ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގި ފެންނަ ނުފެންނަ ވޯޓުން ހާމަވެގެންދިޔައީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ރައްޔިތުން ކުރާ އިތުބާރު ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ދިވެހީންގެ ނިންމުން" ކަވަރޭޖުގައި ރޭ ވާހަކަ ދައްކަވަމުން ޝުޖާޢު ވިދާޅުވީ، މި އިންތިޚާބުގެ ނަތީޖާ ބޭނުންކޮށްގެން ރައްޔިތުންނަށް އޮޅުވާލުމަށް އިދިކޮޅު އެމްޑީޕީއާއި ބައެއް އެހެން ޕާޓީތަކުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް، ހޮނިހިރު ދުވަހު ނެގުނު ވޯޓަކީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި އައު ސަފުހާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޝުޖާޢު ވިދާޅުވި ގޮތުގައި، ކުރީގެ ސަރުކާރުތަކާ ޚިލާފަށް ރައީސް މުޢިއްޒު މުހިންމު ނިންމުންތައް ނިންމަވަނީ ރައްޔިތުންގެ މަޝްވަރާއާއި ރުހުން ހޯއްދަވައިގެންނެވެ. ކުރީގެ ރައީސުންނަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ވަޑައިގަންނަވަން ކެރިވަޑައިނުގެންނެވިކަން ފާހަގަކުރައްވަމުން ޝުޖާޢު ވިދާޅުވީ، ރާއްޖެއަށް ޕާޓީ ސިސްޓަމް ތަޢާރަފު ކުރީވެސް ރައްޔިތުންގެ ރުހުމެއް ނެތި ކަމަށެވެ. އަދި ކަނޑުން ބައެއް ދޫކޮށްލުމާއި، ސަރުކާރުގެ ކުންފުނިތަކުގެ ހިއްސާ ވިއްކާލުން ފަދަ ކަންކަން ކުރީ ރައްޔިތުންގެ ގާތުގައި "ހޭވެސް" އަހާނުލައި ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
"ބިމާ ބެހޭ ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ކުރީ ސަރުކާރުން ކަންކަން ކުރީ ހިތަށް ފެނުނު ގޮތަކަށް ރައްޔިތުންގެ އެއްވެސް މަޝްވަރާއެއް ނެތި. ނަމަވެސް ރައީސް މުޢިއްޒު ވަނީ އެކަންކަން ބަދަލުކުރައްވާފައި،" ޝުޖާޢު ވިދާޅުވިއެވެ.
ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ މެދު ނެގުނު ވޯޓުގެ ނަތީޖާއަށް އަލިއަޅުވާލައްވަމުން ޝުޖާޢު ވިދާޅުވީ، ކޮންމެ ގޮތަކަށް ނަތީޖާ ނިކުތަސް އެއިން ދައްކައިދެނީ ރައްޔިތުން ރައީސަށް ކުރާ އިތުބާރު ކަމަށެވެ.
"މި ނަތީޖާއިން ދައްކައިދިނީ ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުން ކުރާ އިތުބާރު. އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާ ރައީސް މުޢިއްޒުގެ އަރިހުން މިވެނިކަމެއް ނުކުރާށޭ ނުވަތަ މިވެނި ކަމެއް ކުރާށޭ ބުނެ ނިންމައިފިނަމަ އެކަމެއް ކުރާނެކަން،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އިންތިޚާބުގެ ނަތީޖާއަށްފަހު ރައީސް މުޢިއްޒުގެ ފަރާތްޕުޅުން ފެނިވަޑައިގަތީ ރައްޔިތުންގެ ނިންމުން އިޚްލާޞްތެރިކަމާއެކު ބަލައިގަތުމުގެ ރީތި ނަމޫނާއެއް ކަމަށް ޝުޖާޢު ފާހަގަކުރެއްވިއެވެ. އަދި ކުރިން އެމްޑީޕީގެ ތާއީދު ބޮޑު ރަށްތަކުންވެސް މިފަހަރު ސަރުކާރުގެ ސިޔާސަތުތަކަށް ބޮޑު ތާއީދެއް ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ޝުޖާޢު ވަނީ ސަރުކާރު ދެމެހެއްޓުމުގައި ސާބިތުވެ ތިބުމަށާއި، ކުރިއަށް އޮތް އިންތިޚާބުތަކަށް ފުރިހަމައަށް ތައްޔާރުވުމަށް ޕީއެންސީގެ ހުރިހާ މެންބަރުންނަށް އިލްތިމާސް ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!