ހދ. މަކުނުދޫގައި މިއަހަރުގެ ތެރޭގައި ޑަޔަލިސިސްގެ ޚިދުމަތް ގާއިމުކޮށް، ރައްޔިތުންނަށް އެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ސިއްހަތާ ބެހޭ ވަޒީރު ގީލާ ޢަލީ ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ހޯމަ ދުވަހު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަކުނުދޫ ދާއިރާގެ މެމްބަރު އާދަމް ޝަފީޤް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ވަޒީރު ވިދާޅުވީ މަކުނުދޫގައި ޑަޔަލިސިސްގެ ޚިދުމަތް ގާއިމުކުރުމަށްޓަކައި މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިއަހަރުގެ ތެރޭގައި އެ ޚިދުމަތް ފުރިހަމަކޮށް ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.
''އޭގެ އިތުރުން ޑަޔަލިސިސްގެ މިހާރު ދެމުން، ޑަޔަލިސިސްގެ ޚިދުމަތް ގާއިމުކުރުމަށްޓަކައި މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މި އަހަރު އެ ޚިދުމަތް ގާއިމުކޮށް ރައްޔިތުންނަށް ޚިދުމަތް ފޯރު ކޮށްދެވޭނެކަން ވެސް ފާހަގަކޮށްލަން'' ވަޒީރު ވިދާޅުވެފަވެއެވެ.
މަކުނުދޫގައި ލެވެލް 3 ގެ ސިއްހީ މަރުކަޒެއް ބިނާކުރުމުގެ މަޝްރޫޢާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، އެ މަސައްކަތް މިހާރު ވަނީ ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރެވިފައި ކަމަށެވެ. މި މަޝްރޫޢު ނިންމުމަށް ތާވަލުކުރެވިފައި ވަނީ 2028 ވަނ އަހަރުގެ ޖުލައި މަހަށްކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، މަކުނުދޫ ސިއްހީ މަރުކަޒުގެ އޯ.ޕީ.ޑީ އަދި އެކްސްރޭގެ ޚިދުމަތް ތަރައްޤީކޮށް ފުޅާކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ބަޔަކާ ހަވާލުކޮށްފައިކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި މަސައްކަތްތައް މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ލަފާކުރެވޭކަމަށް ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!