ށ. އަތޮޅު ހޮސްޕިޓަލުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުންގެ ޓީމެއް އެ އަތޮޅު މިލަންދޫއަށް ޒިޔާރަތްކޮށް ބަލިމީހުން ބެލުމަށް ހަމަޖެހިއްޖެއެވެ.
މި ދަތުރަކީ ސްޕެޝަލިސްޓް އައުޓްރީޗް ޕްރޮގްރާމުގެ ދަށުން 24 ސެޕްޓެމްބަރު 2026 ގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ދަތުރެކެވެ.
ށ އަތޮޅު ހޮސްޕިޓަލުން ބުނެފައިވަނީ، މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ސްޕެޝަލިސްޓް ޞިއްޙީ ޚިދުމަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުންކަމަށެވެ.
މި ދަތުރުގައި ބައިވެރިވާ ޓީމުގައި ހިމެނެނީ ލޮލުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރަކާއި، ކަންފަތް، ކަރުންމަތި އަދި ނޭފަތުގެ ބަލިތަކަށް (އީ.އެން.ޓީ) ޚާއްޞަ ޑޮކްޓަރަކާއި، އާންމު ސާޖަރީގެ ޚާއްޞަ ޑޮކްޓަރަކާއި، އެތެރެހަށީގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރެއްގެ އިތުރުން ކަށީގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރެކެވެ.
ރަށުން ބޭރަށް ދަތުރުނުކޮށް ފަސޭހަކަމާއެކު ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމަށް ލިބޭ މި އަގުހުރި ފުރުޞަތުގެ ބޭނުން ފުރިހަމައަށް ހިފުމަށް ށ. އަތޮޅު ހޮސްޕިޓަލުން މިލަންދޫގެ ރައްޔިތުންގެ ކިބައިން އެދިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!