ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ސްރީލަންކާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލިހުގެ ރައީސް ޑރ. ޖަގަތް ވިކްރަމަރަތްނަ އެމް. ޕީ، އާއި އިއްޔެ ބައްދަލު ކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ މެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. ދެ ބޭފުޅުންވެސް ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ގުޅުމަކީ ހަމައެކަނި ސިޔާސީ ގުޅުމެއް ނޫނެވެ. އޭގެ ބަދަލުގައި މިއީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައިވެސް އުފެދިފައިވާ ވަރަށް ޚާއްޞަ އަދި ގާތް ގުޅުމެއްކަން ދެ ބޭފުޅުން ފާހަގަކުރެއްވިއެވެ.
ޤާނޫނު ހަދާ މަޖިލިސްތަކުގެ ގުޅުން ހަރުދަނާކުރުން
ދެ ޤައުމުގެ ޤާނޫނު ހަދާ މަޖިލިހުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައެވެ. އެގޮތުން މޯލްޑިވްސް-ސްރީލަންކާ ޕާލިމެންޓަރީ ފްރެންޑްޝިޕް ގްރޫޕާއި ސްރީލަންކާ-މޯލްޑިވްސް ޕާލިމެންޓަރީ ފްރެންޑްޝިޕް އެސޯސިއޭޝަން މެދުވެރިކޮށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ދެ ބޭފުޅުން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ދެ ޤައުމުގެ ޤާނޫނުހަދާ މަޖިލިސްތަކުގެ މެދުގައި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށް، މަޢުލޫމާތު ޙިއްސާކުރުމަކީ ނުހަނު ބޭނުންތެރި ކަމެއްގެ ގޮތުގައި ދެ ބޭފުޅުންވެސް އިއްތިފާގުވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުން ނިންމަވާލައްވާފައިވަނީ ދެ ޤައުމުގެ ޤާނޫނު ހަދާ މަޖިލިހުގެ މެންބަރުންގެ މެދުގައި އެއްބާރުލުން އިތުރަށް ފުޅާކޮށް، ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމުގެ އަޒުމު އާކުރައްވަމުންކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރާއްޖެއާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކޮށްފައިވަނީ 2025 ވަނަ އަހަރުގެ ޖުލައި މަހުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!