ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ ރާއްޖެއާއި ސްރީލަންކާއާ ދެމެދު، މުސްތަޤުބަލަށް އަމާޒު ހިފާފައިވާ އައު ބަދަހި ގުޅުމެއްގެ ފެށުމެއްކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެއާއެކު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު ދެއްވި ނޫސްބަޔާނުގައެވެ.

Ad
rt

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ފުރަމާނަ ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އަވަށްޓެރި ގާތް ގުޅުމަށް އައު ދިރުމެއް ގެނެސްދެއްވުމުގެ ދަތުރުފުޅެއް ކަމަށެވެ. އަދި ރައީސް ޑިސަނާޔަކެއާއެކު ބޭއްވި މަޝްވަރާތަކަކީ ކާމިޔާބު ބައްދަލުވުންތަކެއް ކަމަށާއި، މި ބައްދަލުވުންތަކުގައި ސޮއިކުރެވުނު އެއްބަސްވުންތައް ތަންފީޛުކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިޤްތިޞާދީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވިޔަފާރިއާއި އިންވެސްޓްމަންޓަށް ފަހި މާޙައުލެއް ޤާއިމުކުރުމަށް ދެ ޤައުމުން އެއްބަސްވެފައިވާ ކަމަށެވެ. މިގޮތުން ކުރިއަށް އޮތް 'މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް' މެދުވެރިކޮށް ދެ ޤައުމުގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުންގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ތަޢުލީމާއި، ފަންނީ ތަމްރީނާއި، ޒުވާނުން ބާރުވެރިކުރުވުމުގެ ދާއިރާއިން މުއައްސަސާތަކުގެ މެދުގައި އޮތް ގުޅުން ވަރުގަދަކުރުމަށްވެސް ވަނީ ނިންމާފައެވެ. މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމާއި، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ދެ ރައީސުންގެ ބައްދަލުވުމުގައި ވަނީ ފާހަގަކުރައްވާފައެވެ.

ބައިނަލްއަޤްވާމީ މައިދާނުގައި، ހާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި ދެ ޤައުމުން ގުޅިގެން ވަކާލާތުކުރުމަށް ވަނީ ނިންމާފައެވެ. ރައީސް މުޢިއްޒު ވިދާޅުވީ، މި ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުމުގެ އައު ބާބެއްގެ ފެށުން ކަމަށާއި، އިންޑިއާ ކަނޑުގެ ސުލްޙަވެރިކަން ދެމެހެއްޓުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.

ނޫސްބަޔާންދެެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސްރީލަންކާގެ ރައީސަށާއި ސަރުކާރަށް، ދިވެހި ވަފުދަށް ބެހެއްޓެވި ފުރިހަމަ މެހެމާންދާރީއަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ސަގާފީ އަދި ތާރީޚީ ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.