ހއ. ކެލާ އާއި ށ. ފުނަދޫ ސަރަހައްދުގައި މަސްވެރިކަމަށް ޚާއްޞަ ކަނދުފަތިތަކެއް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯސަން ރިސޯސަސް އިން ގާއިމްކޮށްފިއެވެ.
ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، 06 މޭ 2026 ވަނަ ދުވަހު ވަނީ ހއ. ކެލާގެ އުތުރުން 17 މޭލު ބޭރުގައި ދޮށީ ކަނދުފަތި (ނަންބަރު: B09D01-03) ގާއިމްކޮށްފައެވެ.
މީގެ އިތުރުން، 05 މޭ 2026 ވަނަ ދުވަހު ށ. ފުނަދޫގެ އިރުއުތުރުން 11.5 މޭލު ބޭރުގައި ވެސް ވަނީ ދޮށީ ކަނދުފަތި (ނަންބަރު: D09D01) އަޅާފައެވެ.
މިކަމާއި ގުޅިގެން ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު މަމްދޫޙް ވިދާޅުވެފައި ވަނީ މީގެ ކުރިން ވެސް އެ ސަރަހައްދުގެ އެކި ހިސާބުތަކުގައި ވަނީ ކަނދުފަތިތައް ގާއިމްކޮށްފައިވާކަން ފާހަގަކުރަށްވައި، އެގޮތުން 2024 މާޗް 03 ގައި ފުނަދޫ އިރުން 4.5 މޭލު ބޭރުގައި ވަދު ކަނދުފަތި އަޅާފައިވާކަމަށް ވިދާޅުވެފައެވެ. އަދި 2025 އޮކްޓޯބަރު 10 ވަނަ ދުވަހު ށ. އެކަސްދޫ އިރުދެކުނުން (ށ. މާއުނގޫދޫ އިރުއުތުރުން) 5 މޭލު ބޭރުގައި ވެސް ވަނީ ވަދު ކަނދުފަތި ގާއިމްކޮށްފައިކަމަށް އޭނާ ވިދާޅުވިއެވެ.
މަމްދޫހް އިތުރަށް ވިދާޅުވިގޮތުގައި މަސްވެރިކަމުގެ އުމްރާނީ ތަރައްގީއަށް މުހިންމު މަސައްކަތްތަކެއް މި ސަރުކާރުން ވަނީ ކޮށްފައެވެ. އެގޮތުން 2025 އޮކްޓޯބަރު 15 ގައި ފުނަދޫ އައިސް ޕްލާންޓު ހުޅުވައި މިހާރު ޚިދުމަތް ދެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. މިއީ 2024 ވަނަ އަހަރު ސޮއިކޮށް، 2025 ވަނަ އަހަރު އަމަލީ މަސައްކަތް ނިންމި މަޝްރޫއެކެވެ.
މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން މަމްދޫޙް ވިދާޅުވީ، ކުރީގެ ސަރުކާރުން ނުދައްކާ އޮތް 270 މިލިއަނަށްވުރެ ގިނަ ރުފިޔާ މި ސަރުކާރުން ދައްކާ ހަލާސްކޮށްފައިވާ ކަމަށެވެ. އަދި މިހާރު މަސްވެރިން ކިރާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދައްކަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސްވެރިންނަކީ މާލީ އިދާރާތަކުން ބަލައިގަންނަ ބަޔަކަށް ހަދައި، ކޮންމެ އަތޮޅަކުން އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމާއި، ރާއްޖޭގެ ހުރިހާ ސަރަހައްދަކުން އައިސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދީފައިވާ ކަމަށް މަމްދޫޙް ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!