ހދ. ކުޅުދުއްފުށި ސިޓީގެ ތިން ސްކޫލެއްގެ ދަރިވަރުން، އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް "އިމާދުއްދީން"އަށް ހާއްސަ ޒިޔާރަތެއް ކޮށްފިއެވެ.
މި ޒިޔާރަތުގައި ބައިވެރިވެފައިވަނީ ކުޅުދުއްފުށީގެ ޖަލާލުއްދީން ސްކޫލާއި، އަފީފުއްދީން ސްކޫލް އަދި ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނެވެ.
ސެޕްޓެންބަރު 25 ވަނަ ދުވަހު ކުރިއަށްދިޔަ މި ޒިޔާރަތުގައި އެ ތިން ސްކޫލުން ޖުމްލަ 96 ދަރިވަރުން ބައިވެރިވިއެވެ. އަދި ދަރިވަރުންނާއެކު އެ ސްކޫލްތަކުގެ 12 މުދައްރިސުންވެސް ވަނީ ކޯސްޓްގާޑު ޝިޕް އިމާދުއްދީނަށް ޒިޔާރަތްކޮށްފައެވެ.
މި ޒިޔާރަތުގެ ތެރެއިން، ކޯސްޓްގާޑު ޝިޕް އިމާދުއްދީނާ ބެހޭ ތަފާތު މަޢުލޫމާތުތައް ދަރިވަރުންނަށް ވަނީ ހިއްސާކޮށްފައެވެ. އެގޮތުން އުޅަނދުގެ ބްރިޖް އިކުއިޕްމަންޓްތަކާ ބެހޭގޮތުން ދަރިވަރުންނަށް ވަނީ އޮޅުންފިލުވައިދީފައެވެ.
އޭގެ އިތުރުން އަލިފާން ނިއްވުމަށް ބޭނުންކުރާ ވަސީލަތްތަކާއި، ޑައިވިންގ އަދި ކަނޑުމަތީގައި ފުރާނަ ސަލާމަތްކުރުމަށް ބޭނުންކުރާ ތަފާތު ވަސީލަތްތަކާ ބެހޭގޮތުންވެސް ދަރިވަރުންނަށް ވަނީ މަޢުލޫމާތު ފޯރުކޮށްދީފައެވެ.
މި ޒިޔާރަތުގައި ކަނޑުމަތީގެ ސަލާމަތްތެރިކަމާ ބެހޭގޮތުން ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ އިތުރުން، ކޯސްޓްގާޑުގެ މައިގަނޑު ދައުރާއި މަސްޢޫލިއްޔަތުތަކާ ބެހޭގޮތުންވެސް ވަނީ އަހުލުވެރިކުރުވާފައެވެ.
ކޯސްޓްގާޑު ޝިޕް އިމާދުއްދީނަށް ސްކޫލްތަކުގެ ދަރިވަރުން ކުރި މި ޒިޔާރަތުގައި، ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދީފައިވަނީ އެ އުޅަނދުގައި މަސައްކަތްކުރަމުންދާ އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިންނެވެ.
ކޯސްޓްގާޑް ޝިޕް ''އިމާދުއްދީން'' އަކީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، އޮސްޓްރޭލިއާ ސަރުކާރުން ހިލޭއެހީގެ ގޮތުގައި ހަދިޔާކުރި ނޭވީ މަނަވަރެކެވެ. 15 ޖޫން 2026 ގައި ރާއްޖެ ގެނައި މި އުޅަނދު ރަސްމީކޮށް ޚިދުމަތަށް ނެރުނީ 27 ޖުލައި 2026 ގައެވެ. އޮސްޓްރޭލިއާގެ ޑިފެންސް ކޯޕަރޭޝަން ޕްރޮގްރާމްގެ ދަށުން ހަދިޔާކުރި މިއުޅަނދަކީ އޮސްޓްރޭލިއާގެ ހެންޑަސަން ޝިޕްޔާޑުގައި އޮސްޓަލް ލިމިޓެޑުން ބަނދެފައިވާ މުޅިން އައު އުޅަނދެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!