އީރާނުން ހުށަހެޅި ހަތް ދުވަހުގެ ސުލްހައިގެ ފުރުސަތު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގަބޫލުނުކުރައްވައި ޖައްބާރުކަން އިސްކޮށްފިއެވެ.
މިއާއިއެކު އަންނަ ނޮވެމްބަރު މަހު އޮންނަ އެމެރިކާގެ މިޑްޓާމް އިންތިޚާބަށްފަހު އީރާނަށް އާ ހަމަލާތަކެއް ދިނުމަށް އޭނާ ރާވަވަމުންދާ ކަމަށް އެމެރިކާގެ ނޫހެއް ކަމަށްވާ "ވޯލް ސްޓްރީޓް ޖާނަލް" އިން ވަނީ ރިޕޯޓުކޮށްފައެވެ.
މި ކަމާ ގުޅޭ މައުލޫމާތު އެނގޭ މަސްދަރުތަކާ ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ، އީރާނުގެ މަޝްވަރާކުރައްވާ ފަރާތްތަކުން މި ހުށަހެޅުން ހުށަހެޅީ ގަތަރުގެ މެދުވެރިކޮށެވެ. އީރާނުގެ ހުށަހެޅުމުގައިވަނީ، އެމެރިކާއިން އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ކަނޑުގެ ބްލޮކޭޑް ނުވަތަ ބަންދުކުރުން އުވާލައިފިނަމަ، ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވާލުމަށާއި ނިއުކްލިއަރ މަޝްވަރާތައް އަލުން ފެށުމަށް ތައްޔާރަށް އޮތް ކަމަށެވެ.
ނަމަވެސް އެމެރިކާގެ އޮފިޝަލުން އީރާނަށާއި މެދުވެރިންނަށް އަންގާފައިވަނީ، އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ބްލޮކޭޑް އުވާލުމުގެ އެއްވެސް ރޭވުމެއް ނެތް ކަމަށެވެ. އެމެރިކާއިން ގަބޫލުކުރާ ގޮތުގައި އިގްތިސާދީ ގޮތުން ދެމުންދާ މި ފިއްތުންތަކުގެ ސަބަބުން، އެމެރިކާއިން ބޭނުންވާ ޝަރުތުތަކަށް އެއްބަސްވުމަށް އީރާނަށް އަދި މަޖުބޫރުވާނެއެވެ.
ވޯލް ސްޓްރީޓް ޖާނަލްގެ ރިޕޯޓުގައިވާ ގޮތުން، ހަތް މަސް ދުވަސްވީ މި ހަނގުރާމައިގެ ތެރޭގައި ޓްރަމްޕް ވަނީ ޑިޕްލޮމެޓިކް މަޝްވަރާތަކާއި، އަސްކަރީ ހަމަލާތަކާއި، އަދި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބޭނުން ތަފާތު ފަހަރުމަތިން ހިއްޕަވާފައެވެ. އިންތިޚާބަށްފަހު އީރާނުން އެއްބަސްވުމަކަށް އަންނަން ބޭނުންވާ ކަމަށް ޓްރަމްޕް ފާޅުގައި ވިދާޅުވި ނަމަވެސް، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް މުޅިން ހުއްޓާލުމަށް އެ ގައުމުން އެއްބަސްވެދާނެކަމާމެދު އޭނާގެ އެތެރޭގެ މަޝްވަރާތަކުގައި ޝައްކު އުފައްދަވާފައިވާ ކަމަށްވެސް ރިޕޯޓުގައިވެއެވެ.
އަނެއްކޮޅުން، އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ވަނީ އެމެރިކާއިން ހުށަހަޅާފައިވާ އާ ސުލްހައިގެ ޝަރުތުތައް ބަލައިނުގަންނާނެ ކަމަށް ބުނެފައެވެ. އެ ފަރާތުން އެދެނީ މި އަހަރުގެ ޖޫން މަހު ވެވުނު ވަގުތީ އެއްބަސްވުމުގެ އަސާސްތަކަށް ރުޖޫއަވުމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ދިގުދެމިގެންދާނެ ހަނގުރާމައަކަށްވެސް ތައްޔާރަށް ތިބި ކަމަށް އައިއާރުޖީސީން ވަނީ ހާމަކޮށްފައެވެ.
މި ހަނގުރާމަ ހުއްޓުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ދަނީ މަސައްކަތްތަކެއް ކުރެވެމުންނެވެ. އެގޮތުން، ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވަނީ ވައިޓް ހައުސްގައި ޓްރަމްޕާ ބައްދަލުކުރައްވައި، ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އެމެރިކާއާއި އީރާނުން އަލުން މަޝްވަރާގެ މަގަށް ރުޖޫއަވުމަށް އެދިވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!