ހދ. ހަނިމާދޫ ކައުންސިލަށް އަންނަ ޖުލައި މަހު ގްރާންޓު ދޫކުރާއިރު، އެ އަތޮޅު ހިރިމަރަދުއަށް ކަނޑައަޅާފައިވާ ގްރާންޓުވެސް ދޫކުރާނެ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ.

މިގޮތަށް ނިންމާފައިވަނީ ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމާ ގުޅިގެން، ހިރިމަރަދޫގެ އިދާރީ ހިންގުން ހަނިމާދޫ ކައުންސިލްގެ ދަށަށް ބަދަލުވެފައިވާތީއެވެ.

Ad
rt

ހަނިމާދޫ ކައުންސިލުން އާދީއްތަ ދުވަހު ވަނީ ހިރިމަރަދޫގެ މުވައްޒަފުންގެ މުސާރައާއި، ޕެންޝަން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އެލަވަންސް ފަދަ ޚަރަދުތައް ހަނިމާދޫގެ ބަޖެޓުން ކުރަންޖެހުމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ކައުންސިލުން ހާމަކުރި ގޮތުގައި، ޖޫން މަހު އެކަނިވެސް ހިރިމަރަދޫގެ ކަންކަމަށް ޖުމްލަ 267,780.43 ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މީގެ ތެރޭގައި ކުނިކޮށި ބެލެހެއްޓުމާއި، އިޖުތިމާއީ ސަރަހައްދު ސާފުކުރުމުގެ އިތުރުން ގުރްއާން ކިލާސް ހިންގުމުގެ ޚަރަދުތައް ހިމެނެއެވެ.

ހަނިމާދޫ ކައުންސިލުން މި ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް އެލްޖީއޭއިން ބުނީ މިއަހަރަށް ބަޖެޓު އެކުލަވާލާފައިވަނީ ހަނިމާދޫ އާއި ހިރިމަރަދޫއަކީ އިދާރީގޮތުން ވަކި ދެ ރަށެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް، ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމުގެ ނިންމުމާ ގުޅިގެން ގެންނަންޖެހޭ އިދާރީ ބަދަލުތައް ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ހަމަޖައްސަމުންދާ ކަމަށް އެލްޖީއޭއިން ބުނެއެވެ. އަދި މިކަން ހަނިމާދޫ ކައުންސިލަށް މިހާރު އަންގާފައިވާނެ ކަމަށްވެސް އެ އޮތޯރިޓީން ބުނެއެވެ.

އެލްޖީއޭއިން އިތުރަށް ބުނި ގޮތުގައި، ޖުލައި މަހުގެ ގްރާންޓް ހަނިމާދުއަށް ޖަމާކުރާއިރު ހިރިމަރަދޫގެ ރައްޔިތުންގެ ޚަރަދުތައް ހިމެނޭނެއެވެ. އަދި ނިމިދިޔަ ޖޫން މަހު ހަނިމާދޫ ކައުންސިލުން ހިރިމަރަދުއަށް ކުރި ޚަރަދުތައްވެސް ހަނިމާދޫ ކައުންސިލަށް ޖަމާކޮށްދޭނެކަމަށް އެލްޖީއޭ އިން ވަނީ ބުނެފައެވެ.

ކޮންމެ ގޯއްޗަކަށް ގޯއްޗެއްދީ، ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމުގެ މަސައްކަތް މަދުވެގެން 18 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ނިންމަވައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ހިރިމަރަދޫގައި 24 އޯގަސްޓް 2025ގައި ވަނީ އެކަން ޢިއުލާން ކުރަށްވާފައެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި، ހަނިމާދޫގައި ހިރިމަރަދޫ ރައްޔިތުންނަށް ޚާއްޞަކުރެވިފައިވާ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ހިންގުމާއި، މުނިސިޕަލް ޚިދުމަތްތައް ޤާއިމްކުރުމުގެ އެއްބަސްވުމެއްގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި އެޗްޑީސީއާ ދެމެދު އެދުވަހު އެއްބަސްވުމުގައި ވަނީ ސޮއިވެސް ކޮށްފައެވެ.

އެއަށްފަހު ހިރިމަރަދޫ ރައްޔިތުންގެ އިންތިޚާބީ ދާއިރާއަކީ ހަނިމާދޫ ކަމަށް 8 ޖެނުއަރީ 2026 ގައި ވަނީ ކަނޑައަޅުއްވާފައެވެ. މި ބަދަލާއެކު، އެންމެ ފަހުން ބޭއްވި ލޯކަލް އިންތިޚާބުގައި ހިރިމަރަދޫ ރައްޔިތުން ވޯޓުލާފައިވަނީ ހަނިމާދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން ހޮވުމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހިރިމަރަދޫއަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ކަނޑައަޅުއްވައި، 2026 މޭ 17 ވަނަ ދުވަހުން ފެށިގެން އެ ރަށުގެ ކައުންސިލް އުވާލައްވާފައެވެ.