ރަޝިއާގެ މޮސްކޯގައި ބޭއްވި ބައިނަލްއަޤުވާމީ އެކްސްޓްރީމް ވޯޓާ-ސްޕޯޓްސް ފެސްޓިވަލް "ހައިޑްރޯފެސްޓް 2026" ގައި ރާއްޖެ ތަމްސީލުކުރި ހދ. ވައިކަރަދޫއަށް އުފަން ހުނަރުވެރި އެތުލީޓް އިބްރާހިމް ނާއިފް (ވައިރޮދި ނާއްޕެ) މުބާރާތުގެ ޕްރޮފެޝަނަލް ފްލައިބޯޑް ކެޓަގަރީން 4 ވަނަ ހޯދައިފިއެވެ.

މި މަހުގެ 10 އިން 11 އަށް މޮސްކޯގެ އިޒްމައިލޯވްސްކީ ޕާކުގައި ބޭއްވި މި މުބާރާތަކީ ދުނިޔޭގެ ފެންވަރުގެ އެތުލީޓުން ވާދަކުރި ބޮޑު ހަރަކާތެކެވެ.

Ad
rt

މި މުބާރާތުގެ ފްލައިބޯޑް ކެޓަގަރީން އެއްވަނަ ހޯދާފައިވަނީ ރަޝިއާގެ އެތުލީޓެކެވެ. ދެވަނަ ކޮރެއާގެ ޔޫން ހޯދިއިރު، ތިންވަނަ ހޯދީ ފްރާންސްގެ ޖެފް އެވެ. ނާއްޕެ ހަތަރުވަނަ ހޯދީ ދުނިޔޭގެ ޗެމްޕިއަނުންނާ ވާދަކޮށް، އޭނާގެ އާދަޔާޚިލާފު ހުނަރުތައް ދައްކާލައިގެންނެވެ. މި ފެސްޓިވަލުގައި ފްލައިބޯޑުގެ އިތުރުން ހޯވާބޯޑް، ޖެޓްޕެކް، އަދި ޖެޓް ސާފް ފަދަ ކެޓަގަރީތަކުން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިން ފެނިގެންދިޔައެވެ.

ރާއްޖޭގައި މިވަގުތު ހުރި އެންމެ އުންމީދީ އެއް ފްލައިބޯޑް އެތުލީޓް ނާއްޕެއަކީ އޭނާ ދައްކާލާ އުކުޅުތަކުގެ ސަބަބުން ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ފަރާތެކެވެ. މީގެ ތެރޭގައި "ޓްރިޕަލް ބެކްފްލިޕް"، "އިންފިނިޓީ"، އަދި "ޔުނިވާސަލް މޫވް" ފަދަ އުނދަގޫ ހަރަކާތްތައް ހިމެނެއެވެ. ރިސޯޓެއްގައި ވަޒީފާ އަދާކުރަމުން އަންނަ ނާއްޕެއާއެކު ރާއްޖޭގެ ތަޖުރިބާކާރު ފްލައިބޯޑަރު ހުސައިން އިއްބަޑޭވެސް މި މުބާރާތުގައި ބައިވެރިވިއެވެ.

2015 ވަނަ އަހަރު ބުރުއެޅުމުގެ ދާއިރާއިން ފެށި ނާއްޕެ މަޝްހޫރުވެފައިވަނީ "ވައިރޮދި ނާއްޕެ" ގެ ނަމުންނެވެ. "ވައިރޮދި" އަކީ ވައިކަރަދޫގެ ޒުވާނުންގެ މެދުގައި އޮންނަ، ކުޅިވަރުގެ ރޫހު ދިރުވައިދޭ ޖަމާއަތެކެވެ. މި ދަތުރަކީ މޮސްކޯގައި ދިވެހި ދިދަ އުފުލާލައި، ދިވެހި ޒުވާނުންގެ ހުނަރުވެރިކަން ދުނިޔެއަށް ދައްކާލުމަށް ލިބުނު ރަނގަޅު ފުރުސަތެކެވެ.

މިފަދަ ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ދިވެހި އެތުލީޓުން ބައިވެރިވުމަކީ ރާއްޖޭގެ ވޯޓާ ސްޕޯޓްސް ދާއިރާ އިތުރަށް ފުޅާވެގެންދާނެ ކަމެކެވެ.