މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ދ. މީދޫ ކައުންސިލްގެ ރައީސްގެ ނަތީޖާ އެއް ވޯޓުގެ ތަފާތެއްގައި އޮއްވާ އިތުރު ވޯޓެއް ސައްހަ ކަމަށް ހައި ކޯޓުން މިއަދު ހުކުމް ކުރުމުން ނަތީޖާ އެއްވަރުވެއްޖެ އެވެ.

މީދޫ ކައުންސިލްގެ ރައީސް ކަމަށް ޕީއެންސީންނާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އާއި އަމިއްލަ ކެންޑިޑޭޓަކު ވާދަ ކުރިއިރު, 392 ވޯޓުން ހޮވުނީ އެމްޑީއޭގެ ކެންޑިޑޭޓެވެ. އަދި ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހިމަށް ލިބުނީ 391 ވޯޓެވެ.

Ad
rt

އެ މައްސަލަ ސުހާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅީ އޭނާއަށް ލިބުނު ދެ ވޯޓެއް ގޯސްކޮށް ބާތިލްކުރި ކަމަށް ބުނެ އެވެ.

އެ މައްސަލާގައި ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ދެ ވޯޓުގެ ތެރެއިން އެއް ވޯޓު ބާތިލްކުރީ ގޯސްކޮށް ކަމަށެވެ. އެގޮތުން އެ ވޯޓުގައި ހެޔޮ ފާހަގައިގެ މަތިން ފަވާފައިވީ ނަމަވެސް އިތުރު ފާހަގައެއް ނުވަތަ ނިޝާނެއް ވޯޓު ކަރުދާހުގައި ނެތުމުން އެއީ ސައްހަ ވޯޓެއް ކަމަށް ހުކުމުގައިވެ އެވެ.

އެހެން ނަމަވެސް ދެވަނަ ވޯޓު ކަރުދާހުގައި ކެންޑިޑޭޓުގެ ނަމާ ދިމާލަށް ޖަހާފައިވާ ހެޔޮ ފާހަގައިގެ އިތުރުން އިތުރު ފާހަގައެއް އޮތުމުން އެއީ ބާތިލް ވޯޓެއް ކަމަށް ނިންމި ނިންމުން ރަނގަޅު ކަމަށް ހުކުމުގައިވެ އެވެ.

އެހެންވެ، ހައި ކޯޓުން ވަނީ ބާތިލް ކަމަށް ކަނޑައަޅާފައިވާ ދެ ވޯޓުގެ ތެރެއިން އެއް ވޯޓަކީ ސައްހަ ވޯޓެއްގެ ގޮތުގައި ބަލައިގެން ނަތީޖާ އަލުން އިއުލާން ކުރަން އަންގައިފަ އެވެ. އެހެންކަމުން އެ ހުކުމާ އެކު، ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓު އެއްވަރުވާނެ އެވެ.

އެގޮތަށް ހައި ކޯޓުން މިއަދު ހުކުމް ކުރިއިރު މ. ވޭވަށު ކައުންސިލްގެ އިންތިހާބުގެ މައްސަލާގައި ހައި ކޯޓުން އިއްޔެ ކުރި ހުކުމާއެކު, އެ ދާއިރާގެ ވޯޓުގައި ވެސް ތިން ވޯޓެއް ސައްހަ ކަމަށް ވަނީ ނިންމައި, ނަތީޖާ އަލުން އިއުލާންކުރަން އަންގައިފަ އެވެ.

އެގޮތަށް އަމަލު ކުރުމުން އިންތިހާބުގައި ކުރި ލިބޭނީ އެމްޑީޕީގެ ކެންޑިޑޭޓުގެ ބަދަލުގައި ޕީއެންސީގެ ކެންޑިޑޭޓަށެވެ.