ތައިލެންޑުގެ ވިސާ ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

19 މެއި 2026 ގައި ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ނިންމާފައިވާ މި ނިންމުމާއެކު، މިހާރު ގައުމުތަކަށް ދެމުންދާ 60 ދުވަހުގެ ވިސާ ފްރީ އުވާލައި، ގައުމުތައް ތަފާތު ކެޓަގަރީތަކަކަށް ބަހާލުމަށް ވަނީ ނިންމާފައެވެ.

Ad
rt

މި އިސްލާހުގެ ދަށުން އެންމެ ބޮޑު ބަދަލެއް އަންނާނީ މިހާރު 60 ދުވަހުގެ ވިސާ ފްރީ ލިބޭ 93 ގައުމަށެވެ. މީގެ ބަދަލުގައި 54 ގައުމަކަށް 30 ދުވަހުގެ ވިސާ ފްރީ ދިނުމަށް ނިންމާފައިވާއިރު، މީގެ ތެރޭގައި ވިލާތުގެ ގައުމުތަކާއި، އެމެރިކާ، ޖަޕާން އަދި އަރަބި ބައެއް ގައުމުތައް ހިމެނެއެވެ. މި ބަދަލުގެ މަގްސަދަކީ ގައުމީ ސަލާމަތް ވަރުގަދަކުރުމާއި، އިގްތިސާދީ މަސްލަހަތު ހިމާޔަތްކުރުމުގެ އިތުރުން ތައިލެންޑުގެ އީ-ވިސާ ނިޒާމު އިތުރަށް ހަރުދަނާކުރުމެވެ.

ދިވެހިރާއްޖެ ހިމެނެނީ 15 ދުވަހުގެ ކެޓަގަރީގައި

އަލަށް ގެންނަ ބަދަލުތަކުގެ ދަށުން ތިން ގައުމަކަށް 15 ދުވަހުގެ ވިސާ ފްރީ މުއްދަތެއް ކަނޑައެޅުމަށް ވަނީ ނިންމާފައެވެ. އެ ގައުމުތަކަކީ ދިވެހިރާއްޖެ، މޮރިޝަސް އަދި ސީޝެލްސް އެވެ. މިއީ ކުރިން ލިބެމުންދިޔަ 60 ދުވަހުގެ މުއްދަތަށްވުރެ ބޮޑު ކުރުވުމެކެވެ. ތައިލެންޑް ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މިގޮތަށް މުއްދަތުތައް ތަފާތުކުރީ އެކި ގައުމުތަކުގެ މެދުގައި އޮންނަ ގުޅުމަށާއި ސިޔާސަތުތަކަށް ބަލައިގެންނެވެ.

މީގެ އިތުރުން، 'ވިސާ އޮން އެރައިވަލް' (VoA) ދޫކުރާ ގައުމުތަކުގެ އަދަދު ވެސް ވަނީ ހަތަރު ގައުމަކަށް މަދުކޮށްފައެވެ. އެއީ އިންޑިއާ، ސާބިއާ، އަޒަރުބައިޖާން އަދި ބެލަރޫސް އެވެ. އެހެން ގައުމުތަކުގެ މީހުން ތައިލެންޑަށް ދަތުރުކުރުމުގެ ކުރިން އީ-ވިސާ ނުވަތަ އެ ގައުމެއްގެ ނިސްބަތްވާ ކެޓަގަރީއެއްގެ ދަށުން ހުއްދަ ހޯދަންޖެހޭނެއެވެ.

ބައިލެޓްރަލް އެއްބަސްވުންތަކަށް ބަދަލެއް ނާންނާނެ

ތައިލެންޑުން ބައެއް ގައުމުތަކާއެކު ވެފައިވާ ދޭދޭ (ބައިލެޓްރަލް) އެއްބަސްވުންތަކަށް މި ބަދަލުގެ ސަބަބުން އަސަރެއް ނުކުރާނެއެވެ. އެގޮތުން ޗައިނާ، ރަޝިއާ އަދި ދެކުނު ކޮރެއާ ފަދަ ގައުމުތަކަށް އެ ގައުމުތަކާއެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން 30 ދުވަހުން ފެށިގެން 90 ދުވަހާ ހަމައަށް ވިސާ ނެތި ތައިލެންޑުގައި މަޑުކުރެވޭނެއެވެ.

މި އާ އުސޫލުތަކަށް އަމަލުކުރަން ފަށާނީ ތައިލެންޑުގެ ރޯޔަލް ގެޒެޓްގައި ޝާއިއުކުރާތާ 15 ދުވަސް ފަހުންނެވެ. އަދި މިހާރު ތައިލެންޑަށް އެތެރެވެފައިވާ ފަރާތްތަކަށް މި ބަދަލުގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާނެ ކަމަށާއި، އެމީހުންނަށް އެތެރެވިއިރު ލިބުނު މުއްދަތު ހަމަވަންދެން ތައިލެންޑުގައި ތިބެވޭނެ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.