ރަށްރަށުގެ ބިންތައް ކައުންސިލްތަކުގެ އިހްތިސާސްގެ ތެރެއިން ވަކިކޮށް، ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ވޯޓު ނުދެއްވުމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ގޮވާލައްވައިފިއެވެ.

މި އިސްލާހަކީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު އިއްޔެ މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ.

Ad
rt

މި ބިލު ހުށަހެޅި ސަބަބެއްގެ ގޮތުގައި މެމްބަރު ވިދާޅުވެފައި ވަނީ، ބައެއް ކައުންސިލްތަކުން މަޝްރޫއުތަކަށް ބިން ނުދީ ހިފަހައްޓަމުންދާ ކަމަށާއި، އޭގެ ސަބަބުން ރަށްރަށުގެ ތަރައްގީއަށް ހުރަސްއެޅި މަޝްރޫއުތައް ލަސްވަމުންދާ ކަމަށެވެ.

މި އިސްލާހާ ގުޅިގެން މޭޔަރު އާތިފް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންނާއި ކައުންސިލްގެ ބަހެއް ނެތި ރަށުގެ އިހްތިސާސްގެ ތެރެއިން ބިން ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ދިނުމަކީ ރަށްރަށުގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުން ކަމަށެވެ. އަދި ކައުންސިލްތަކުން ބޮޑެތި ހަރަދުތައް ކޮށްގެންނާއި ރައްޔިތުންގެ ހިޔާލާއެކު ހަދާފައިވާ ބިނާވެށި ޕްލޭންތަކުގެ ބޭނުމަކީ ކޮބައިތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

މޭޔަރު އާތިފް އިތުރަށް ވިދާޅުވީ، ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށް ހަވާލުކޮށްފައިވާ ގިނަ ބިންތަކުގައި މަޝްރޫއުތައް ނުހިންގިގެން އުޅޭ ސަބަބު ދެނެގަތުމަށްފަހު އެކަމަށް ހައްލު ހޯދުން މާ ބުއްދިވެރިވާނެ ކަމަށެވެ.

"ރަށުގެ ރައްޔިތުންގެ ހައްޤުތައް އުނިވާގޮތަށް ފަރުމާކޮށްފައިވާ މި ބިލަށް ވޯޓު ނުދެއްވުމަށް ރަށްރަށުގެ މަޖިލިސް މެންބަރުންނަށް ގޮވާލަން" އާތިފް ވިދާޅުވިއެވެ.

ހަންނާނު ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ، ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގަން ބޭނުންވެއްޖެ ނަމަ، އެ ތަންތަން ކައުންސިލްގެ އިހްތިސޯސުން ވަކިކުރަން ވަޒީރުންގެ މަޖިލީހަށް ނިންމިދާނެ ކަމަށެވެ. އަދި އެފަދަ ނިންމުމެއް ނިންމުމަށްފަހު ކަމާބެހޭ ގައުމީ އިދާރާއިން އެކަން ކައުންސިލަށް އެންގުމުން، އެ ބިމެއް ކައުންސިލްގެ މިލްކިއްޔާތުން ވަކިވެ، ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބިމަކަށް ބަދަލުވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، ރަށެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކުރުމުގެ ކުރިން ވެސް ސަރުކާރުން މަޝްރޫއަކަށް ބިން ހޯދަން އެދިއްޖެ ނަމަ، އެ ބިމެއް ކައުންސިލުން ގައުމީ އިދާރާއާ ހަވާލުކުރަން ޖެހޭނެ ކަމަށް އިސްލާހުގައިވެއެވެ. އަދި ކައުންސިލް މެންބަރުންގެ ސުލޫކީ މިންގަނޑަށް ގެނައި އިސްލާހުގައި، ސަރުކާރުގެ މަޝްރޫއުތަކަށް އެއްބާރުލުން ދިނުމަކީ ލާޒިމް ކަމެއްގެ ގޮތުގައި ވަނީ ހިމަނާފައެވެ. މަގުބޫލު ސަބަބެއް ނެތި މަޝްރޫއުތަކަށް ހުރަސްއެޅުމަކީ ކައުންސިލަރުން ކޮށްގެން ނުވާނެ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.