ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ތަރައްޤީގެ މަޝްރޫޢުތައް ކަނޑައަޅާފައިވާ ސުންގަޑިތަކަށް ނިންމުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ނިންމަވާފައިވާ މި ނިންމެވުމުގެ ދަށުން، ސަރުކާރުގެ ހުރިހާ މަޝްރޫޢުތަކާއި ހަރަކާތްތައް ވިލަރެސްކުރުމަށް ބޭނުންކުރާ "ދުވެލި" ޕޯޓަލް އާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްއިން ތައްޔާރުކޮށްފައިވާ "ޕަބްލިކް އިންވެސްޓްމަންޓް މެނެޖްމަންޓް ސިސްޓަމް (PIMS)" ޕޯޓަލް، މި ހަފުތާގެ ނިޔަލަށް އަދާހަމަކުރާނެއެވެ. އަދި އެއަށްފަހު އެ ސިސްޓަމްތައް ވަގުތުން ވަގުތަށް އަދާހަމަކުރަމުން ގެންދާނެއެވެ.

Ad
rt

މި ފިޔަވަޅުތަކުގެ ދަށުން މަޝްރޫޢުތައް ހިންގުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގައި ޚާއްޞަ ޓީމެއް ގާއިމުކުރުމަށް ނިންމާފައިވާއިރު، މި ޓީމުގެ މައިގަނޑު މަސައްކަތަކަށް ވާނީ އެކިއެކި ވުޒާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދުވަހުން ދުވަހަށް ދިމާވާ މައްސަލަތައް ދެނެގަނެ، އެކަންކަމަށް އަވަސް ޙައްލެއް ހޯދައިދިނުމެވެ.

މީގެ އިތުރުން، ކޮންމެ ވުޒާރާއެއްގައިވެސް މަޝްރޫޢުތައް ދުވަހުން ދުވަހަށް ވިލަރެސްކުރާނެ ޚާއްޞަ ޔުނިޓެއް ގާއިމުކުރުން ވެސް މި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެއެވެ.

ވަޒީރުންގެ މަޖިލީހުގެ މި ނިންމެވުމުގައި އިމާރާތްކުރުމާއި ބޯހިޔާވަހިކަމާ ގުޅޭ މަޝްރޫޢުތަކަށް އިސްކަންދިނުމުގެ ގޮތުން، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ދަށުން ހިންގާ މަޝްރޫޢުތައް ތާވަލާ އެއްގޮތަށް ނިންމުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރުމަށާއި، މި ގޮތުން މަޝްރޫޢުތައް ހަވާލުކޮށްފައިވާ ކުންފުނިތަކާއި ފިނޭންސް މިނިސްޓްރީއާ ގުޅިގެން މަސައްކަތްތައް އަވަސްކުރުމަށް ބާރުއެޅުން ވެސް ހިމެނެއެވެ.

ސަރުކާރުގެ މި ފިޔަވަޅުތަކަކީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ ތަރައްޤީގެ މަސައްކަތްތައް ހަރުދަނާ ނިޒާމެއްގެ ދަށުން ބަލަހައްޓައި، ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.