ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ވާދަކުރާ ޓީމުތަކަށް، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ދަތުރުފަތުރުގެ ޚަރަދުގެ ގޮތުގައި ދޭން ނިންމާފައިވާ ފައިސާގެ އަދަދު އެ އެސޯސިއޭޝަނުން އިތުރުކޮށްފިއެވެ.

އިއްޔެ ބޭއްވި އެފްއޭއެމްގެ 13 ވަނަ އެކްސްކޯ ބައްދަލުވުމުގައި މި ނިންމުން ނިންމާފައިވަނީ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ދަތުރުފަތުރުގެ ޚަރަދުތައް ބޮޑުވުމާ ގުޅިގެންނެވެ. މި މުބާރާތްތަކަކީ ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ މުބާރާތްތަކަކަށް ވުމުން، ބައެއް ޓީމުތަކަށް ކަނޑުމަގުންނާއި ވައިގެ މަގުން ދަތުރުކުރުމަށް ބޮޑެތި ޚަރަދުތަކެއް ހިނގައެވެ.

Ad
rt

އެފްއޭއެމުން ނިންމާފައިވަނީ ނޯތު ރީޖަން ލީގު، ސެންޓްރަލް ރީޖަން ލީގު އަދި ސައުތު ރީޖަން ލީގުގައި ވާދަކުރާ ކޮންމެ ޓީމަކަށް ފީފާގެ އެހީތެރިކަމާއެކު ކުރިން ދިނުމަށް ހަމަޖެހިފައިވާ 90,000ރ. (ނުވަދިހަ ހާސް ރުފިޔާ) ގެ އިތުރަށް 30,000ރ. (ތިރީސް ހާސް ރުފިޔާ) ދިނުމަށެވެ. މިއާއެކު، ކޮންމެ ޓީމަކަށް ދަތުރުގެ ޚަރަދުތައް ހަމަޖެއްސުމަށް ޖުމްލަ 120,000ރ. (އެއްލައްކަ ވިހި ހާސް ރުފިޔާ) ލިބޭނެއެވެ.

މި ބަދަލާއެކު ރީޖަނަލް ލީގުތަކުގައި ވާދަކުރާ ޖުމްލަ 12 ޓީމުގެ ދަތުރުފަތުރުގެ ޚަރަދުތަކަށް އެފްއޭއެމުން ޖުމްލަ 1,440,000ރ. (އެއް މިލިއަން ހަތަރުލައްކަ ސާޅީސް ހާސް ރުފިޔާ) ބަޖެޓްކޮށްފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

ނޯތު ލީގާއި ސެންޓްރަލް އަދި ސައުތު ރީޖަން މިއިން ކޮންމެ ލީގެއް ވެސް ކުރިއަށް ގެންދާނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ.

މާލޭ ލީގު ދެވަނަ ޑިވިޝަނާއި، ނޯތު، ސެންޓްރަލް، ސައުތު ރީޖަންގެ ޗެމްޕިއަނުންނަށް ޕްރިމިއާ ލީގު ކޮލިފައިން އިން ފުރުސަތު ލިބޭނެ އެވެ. މި ހަތަރު ޓީމުގެ އިތުރުން، މި ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގެ ހަތްވަނަ އާއި އަށްވަނައަށް ދިޔަ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސް އާއެކު، ޕްރިމިއާ ލީގު ޕްލޭއޮފްގައި ޖުމްލަ ހަ ޓީމު ވާދަ ކުރާނެ އެވެ. އަދި ޕްލޭއޮފްގެ އެންމެ ރަނގަޅު ހަތަރު ޓީމު، އަންނަ ސީޒަންގެ ޕްރިމިއާ ލީގަށް ކޮލިފައި ވާނެ އެވެ.