މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ހދ. ކުޅުދުއްފުށި ސިޓީއަށް ވަޑައިގެން، އެ ކުންފުނީގެ މަޝްރޫއުތައް ބައްލަވާލައްވައި، ހިދުމަތްތައް އިތުރަށް ރަނގަޅުކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވައިފިއެވެ.
މި ދަތުރުގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ދާއޫދު ވެސް ބައިވެރިވެލެއްވިއެވެ. އެމްޑީ ހުސައިން ފަހުމީއާއެކު މެމްބަރު މުހައްމަދު ދާއޫދު ވަނީ މި ދަތުރުގެ އެކި ހަރަކާތްތަކުގައްޔާއި ބައްދަލުވުންތަކުގައި އަމަލީގޮތުން ބައިވެރިވެލައްވާފައެވެ.
މި ޒިޔާރަތުގެ ތެރެއިން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި، އެ ސިޓީގައި މިހާރު ކުރިއަށްދާ މަޝްރޫއުތަކާ ގުޅޭގޮތުންނާއި، ރައްޔިތުންނަށް އެންމެ އިސްކަންދީގެން ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
މީގެ އިތުރުން، ކުޅުދުއްފުށީގައި މަސައްކަތްކުރާ އެމްޑަބްލިޔުއެސްސީގެ މުވައްޒަފުންނާ ވެސް މެނޭޖިން ޑިރެކްޓަރު ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި، ކުންފުނިން ކުރިއަށްގެންދާ ހަރަކާތްތަކާއި، ހިދުމަތްތައް ދިނުމުގައި މުވައްޒަފުން އިސްކަންދޭންވީ ކަންތައްތަކާ ގުޅޭގޮތުން ވާހަކަދެކެވުނު ކަމަށް އެ ކުންފުނިން ބުންޏެވެ.
ކުޅުދުއްފުށީގެ ރައްޔިތުންނަށް ފޯރުކޮށްދޭ ފެނާއި ނަރުދަމާގެ ހިދުމަތްތައް މިހާރަށްވުރެ ބޮޑަށް ހަރުދަނާކޮށް، ފުޅާކުރެވޭނެ އިތުރު ގޮތްތައް ދެނެގަތުން ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!