ދިވެހިރާއްޖޭގައި އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ޚިދުމަތް ރައްކާތެރިކަމާއެކު، ފެންވަރު ރަނގަޅުކޮށް ފޯރުކޮށްދިނުމަށް ބޭނުންވާ ޤާނޫނީ ހަމަތައް ބަޔާންކުރާ ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ.
މި ބިލަކީ ރައްޔިތުންގެ މަޖިލީހުން ފުރަތަމަ 14 މޭ 2026 ގައި ފާސްކުރި ބިލެކެވެ. ނަމަވެސް، ބައެއް ކަންކަމާ މެދު އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން 31 މޭ 2026 ގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވާފައެވެ. އޭގެ ފަހުން، ބިލަށް ގެނެވުނު އިޞްލާޙުތަކާއެކު 14 ޖުލައި 2026 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 14 ވަނަ ޖަލްސާއިން ވަނީ މި ބިލު އަލުން ފާސްކޮށްފައެވެ.
މި ބިލުގެ މައިގަނޑު މަޤުޞަދަކީ ރާއްޖޭގައި ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ޚިދުމަތް ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުން ކުރިއަށް ގެންދިއުމެވެ. މީގެ ތެރޭގައި ޚިދުމަތުގެ ފެންވަރު ހިފެހެއްޓުމާއި، ޚިދުމަތް ދޭ ފަރާތްތަކާއި ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތަކާއި ޒިންމާތައް ކަނޑައެޅުން ހިމެނެއެވެ.
މި ޤާނޫނުގެ ދަށުން، ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ނިޒާމާބެހޭ ސިޔާސަތުތައް ކަނޑައެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ "އޯގަން ޓްރާންސްޕްލާންޓް ކައުންސިލް" އެކުލަވާލައްވާނެއެވެ. އަދި މި ޚިދުމަތް ދިނުމުގެ ހުއްދަ ދޫކުރާނީ ޚާއްޞަ "އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭޝަން ކޮމިޓީ" އަކުންނެވެ.
ބިލުގައި ގުނަވަން ހަދިޔާކުރާ ފަރާތްތަކާއި ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތަކުގެ އިތުރުން، ޓްރާންސްޕްލާންޓްކުރުމުގައި އަމަލުކުރަންޖެހޭ އިޖުރާތުތަކާއި މިންގަނޑުތައް ވަނީ ތަފްޞީލުކޮށް ބަޔާންކޮށްފައެވެ. މީގެއިތުރުން، ޤާނޫނާ ޚިލާފަށް ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ މަސައްކަތް ކުރާ ފަރާތްތަކަށް ދެވޭނެ ކުށާއި އަދަބުތައްވެސް މި ބިލުގައި ހިމަނާފައިވެއެވެ.
މި ޤާނޫނަށް އަމަލުކުރަން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެން 180 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!