ށ. މާއުނގޫދޫގައި ކުރިއަށްގެންދިޔަ ކަސްރަތު ޕްރޮގްރާމާއި، ނަފުސާނީ ގޮތުން ކަނބަލުން ހޭލުންތެރިކުރުމަށް ބޭއްވި ޕްރޮގްރާމް، ކާމިޔާބުކަމާއެކު ނިންމައިލައިފިއެވެ.
މާއުނގޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ)އިން އިންތިޒާމްކޮށްގެން، އެ ރަށު އަންހެން ބޭފުޅުންގެ ޞިއްޙީ ދުޅަހެޔޮކަން އިތުރުކޮށް، އެކުވެރިކަމާއި އިޖްތިމާޢީ ރޫޙު އާލާކުރުމުގެ މަޤްޞަދުގައި ބޭއްވި ކަސްރަތު ޕްރޮގްރާމްގައި ޖުމްލަ 83 ކަނބަލުން ބައިވެރިވެފައިވެއެވެ.
މާއުނގޫދޫގައި ބޭއްވި ކަސްރަތު ޕްރޮގްރާމްގެ ތެރެއިން، ފޮޓޯ: ޑަބްލިޔުޑީސީ
އެ ރަށު އތމކ ގެ ރައީސާ ޝަރަފިއްޔާ "ތިލަދުން"އަށް ވިދާޅުވީ، ކަސްރަތު ޕްރޮގްރާމާމެދު ހުރިހާ ބައިވެރިން ވެސް ނުހަނު ހިތްހަމަޖެހޭ ކަމަށާއި، އަދިވެސް އެ ފަދަ ފުރުޞަތަކަށް އެ ބައިވެރިން އެދިއެދި ތިބި ކަމަށެވެ.
ތިން ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގެ އިންސްޓްރަކްޓަރަކީ، ޝޭޕް ފިޓްނަސް ސެންޓަރުގެ އިންސްޓްރަކްޓަރު، އަލްފާޟިލާ ޙަބީބާ އަޙްމަދެވެ.
މާއުނގޫދޫގައި ބޭއްވި ކަސްރަތު ޕްރޮގްރާމްގެ ނިންމާލުން، ފޮޓޯ: ޑަބްލިޔުޑީސީ
މީގެއިތުރުން އތމ ކޮމެޓީން ވަނީ ށ. އަތޮޅު ޕޮލިހާއި ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓް ގުޅިގެން އެ ރަށުގެ ކަނބަލުންނަށް ޚާއްސަކޮށް، ނަފްސާނީ ގޮތުން ކަނބަލުން ހޭލުންތެރިކުރުމަށްޓަކައި ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ.
މާއުނގޫދޫގައި ބޭއްވި ނަފްސާނީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްގެ ތެެރެއިން، ފޮޓޯ: ޑަބްލިޔުޑީސީ
ގެވެށިއަނިޔާއާއި ކަނބަލުންގެ ނަފްސާނީ ރައްކާތެރިކަމާއި ގުޅޭގޮތުން ހޭލުންތެރިކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ، މި ސެޝަން ނަންގަވައިދެއްވީ، ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓްގެ ފެސިލިޓޭޓަރުންނެވެ.
"އުންމީދީ އައްސޭރި" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ސެޝަނުގައި އެ ރަށުގެ ގިނަ ޢަދަދެއްގެ އަންހެން ކަނބަލުން ބައިވެރިވެފައިވާކަމަށް އެ ކޮމިޓީން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!