1447 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ދިޔަ ދިވެހި ޙައްޖާޖީންގެ ފުރަތަމަ ގްރޫޕް އަންނަ ހުކުރު ދުވަހު މާލެ އަންނާނެކަމަށް ދިވެހި ހައްޖު މިޝަންއިން މިއަދު ބުނެފިއެވެ.
ދިވެހި ޙައްޖުވެރިން ހުކުރު ދުވަހުން ފެށިގެން ރާއްޖެ އަންނަންފަށާއިރު، ޙައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ޖުމްލަ 4 ފްލައިޓެއްގައެވެ. މީގެ ތެރޭގައި ހިމެނެނީ ސައުދިއާ އެއަރލައިންސްގެ 2 ފްލައިޓާއި މޯލްޑިވިއަންގެ 2 ފްލައިޓެވެ.
ހައްޖު މިޝަނުން ހާމަކޮށްފައިވާ ތަފްސީލްތަކަށް ބަލާއިރު، ފުރަތަމަ ފްލައިޓު މި މަހުގެ 5 ވަނަ ދުވަހު 14:00 ގައި ޖެއްސުމަށް ވަނީ ތާވަލުކޮށްފައެވެ. ދެވަނަ ފްލައިޓު އަންނާނީ މި މަހުގެ 7 ވަނަ ދުވަހުގެ 17:40 ގައެވެ. ތިންވަނަ ފްލައިޓު 8 ވަނަ ދުވަހުގެ 14:00 ގައި އައުމަށް ހަމަޖެހިފައިވާއިރު، އެންމެ ފަހު ފްލައިޓު ރާއްޖެ އަންނާނީ 9 ވަނަ ދުވަހުގެ ދަންވަރު 12:00 ގައެވެ.
ޙައްޖުގެ މަނާސިކުތައް ފުރިހަމަކުރުމަށްފަހު، ޙައްޖުވެރިން މިހާރު ތައްޔާރުވަމުންދަނީ މަދީނާގެ މުހިންމު ތަންތަނަށް ޒިޔާރަތް ކުރުމަށެވެ.
މިއަހަރު ވެސް ރާއްޖެއަށް ލިބުނީ މިދިޔަ އަހަރުތަކެކޭއެއްގޮތަށް 1000 ރަސްމީ ކޯޓާއެވެ.
މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމުގައި 1.7 މިލިއަނަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި ބޭރު ގައުމުތަކުން އައި 1,546,655 ޙައްޖުވެރިންނާއި، ސައުދީގެ އެތެރޭގެ 160,646 ޙައްޖުވެރިން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!