ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެންނަވާފައިވާ ބަދަލުތަކާ ގުޅިގެން، ބައެއް ވުޒާރާތަކަށް ދިވެހިބަހުން ކިޔާނެ ރަސްމީ ނަންތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ހަމަޖައްސަވައިފިއެވެ.

މި ނަންތައް ހަމަޖެއްސެވީ 2026 އެޕްރީލު 14 އަދި 15 ވަނަ ދުވަހު ސަރުކާރުގެ އޮނިގަނޑަށް ގެންނެވި ބަދަލުތަކާ ގުޅިގެންނެވެ.

Ad
rt

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއްޔެ ޝާއިޢުކުރެއްވި މިކަމާއި ގުޅޭ ދެންނެވުމުގައިވާ ގޮތުން، ޖުމްލަ 12 ވުޒާރާއެއްގެ ނަން ދިވެހިބަހުން ބޭނުންކުރާނެ ގޮތް ވަނީ ކަނޑައަޅުއްވާފައެވެ. މީގެ ތެރޭގައި އަލަށް އުފެއްދެވި ވުޒާރާތަކާއި، މަސްއޫލިއްޔަތުތަކަށް ބަދަލު އައިސްފައިވާ ވުޒާރާތައް ހިމެނެއެވެ.

ދިވެހިބަހުން ނަން ކިޔުމަށް ހަމަޖެއްސެވި ގޮތް:

މި ބަދަލުގެ ދަށުން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީއަށް ކިޔާނީ "ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާ" އެވެ. އަދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްއަށް "މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާ" ގެ ނަން ވަނީ ދެއްވާފައެވެ.

ތަޢުލީމީ ދާއިރާއަށް ބަލާއިރު، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓަށް ކިޔާނީ "ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ" އެވެ. އަދި ޞިއްޙީ ވުޒާރާގެ ނަން "ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ" އަށް ވަނީ ބަދަލުކުރައްވާފައެވެ.

އިގުތިސާދީ އަދި އުމްރާނީ ތަރައްޤީގެ ދާއިރާއިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑަށް "އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާ" ކިޔުމަށް ހަމަޖައްސަވާފައިވާއިރު، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓަށް ކިޔާނީ "ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ" އެވެ.

މީގެ އިތުރުން މަސްވެރިކަން، އިސްލާމީ ކަންތައްތައް، ފަތުރުވެރިކަން، ޒުވާނުންނާއި ކުޅިވަރު، ފަންނާއި ސަގާފަތް އަދި ތިމާވެއްޓާ ބެހޭ ވުޒާރާތަކުގެ ނަންތައްވެސް ވަނީ ދިވެހިބަހުން ބޭނުންކުރާނެ ރަސްމީ ގޮތްތަކަށް ބަދަލުކުރައްވާފައެވެ. މި ބަދަލުތަކަށް މިއަދުން ފެށިގެން ރަސްމީ އިދާރާތަކުން އަމަލުކުރަން ފަށާނެއެވެ.