ހއ. ފިއްލަދޫ މަގުތަކާއި ގޯޅިތައް ބޭނުންކުރާ މީހުންނަށާއި އުޅަނދު ފަހަރަށް ދަތިވާގޮތަށް ދޫކޮށްލާފައިވާ ތަކެތި ނަގައި ސާފުކުރުމަށް އެ ރަށު ކައުންސިލުން މުހުލަތެއް ދީފިއެވެ.

ފިއްލަދޫ ކައުންސިލުން ނެރުނު އާންމު އިއުލާނެއްގައި ބުނީ، އެ ރަށުގެ މަގުތަކަކީ ސާފުތާހިރު، އަމާން އަދި ތަރުތީބު މަގުތަކަކަށް ހެދުމަކީ ކައުންސިލްގެ މުހިންމު އަމާޒެއް ކަމަށެވެ.

Ad
rt

ނަމަވެސް، ހިނގާބިނގާވާ މީހުންނާއި ދުއްވާ އުޅަނދުފަހަރަށް ދަތިވާ ގޮތަށް ރަށުގެ މަގުތަކާއި ގޯޅިތަކުގެ އިތުރުން، މީހުން ދިރިނޫޅޭ ގޯތިތަކުގެ މަގުފަޅިތައް ސާފުނުކޮށް ގިނަ ދުވަސްވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

ކައުންސިލުން ވަނީ މަގުމައްޗަށް ދޫކޮށްލާފައިވާ އެންމެހާ ތަކެތި 31 ޖުލައި 2026 ވަނަ ދުވަހުގެ ނިޔަލަށް ނަގައި މަގުތައް ސާފުކުރުމަށް ރައްޔިތުންނަށް އަންގައި އިލްތިމާސްކޮށްފައެވެ. އަދި މި މުއްދަތުގެ ފަހުން މަގުތަކާއި ގޯޅިތަކަށް ދޫކޮށްފައި ހުންނަ ތަކެތި ނަގައި، ނައްތާލުމުގެ މަސައްކަތް ކައުންސިލުން ކުރާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.

މީގެ އިތުރުން، ރަށުގެ އަތިރިމަތީ ސަރަހައްދުގައި ބޭނުމެއް ނެތި ބަހައްޓާފައިވާ ނުވަތަ އަޅާނުލައި ދޫކޮށްލާފައިވާ ތަކެތީގެ މައްސަލައިގައިވެސް ކައުންސިލުން ވަނީ ފިޔަވަޅުއަޅައި، އެފަދަ ތަކެތީގެ ވެރިއަކު ހުރި ނަމަ، 10 ދުވަހުގެ ތެރޭގައި ލިޔުމުން ކައުންސިލަށް އެކަން އެންގުމަށް ފުރުސަތު ދީފައެވެ.

ރަށުގެ އަތިރިމަތީ ސަރަހައްދުގައި ބޭނުމެއް ނެތި ބަހައްޓާފައިވާ ނުވަތަ އަޅާނުލައި ދޫކޮށްލާފައިވާތަކެތި ނެގުމަށް އެންގުމުގެ އިތުރުން ފިއްލަދޫ ކައުންސިލުން ވަނީ އެރަށު ބަނދަރު ބެލެހެއްޓުމާބެހޭ އުޞޫލަށް ހިޔާލު ހުށަހެޅުމުގެ ފުރުޞަތުވެސް ރައްޔިތުންނަށް ހުޅުވާލާފައެވެ.