2026 ވަނަ އަހަރުގެ ޙައްޖު މޫސުމުގެ ސިއްޙީ އޮޕަރޭޝަންތައް ކާމިޔާބުކަމާއެކު ނިންމާލާފައިވާކަން ސައޫދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހެލްތުން އިޢުލާނުކޮށްފިއެވެ.

ސައޫދީ ހެލްތް މިނިސްޓްރީން ކަށަވަރުކޮށްދީފައިވާ ގޮތުގައި މި އަހަރުގެ ޙައްޖު މޫސުމުގައި ޙައްޖާޖީންގެ މެދުގައި އެއްވެސް ބަލިމަޑުކަމެއް ނުވަތަ އާންމު ސިއްޙަތަށް ނުރައްކާވާފަދަ ކަމެއް ރިކޯޑުކުރެވިފައެއް ނުވެއެވެ.

Ad
rt

ސައޫދީ ހެލްތް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޙައްޖު މޫސުން ފެށުނީއްސުރެ ޛުލްޙިއްޖާ މަހުގެ 12 ވަނަ ދުވަހާ ހަމައަށް (މޭ 29) މެޑިކަލް ޓީމުތަކުން ވަނީ ޙައްޖާޖީންނަށް 2.5 މިލިއަނަށްވުރެ ގިނަ ސިއްޙީ ޚިދުމަތް ފޯރުކޮށްދީފައެވެ. މީގެ ތެރެއިން 114,889 މީހުން ސިއްޙީ މަރުކަޒުތަކުންނާއި އަވަސް ފަރުވާދޭ މަރުކަޒުތަކުން ޚިދުމަތް ހޯދާފައިވާއިރު، އިމަޖެންސީ ޑިޕާޓްމަންޓްތަކުން 58,462 ކޭސްއަކަށް ފަރުވާ ދީފައިވެއެވެ. އަދި އައުޓްޕޭޝަންޓް ކްލިނިކްތަކުން 29,846 ބަލިމީހުންނަށް ޚިދުމަތް ދީފައިވެއެވެ.

މީގެ އިތުރުން، 8,342 ބަލިމީހުން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދީފައިވާއިރު، ޚާއްޞަ ޑޮކްޓަރުންގެ ޓީމުތަކުން ވަނީ 410 ސާޖަރީއެއް ކޮށްފައެވެ. މީގެ ތެރޭގައި ހިތުގެ 323 ކެތީޓަރައިޒޭޝަން އާއި 33 އޯޕަން ހާޓް ސާޖަރީ ހިމެނެއެވެ. ސިއްޙީ އިދާރާތަކުން ވަނީ ބަލިތަކުން ރައްކާތެރިވުމުގެ ކެމްޕޭންތައް ވަރުގަދަކޮށް، 292,585 އަށްވުރެ ގިނަ ރައްކާތެރިކަމުގެ ޚިދުމަތްތައް ފޯރުކޮށްދީފައެވެ. އަދި 937 ކޯލް ސެންޓަރަށް އެއް މިލިއަނަށްވުރެ ގިނަ ފޯނު ކޯލް ލިބިފައިވާއިރު، ހަތް ބަހަކުން 24 ގަޑިއިރު މެޑިކަލް ލަފާ ފޯރުކޮށްދީފައިވެއެވެ.

މި އަހަރުގެ ޙައްޖު މޫސުމުގައި ސިއްޙީ ދާއިރާގެ އެންމެ ޒަމާނީ ޓެކްނޮލޮޖީތައް ބޭނުންކޮށްފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން، ކޮންމެހެން ބޭނުންވާ ބޭހާއި ސާމާނު އަވަހަށް އުފުލުމަށް ޑްރޯން ބޭނުންކޮށްފައިވާއިރު، އުނދަގޫ ސާޖަރީތައް ކުރުމަށް މެޑިކަލް ރޮބޮޓިކްސް ބޭނުންކޮށްފައިވެއެވެ. އަދި ހައި-ރިސްކް ޙައްޖާޖީންގެ ހާލަތު ދުރުން ބެލުމަށް ސްމާޓްވޮޗް ބޭނުންކޮށްފައިވެއެވެ. މިއީ ސިއްޙީ ދާއިރާގައި އާ އީޖާދުތައް ބޭނުންކުރުމަށް ސައުދީ އަރަބިއްޔާއިން ކުރަމުންދާ މަސައްކަތުގެ ހެއްކެކެވެ.