އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބާއްވާ ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން 2026 މިއަދު ހެނދުނު ފަށައިފިއެވެ.

މި ބައްދަލުވުން ފެށުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.

Ad
rt

މިއަހަރުގެ ބައްދަލުވުމުގައި 53 ޖަމްޢިއްޔާއަކުން 60 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެފައިވެއެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ "21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު" މި މަޢުޟޫޢުގެ މައްޗަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ، އިސްލާމީ ދަޢުވަތުގެ މަސައްކަތް މުޅި ރާއްޖޭގައި ކުރެވޭނީ އެއްބަޔަކު އަނެއްބަޔަކާ ގުޅިގެންކަން ފާހަގަކުރައްވާފައެވެ. އަދި އިސްލާމީ ދަޢުވަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ މިފަދަ ޒަމާނެއްގައި އެކުވެރިކަމާއެކު ކުރެވޭ މަސައްކަތްތަކަކީ ކާމިޔާބު މަސައްކަތްތަކަކަށް ވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބާއްވާ ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން ފެށުން، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އެކަކު އަނެކަކަށް އެހީތެރިވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، އެންމެންވެސް އަނެކުން ފުރިހަމަކޮށްދޭ ބަޔަކަށް ވާންޖެހޭ ކަމަށެވެ. މީގެއިތުރުން، ފާއިތުވެދިޔަ ދެތިން އަހަރު ދުވަހުގެ ތެރޭގައި އިސްލާމީ ދާއިރާގައި މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކާއެކު ވުޒާރާއިން ވަރަށް ގާތުން މަސައްކަތްކޮށް، އެހީތެރިކަން ފޯރުކޮށްދީފައިވާނެކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ދީނީ ދަޢުވަތު ފެތުރުމުގައި ހަރަކާތްތެރިވާ ޖަމްޢިއްޔާތަކަށް ބޭނުންވާ އެކިއެކި ވަސީލަތްތައް ހޯދައިދިނުމަށްޓަކައި ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި 1.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެ ތެރޭގައި އިސްލާމީ ސްޓޫޑިއޯތައް ޤާއިމުކުރުމާއި، ޤުރުއާން ކުލާސްތަކަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުން ފަދަ ކަންކަން ހިމެނޭކަން ވަޒީރު ހާމަކުރެއްވިއެވެ.

ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން އިތުރަށް ވިދާޅުވީ، ވަރަށް ރަނގަޅަށް ހިނގަމުންދާ ޖަމްޢިއްޔާތަކަށް މާލީ ގޮތުން ދެމެހެއްޓެނިވި ވަސީލަތްތައް ޤާއިމުކޮށްދިނުމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން މަސައްކަތް ކުރަމުންދާ ކަމަށެވެ.