން.ޑީ.އެފް ނޮދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!