ރާއްޖޭގައި އޮފްޝޯ ބަންކަރިންގެ ހިދުމަތް ދޭން ފެށިފަހުން މިހާތަނަށް 1.2 ބިލިއަން ރުފިޔާ (80 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބިފައިވާ ކަމަށާއި، މަހުން މަހަށް އެ ހިދުމަތުން ލިބޭ އާމްދަނީ އިތުރުވަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ތިން މިނިސްޓްރީއެއް ގުޅިގެން ބޭއްވި މީޑިއާ ބްރީފިންގައި، އެންމެ ފަހުގެ ރިޕޯޓުތަކާ ހަވާލާދެއްވައި މިނިސްޓަރު ސައީދު ވިދާޅުވީ، ބަންކަރިން ވިޔަފާރިން 80 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާ ކަމަށެވެ. މިއީ މީގެ ކުރިން ރާއްޖެއަށް ވަން އާމްދަނީއެއް ނޫންކަން ފާހަގަކުރައްވައި، ސަރުކާރުގެ އުންމީދަކީ ކުރިއަށް އޮތް ތަނުގައި މި އާމްދަނީ މިއަށްވުރެވެސް މަތިވެގެން ދިއުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Ad
rt

މިނިސްޓަރު ސައީދު ފާހަގަކުރެއްވި ގޮތުގައި ބަންކަރިން ހިދުމަތުން ލިބުނު އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ރާއްޖެއަށް އަލަށް އެތެރެކޮށް ވިއްކަން ފެށި "ލޯ ސަލްފާ ފިއުލް" އެވެ. މި ހިދުމަތުގެ ދަށުން އެސްޓީއޯއިން ފޯރުކޮށްދެނީ ޑީސަލާއި ލޯ ސަލްފާ ފިއުލްއެވެ. އޭގެ ތެރެއިން ޑީސަލް ފޯރުކޮށްދެނީ ޔޮޓްތަކާއި ލަގްޒަރީ ބޯޓުތަކަށް ކަމަށްވާއިރު، ކާގޯ ބޯޓުތަކާއި ކޮންޓެއިނަރު ބޯޓުތަކަށް ފޯރުކޮށްދެނީ ލޯ ސަލްފާ ފިއުލްއެވެ.

2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފެށި މި ހިދުމަތުން ލިބުނު އާމްދަނީއާ ގުޅޭގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރައްޔިތުންގެ މަޖިލީހުގައި ސުވާލު ކުރުމުން ސައީދު ވިދާޅުވެފައިވަނީ އެހާތަނަށް ލިބުނީ 12.4 މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް، ހިދުމަތް ފެށިތާ ދެ އަހަރު ވެފައިވާއިރު، ޖުމްލަ 80 މިލިއަން ޑޮލަރު ލިބުމަކީ އަހަރަކަށް ބަލާއިރު އެވްރެޖްކޮށް 40 މިލިއަން ޑޮލަރު (618 މިލިއަން ރުފިޔާ) ގެ އާމްދަނީއެކެވެ.

އިހަވަންދިއްޕޮޅު ޒޯންގައި އޮފްޝޯ ބަންކަރިންގެ ހިދުމަތް ދެނީ އެމްޕީއެލްއާ ގުޅިގެންނެވެ. އަދި ބޯޓުފަހަރަށް ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ސީދާ ކުރަނީ އެސްޓީއޯއިންނެވެ. މި ހިދުމަތް ދިނުމަށް ބޭނުންކުރަނީ 3،258 ޓަނުގެ "އެމްޓީ މެރިން އޭންޖަލް" އާއި 3،929 ޓަނުގެ "އެމްޓީ މެރިން ބެލާ" އެވެ. އެސްޓީއޯއިން ބުނެފައިވާ ގޮތުގައި މި ދެ ބޯޓަކީވެސް ސަލާމަތީ ގޮތުންނާއި ރައްކާތެރިކަމުގެ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފުރިހަމައަށް ފެތޭ ގޮތަށް ބަނދެފައިވާ ދެ ބޯޓެވެ.

އުތުރުގައި އެއްވެސް ކަހަލަ ބަނދަރެއް ނެތި ފެށި މި މަސައްކަތުން އުންމީދު ބޮޑުވަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ކަނޑު ހުރަސްކޮށް ދަތުރުކުރާ ބޯޓުފަހަރަށް ބޭނުންވާ ހިދުމަތްތައް ދޭންޖެހޭކަން ފާހަގަކުރައްވައި، ސަރުކާރުގެ ތެރެއިން ކުރެވޭ މަސައްކަތްތަކާއެކު އަމަލީ މަސައްކަތް ފެށެން ގާތްވަމުންދާ ކަމަށްވެސް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.