ހޯރަފުށީގެ ކްލަބް ޖަމްޢިއްޔާތަކަށް އަމާޒުކޮށްގެން ބާއްވާ "ހޯރަފުށީ ކައުންސިލް ކަޕް" ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ.

މި މުބާރާތަކީ ރަށުގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކޮށް، އެކުވެރިކަމާއި އެއްބައިވަންތަކަން ބަދަހިކުރުމުގެ މަޤުޞަދުގައި ބާއްވާ މުބާރާތެކެވެ.

Ad
rt

މުބާރާތުގެ ހުރިހާ މެޗުތަކެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ހޯރަފުށީ ކްލަބް ފުޓްބޯޅަ ދަނޑުގައެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ ހޯރަފުށީގައި ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބް ޖަމްޢިއްޔާތަކަށް އެކަންޏެވެ. ސަރުކާރު މުޢައްސަސާތަކާއި ކުންފުނިތަކަށް މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ނޯންނާނެކަމަށް އެ ރަށު ކައުންސިލުން ބުނެފައިވެއެވެ.

ފުޓްބޯޅައިން ހުނަރުވެރި ކުޅުންތެރިން އުފެއްދުމާއި، ޒުވާނުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަކީ މި މުބާރާތުގެ އެއް މަޤްޞަދެވެ. އަދި މީގެ އިތުރުން، ރަށުގެ ރައްޔިތުންނަކީ ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބޭ ބަޔަކަށް ހެދުމަށް، ބޭނުންވާ ކަސްރަތާއި ޚަރަކާތްތެރިކަން މި މުބާރާތުގެ ތެރެއިން ލިއްބައިދިނުމަކީވެސް ކައުންސިލްގެ އަމާޒެކެވެ.

މުބާރާތުގައި ހޮވާ ވަނަތައް

  • ޗެމްޕިއަން ޓީމް
  • ރަނަރަޕް ޓީމް
  • ތިންވަނަ ޓީމް
  • އެންމެ މޮޅު ކޯޗު
  • ފެއާޕްލޭ ޓީމް
  • މުބާރާތުގެ ހުރިހާ މެޗެއްގެ މޭން އޮފް ދަ މެޗް
  • މުޅި މުބާރާތުގ މޭން އޮފް ދަ ޓޯނަރމަންޓް
  • 19 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ
  • މުބާރާތުގެ އެންމެ މޮޅު 9 ކުޅުންތެރިން، ( ގޯލް ކީޕަރ ހިމަނައިގެން، ހަމައެކަނި ރަށު ކުޅުންތެރިންނަށް)
  • ރަށުން ބޭރު އެންމެ މޮޅު ކުޅުންތެރިޔާ

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ކްލަބް ޖަމްޢިއްޔާތަކުން ރަޖިސްޓްރީ ވުމުގެ ސުންގަޑިއަކީ، 20 އޯގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ. އަދި މުބާރާތުގައި ބައިވެރިވާ ޓީމުތަކުން ޓީމް ލިސްޓް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 31 އޯގަސްޓް 2026 ގެ 13:00 ގެ ކުރިންނެވެ.

13 ސެޕްޓެމްބަރ 2026 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ޤަވާޢިދާއި ޓީމް ބައިވެރި ކުރުމަށް އެދޭ ފޯމްގެ އިތުރުން ޓީމް ލިސްޓް ހުށަހެޅުމަށް އެދޭ ފޯމް ހޯރަފުށީ ކައުންސިލް އިދާރާގެ ކައުންޓަރުންނާއި ރަސްމީ ފޭސްބުކް ޕޭޖުން ލިބެން ހުންނާނެ ކަމަށް ކައުންސިލުން ބުނެއެވެ.

އަދި މުބާރާތުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު ހުށަހަޅާނީ އެ ކައުންސިލް އިދާރާގެ ކައުންޓަރަށެވެ. އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާނަމަ mv.gov.hoarafushi@info އަށް މެއިލް ކުރުމުން ވެސް ފޯމު ބަލައިގަނެވޭނެކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ. އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް، ބައިވެރިވުމަށް ދީފައިވާ ސުންގަޑީގެ ކުރިން، ލިބުނުތޯ ޔަޤީން ކުރުމަކީ ފޯމު ހުށަހަޅާ ފަރާތުގެ ޒިންމާއެއްކަން ހޯރަފުށީ ކައުންސިލުންވަނީ ބުނެފައިވެއެވެ.