މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސް ގަންނަ އަގު މަތިކޮށް، ކިލޯއެއް 22 ރުފިޔާއަށް ގަންނަން ފަށައިފިއެވެ.
މިއީ ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި މަހުގެ އަގަށް ބަދަލު ގެނައި ހަތަރުވަނަ ފަހަރެވެ.
މިއީ މި ސަރުކާރު ވެރިކަމަށް އައި ފަހުން މިފްކޯއިން އެންމެ ބޮޑު އަގެއްގައި މަސް ގަންނަން ފެށި ފަހަރެވެ. ސަރުކާރުން މީގެ ކުރިން ނިންމާފައިވަނީ މަސްވެރިންގެ އަތުން މަސް ގަންނަ އަގު 16 ރުފިޔާއަށްވުރެ ދަށް ނުކުރުމަށެވެ.
މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށާއި، މަސްވެރިންގެ އަތުން މަސް ގަންނަ އަގު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިފްކޯއިން އަންނަނީ މަސް ގަންނަ އަގުތަކަށް ބަދަލުތައް ގެންނަމުންނެވެ. އެ ކުންފުނިން ބުނި ގޮތުގައި ކުރިއަށް އޮތް ތަނުގައިވެސް މަސް ގަންނަ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެއެވެ.
މިފްކޯއިން ބުނީ މަސް ގަންނަ އަގު ބިނާވަނީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިގެ މައްޗަށް ކަމަށެވެ. އަދި މިދުވަސްވަރަކީ މަސްވެރިކަން ދަށް ދުވަސްވަރެއް ނަމަވެސް، ކުރިއަށް އޮތް ތަނުގައި މިފްކޯއިން މަސް ގަންނަ އަގު މިހާރަށްވުރެ ރަނގަޅުވުންވެސް އެކަށީގެންވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މަސްވެރިކަމުގެ ސިނާއަތް ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މަސްވެރިންނަށް ފަސޭހަކަމާއެކު އައިސް ލިބޭނެ ގޮތް ހެދުމާއި، އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސައިދީފައެވެ. މީގެ އިތުރުން ރާއްޖޭގެ ދެ ސަރަހައްދެއްގައި ދަޅުގައި މަސް ބަންދުކުރާ ކާރުހާނާ އަޅަން ބޭނުންވާ ބިމާއި ބަނދަރުގެ މަސައްކަތްތައްވެސް މިހާރު ވަނީ ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!