އެމްޑީޕީގެ ޗެއާޕަސަން އިންތިޚާބުގައި ވަކި ކެންޑިޑޭޓަކަށް އޭނާ ތާއީދު ނުކުރަށްވާކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.
މޭޔަރު އާތިފާއި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އަދި ޗެއާޕާސަން ކަމަށް ކުރިމަތިލައްވާ އެއް ކެންޑިޑޭޓު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ފެންނަ ފޮޓޯއެއް ހިމަނައި ''މާލެ ޓައިމްސް'' ކިޔާ އޮންލައިން ނޫހަކުން ވަނީ މޭޔަރު އާތިފް މީކާއީލަށް ތާއީދުކުރަށްވާފައިވާކަމަށް ބުނެ ޚަބަރެއް ގެނެސްދީފައެވެ.
''ކުޅުދުއްފުށިން "އިތުބާރު" ޓީމަށް ހޫނު މަރުހަބާއެއް: މޭޔަރު އާތިފްގެ ތާއީދު މީކާއިލަށް'' މި ސުރުޚީދަށުން ގެނެސްދީފައިވާ މިޚަބަރަށް ކުރެއްވި ކޮމެންޓެއްގައި މޭޔަރު އާތިފް ވިދާޅުވެފައި ވަނީ އޭނާ ވަކި ކެންޑިޑޭޓަކަށް ތާއީދުކުރާވާހަކަ ހާމަކޮށްފައިނުވާނެކަމަށެވެ.
''އަޅުގަނޑު ވަކި ކެންޑިޑޭޓަކަށް ތާއީދުކުރާވާހަކަ ހާމަކޮށްފައިނުވާނެ ވާހަކަ އިހްތިރާމާއިއެކު ދަންނަވަން، އަދި އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭނުގައި ހަރަކާތްތެރިނުވާ ވާހަކަވެސް ދަންނަވަން'' އާތިފް ވިދާޅުވެފަވެއެވެ.
އެމްޑީޕީ ޗެއާޕާސަން ކެންޑިޑޭޓް މީކާއީލް އިއްޔެ ކުޅުދުއްފުށީ ސިޓީގައި ވަނީ ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތްތަކުގައި ކުރީގެ ރައީސް ސޯލިހް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ކުޅުދުއްފުށީ ސިޓީގެ މޭޔަރު އާތިފް ޗެއާޕާސަން އިންތިޚާބުގައި ފާޅުގައި ވަކިކޮޅެއް ނުނަންގަވާ ހުންނެވިއިރު، ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު އަބުދުﷲ (ރޯޒޭ) އާއި ކައުންސިލަރ ރިލްވާން މުހައްމަދު (ރިލޭ) އަދި ކައުންސިލަރު ސަލްމާ މުހައްމަދު ތާއީދުކުރަށްވަނީ ޗެއާޕާސަން ކެންޑިޑޭޓް ކުރީގެ ރައީސް މުޙައްމަދު ނަޝީދަށެވެ. އެނގިފައިވާގޮތުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދު އޮތީ މީކާއީލް އަށެވެ.
އެމްޑީޕީގެ ޗެއާޕަސަން އިންތިޚާބު އޮންނާނީ އަންނަ ހުކުރު ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!