ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކޯޓު އަމުރުތަކަށް ގޮންޖަހައި މަސައްކަތް ކުރުމުގެ ޖާގަ ނުދީ، ޤާނޫނުގެ ވެރިކަން ނެގެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއް ކަމަށާއި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދާކުރެއްވީ އެ ޒިންމާ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ، ރައީސް ޑރ. މުޢިއްޒަކީ މީޑިއާ އާއި ޑިމޮކްރަސީއާ ބީރައްޓެހި ބޭފުޅެއްގެ ގޮތުގައި ސިފަކުރަން ވާދަވެރި ސިޔާސީ ޕާޓީތަކުންނާއި، ސަރުކާރާ ދެކޮޅު ބައެއް މީޑިއާތަކުން ކުރާ މަސައްކަތަކީ ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ކުރާ ހީލަތްތެރި ފިތުނަވެރި މަސައްކަތެއް ކަމަށެވެ.
ޝިޔާމް ފާހަގަކުރެއްވި ގޮތުގައި ރައީސް ޑރ. މުޢިއްޒު މަސައްކަތްކުރައްވަނީ މީޑިއާތަކާ ވަރަށް ގާތުންނެވެ. އެގޮތުން ކޮންމެ ހަފްތާއަކު އެއްދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތުތައް ޙިއްސާކުރައްވައި، މިނިވަން ނޫސްވެރިކަމަށް ދެއްވަންޖެހޭ ޖާގަ ދެއްވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"ހަމައެއާއެކު ޝަރުޢީ ކޯޓުތަކުން ކުރާ އަމުރުތަކަށް ތަބާވުމާއި، އަދި ވަކިން ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެ އަމުރުތަކަށް ގޮންޖަހައި މަސައްކަތްކުރުމުގެ ޖާގަނުދީ ޤާނޫނުގެ ވެރިކަން ނެގެހެއްޓުމަކީވެސް ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއް. އެމަނިކުފާނު އަދާކުރެއްވީ އެ ޒިންމާ،" ޝިޔާމް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މިނިވަން ނޫސްވެރިކަމުގެ ނަމުގައި މީހުންގެ އަބުރު ނަގާލައި، ކޯޓު އަމުރުތަކަށް ގޮންޖަހައި ހިތުހުރި ގޮތަކަށް އަމަލުކުރުމަކީ ޑިމޮކްރަސީ ނޫން ކަމަށެވެ. އަދި ރައީސް ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުންތަކަކީ ޒާތީގޮތުން ފުރައްސާރަކުރަން ލިބޭ ފުރުޞަތެއް ކަމަށް ބައެއް ނޫސްވެރިން ދެކުމަކީ ނޫސްވެރިކަމުގެ އަޚްލާޤީ ހަމަތަކާ ޚިލާފު ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މި މޭރުމުން ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން އަބަދުވެސް ޒިންމާދާރު ނޫސްވެރިކަމަށް މަރުޙަބާ ކިޔާނެ ކަމަށާއި، އެމަނިކުފާނަކީ ފަސްޖެހިވަޑައިގަތުމެއް ނެތި ޤާނޫނުގެ ވެރިކަން ނަގަހައްޓަވާނެ ރައްޔިތުންނަށް އިޚްލާސްތެރި ވެރިއެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!