ހދ. ނެއްލައިދޫ ފަޓޯ ސްޕޯޓްސް އެކަޑަމީ (އެފްއެސްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެފްއެސްއޭ ނެއްލައިދޫ ފުޓްސަލް ކަޕް 2026" ގެ ޓީމުތަކުން ފައިނަލްގެ ޖާގަތައް ކަށަވަރުކޮށްފިއެވެ.

ސެމީ ފައިނަލްގައި، ޓީމް ފުރުންމާ އަދި ޝައިނިންގ ސްޓާ ބައްދަލުކުރި މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު ވަނީ 3-3 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. މެޗުގެ ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި 7-5 ގެ ނަތީޖާއަކުން ކުރިހޯދައި، ފައިނަލުގެ ޖާގަ ކަށަވަރުކުރީ ޓީމް ފުރުންމާއެވެ.

Ad
rt

ސެމީފައިނަލް މެޗުގައި މޮޅު ކުޅުމެއް ދައްކައި، މެޗުގެ މޮޅު ކުޅުންތެރިޔާ ނުވަތަ މޭން އޮފް ދަ މެޗުގެ މަޤާމު ހޯދާފައިވަނީ މުޙައްމަދު ޒިހާން އެވެ.

މުބާރާތުގެ ފައިނަލަށް ވެލާ ޔުނައިޓެޑް ވަނީ ސީދާ ދަތުރުކޮށްފައެވެ. އެހެންކަމުން މާދަމާ ހަވީރު 4:15 ގައި ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗުގައި ބައްދަލުކުރާނީ ވެލާ ޔުނައިޓެޑް އަދި ޓީމް ފުރުންމާއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 7،000 ރުފިޔާގެ ފައިސާގެ އިނާމާއި، މެޑަލް އަދި ޓްރޮފީ ދިނުމަށް ހަމަޖެހިފައިވާއިރު، ރަނަރަޕް ޓީމަށް ކަނޑައަޅާފައިވަނީ 4،000 ރުފިޔާގެ ފައިސާގެ އިނާމެވެ. އަދި ފެއަރ ޕްލޭ ޓީމަށް 1،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.